Roadha Mihaaru
ގައުމީ މުބާރާތް ކާމިޔާބުކޮށް ދީމާ އަށް ރެކޯޑެއް

ފުރަތަމަ ފެށިގޮތަށް ޓީޓީގެ ގައުމީ ތަށި ވިދިވިދިގެން ހަތަރު ފަހަރު ހޯދުމުގެ ރެކޯޑް ދީމާ އަށް

03 ނޮވެމްބަރ 2023

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ތަށި ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ހޯދައި، ފާތިމަތު ދީމާ އަލީ ރެކޯޑެއް ހަދައިފި އެވެ.

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ތަށި ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ހޯދައި، ފާތިމަތު ދީމާ އަލީ ރެކޯޑެއް ހަދައިފި އެވެ.

މި އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލުގައި ފާތިމަތު ޖުމާނާ ނިމާލްގެ މައްޗަށް ރޭ ހޯދި މޮޅާ އެކު ދީމާ ވަނީ، ފުރަތަމަ މުބާރާތް ކާމިޔާބު ކުރި ގޮތަށް މެދުނުކެނޑި ހަތަރުވަނަ ފަހަރަށް އެ މުބާރާތް ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.

ގައުމީ މުބާރާތް ދީމާ އެންމެ ފުރަތަމަ ކާމިޔާބު ކުރީ 2019 ގަ އެވެ. އޭގެ ފަހުން އޭނާ އަތުން ގައުމީ ތަށި ނުގެއްލި ހަތަރު ފަހަރަށް މި ވަނީ ހޯދައިފަ އެވެ. އެއީ 2019 ގެ އިތުރުން، 2021، 2022 އަދި 2023 އެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ގައި ގައުމީ މުބާރާތް ބާއްވާފައެއް ނުވެ އެވެ.

ގައުމީ މުބާރާތުގެ ސިންގަލްސްގެ އެންމެ ގަދަ ހަތަރު ކުޅުންތެރިން، އެއްވަނަ، ދީމާ (މ) ، ދެވަނަ ޖުމާނާ (ކ) އަދި ސެމީ ފައިނަލުގައި ކުޅުނު ދެ ކުޅުންތެރިން މިޝްކާ (ވ) އާއި މަލާކް --- ފޮޓޯ: ނިޝާން އަލީ

ގައުމީ މުބާރާތުގެ ސިންގަލްސްގެ އެންމެ ގަދަ ހަތަރު ކުޅުންތެރިން، އެއްވަނަ، ދީމާ (މ) ، ދެވަނަ ޖުމާނާ (ކ) އަދި ސެމީ ފައިނަލުގައި ކުޅުނު ދެ ކުޅުންތެރިން މިޝްކާ (ވ) އާއި މަލާކް --- ފޮޓޯ: ނިޝާން އަލީ

ދީމާ ވަނީ 17 އަހަރުންދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި މިޝްކާ މުހައްމަދު އިބްރާހިމްއާ ހިއްސާވެ އެ އުމުރފުރާގެ ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދި އެވެ. އެ ކެޓަގަރީގެ ފައިނަލުމީޝްކާ އާއި ދީމާގެ ޕެއާ ކާމިޔާބު ކުރީ މިންހާ މަހްޖޫބް ޝުޖާއު އާއި މަލާކް ބިންތި މުއިއްޒު ބަލި ކުރުމަށް ފަހު އެވެ.

ވާދަކުރި އިވެންޓްތަކުގެ ތެރެއިން ދީމާ އަށް ގެއްލުނީ ފުރަތަމަ ޑިވިޝަން މިކްސްޑް ޑަބަލްސް ތަށި އެކަންޏެވެ. މުހައްމަދު ޝައްފާން އިސްމާއީލާ ހިއްސާވެ، އެ ޕެއާ ފައިނަލުގައި ބަލިވީ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ޖުމާނާ އާއި މޫސާ މުންސިފް އަހުމަދުގެ ޕެއާ އަތުންނެވެ.

ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުންސިފް ބަލިކޮށް ޝައްފާން ވަނީ ދިފާއުކޮށްފަ އެވެ. އަދި މުހައްމަދު ތާބިން ޝުޖާއު އާ ހިއްސާވެ ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދި އެވެ.