Roadha Mihaaru
ރޭންކިން މުބާރާތުން ވެސް ދީމާ އާއި ޝައްފާން އެއްވަނަ

ގައުމީ ރޭންކިން މުބާރާތުން ވެސް ދީމާ އާއި ޝައްފާނަށް އެއްވަނަ

09 ޖެނުއަރީ 2023

ޓޭބަލް ޓެނިސް ގައުމީ ރޭންކިން ކަނޑައެޅުމަށް ބޭއްވި ރޭންކިން މުބާރާތުން ވެސް، ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލް އެއްވަނަ ހޯދައިފި އެވެ.

ޓޭބަލް ޓެނިސް ގައުމީ ރޭންކިން ކަނޑައެޅުމަށް ބޭއްވި ރޭންކިން މުބާރާތުން ވެސް، ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލް އެއްވަނަ ހޯދައިފި އެވެ.

ދީމާ އާއި ޝައްފާން އަކީ ނިމިދިޔަ ގައުމީ މުބާރާތުގެ ސިންގަލްސް ބައިން ވެސް ޗެމްޕިއަންކަން ހޯދި ދެ ކުޅުންތެރިންނެވެ. އަދި މިދިޔަ އަހަރުގެ ރޭންކިން މުބާރާތުން ވެސް އެއްވަނަ ހޯދީ މި ދެ ކުޅުންތެރިންނެވެ.

ގައުމީ ރޭންކިންގެ އެއްވަނަ މަގާމު 2018 އިން ފެށިގެން ދީމާ ގެންދަނީ ދަމަހައްޓަމުންނެވެ. މިފަހަރުގެ ރޭންކިން މުބާރާތުގައި ތިން ބުރުގެ މަތިން ކުޅުނު 24 މެޗު ވެސް ދީމާ ކާމިޔާބުކޮށް 48 ޕޮއިންޓް ހޯދި އެވެ.

ފިރިހެން ބައިގައި ޝައްފާން ވެސް ކުޅުނު އެ އަދަދަށް މެޗު ކުޅެ ހުރިހާ މެޗަކުން މޮޅުވި އެވެ.

ގައުމީ ރޭންކިންގެ ގަދަ 5 - އަންހެން

1. ފާތިމަތު ދީމާ އަލީ 48 ޕޮއިންޓް

2. އައިޝަތު ރަފާ ނާޒިމް 45 ޕޮއިންޓް

3. ފާތިމަތު ޖުމާނާ ނިމާލް 40 ޕޮއިންޓް

4. މިޝްކާ މުހައްމަދު އިބްރާހިމް 38 ޕޮއިންޓް

5. އާމިނަތު ޝިއުރާ ޝަރީފް 36 ޕޮއިންޓް

އަންހެން ރޭންކިންގެ ދެވަނަ މަގާމު ހޯދީ ގައުމީ މުބާރާތުގެ ފައިނަލުގައި ވެސް ދީމާ އާ ވާދަ ކުރި އައިޝަތު ރަފާ ނާޒިމް އެވެ. ގައުމީ ފައިނަލުގައި ޝައްފާން އާ ވާދަކުރި މޫސާ މުންސިފް އަހުމަދަށް ކުރިމަތިވެފައިވާ އަނިޔާގެ ސަބަބުން ރޭންކިން މުބާރާތުގައި އޭނާ ވާދައެއް ނުކުރެ އެވެ. އެކަމަކުނުވަ ކުޅުންތެރިން ހިމެނޭ ގައުމީ ރޭންކިންގެ ލިސްޓްގެ ނުވަ ވަނަ އަކީ މުންސިފެވެ.

ފިރިހެން ރޭންކިންގެ ދެވަނަ މުހައްމަދު ޒީސްތު ނަސީމް ހޯދީ ޖުމުލަ 45 ޕޮއިންޓް ހޯދައިގެންނެވެ. ތިން ރައުންޑްގައި ވެސް އޭނާ ބަލިވީ ޝައްފާން އަތުންނެވެ. އަންހެން ރޭންކިންގެ ދެވަނަ ރަފާ ވެސް ވަނީ ޖުމުލަ 21 މެޗުން މޮޅުވެފަ އެވެ. އޭނާ އަށް ވެސް ޖުމުލަ 45 ޕޮއިންޓެވެ.

ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ސަރުކާރުން ދޭ 5،000 ރުފިޔާގެ އިނާޔަތް ޓީޓީން ލިބޭނީ އަންހެން ފިރިހެން ވަކިން ރޭންކިންގެ ގަދަ ފަސް ކުޅުންތެރިންނަށެވެ.

ގައުމީ ރޭންކިންގެ ގަދަ 5 - ފިރިހެން

1. މުހައްމަދު ޝައްފާން އިސްމާއީލް 48 ޕޮއިންޓް

2. މުހައްމަދު ޒީސްތު ނަސީމް 45 ޕޮއިންޓް

3. އަޚްޔާރު އަހުމަދު 42 ޕޮއިންޓް

4. އަހުމަދު ތާބިން ޝުޖާއު 38 ޕޮއިންޓް

5. ޒީކް ހަސަން ލަތީފް 36 ޕޮއިންޓް