Roadha Mihaaru
ޓީޓީގެ ގައުމީ ތަށި ދީމާ މިލްކުކޮށްފި

ވިދިވިގެން ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް ގައުމީ ތަށި ދީމާ މިލްކުކޮށްފި

30 ޑިސެމްބަރ 2022

ފައިނަލުގައި އައިޝަތު ރަފާ ނާޒިމްގެ މައްޗަށް ކާމިޔާބު ހޯދައި، ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.

ފައިނަލުގައި އައިޝަތު ރަފާ ނާޒިމްގެ މައްޗަށް ކާމިޔާބު ހޯދައި، ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.

އެންމެ ފަހުގެ ތިން ފައިނަލުގައި ވެސް ވާދަ ކުރީ ދީމާ އާއި ރަފާ އެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މުބާރާތް ބާއްވާފައެއް ނުވެ އެވެ.

ރާއްޖޭގެ ޓީޓީ ޑޮމެސްޓިކް މުބާރާތްތަކުގައި މިހާރު އެންމެ ވާދަވެރި ދެ ކުޅުންތެރިންނަކީ ގައުމީ ޓީމުގައި ޑަބަލްސް ޕެއާއެއް ގޮތުގައި ކުޅެމުން އަންނަ ދީމާ އާއި ރަފާ އެވެ. ޒުވާން ދެ ކުޅުންތެރިންގެ ވާދަވެރި މެޗުތަކުގައި ކުރި ހޯދާފައި ވަނީ ދީމާ އެވެ.

މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސިންގަލްސް ފައިނަލުގައި ވެސް މި ދެ ކުޅުންތެރިންގެ ކުރިމަތިލުން ކާމިޔާބު ކުރީ ދީމާ އެވެ.

މުބާރާތުގެ ކުރިން ދެ ކުޅުންތެރިން ވެސް ވަނީ ރާއްޖެއިން ބޭރުގައި ޓްރޭނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ. އޮލިމްޕިކް ސްކޮލާޝިޕެއްގެ ދަށުން ދީމާ ޓްރޭނިން ހަދަމުން އަންނަނީ ފްރާންސްގެ ޕެރިހުގަ އެވެ. މި މަހު ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ ކޮލިފައިން މުބާރާތުގައި ކުޅެ ގުރޫޕްގެ އެއްވަނަ ހޯދައި ދީމާ ވަނީ އަންނަ މަހު ކުޅޭ އޭޝިއާ މުބާރާތައް ކޮލިފައި ވެފަ އެވެ.

ޓީޓީ އެސޯސިއޭޝަނުން ތަނަވަސްކޮށް ދިން ފުރުސަތެއްގައި ދީމާ ވަނީ ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ޓްރޭނިން ކޭމްޕެއް ކްރޮއޭޝިއާގައި ފުރިހަމަކޮށްފަ އެވެ.

ފިރިހެން ސިންގަލްސް ގައުމީ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޝައްފާން އިސްމާއީލް އެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ މުންސިފް އަހުމަދު އާ ދެކޮޅަށް ކުޅުނު މެޗުގެ ވަކި ހިސާބަކުން މެޗު ހުއްޓާލަން ޖެހުނީ މުންސިފް އަށް އަނިޔާވެ މެޗު އިތުރަށް ކުރިއަށް ނުގެންދެވުމުންނެވެ. މެޗު ހުއްޓާލަން ޖެހުނު އިރު ލީޑްގައި އޮތީ ވެސް ޝައްފާން އެވެ.