Roadha Mihaaru
ދީމާ؛ ވިދިވިދިގެން ފަސްވަނަ ފަހަރަށް ގައުމީ ޗެމްޕިއަން

ދީމާ؛ ވިދިވިދިގެން ފަސްވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދައިފި

06 ސެޕްޓެމްބަރ 2024

ވިދިވިދިގެން ފަސްވަނަ ފަހަރަށް، ގައުމީ ޓޭބަލް ޓެނިސް ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވިދިވިދިގެން ފަސްވަނަ ފަހަރަށް، ގައުމީ ޓޭބަލް ޓެނިސް ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.

މިއަދު ނިމުނު ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި ދީމާ ވަނީ، ޑޮމެސްޓިކް މުބާރާތްތަކުގައި އޭނާއާ ވާދަވެރި އާއިޝަތު ރަފާ ނާޒިމުގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ.

ސިންގަލްސް ފައިނަލަށް ދިއުމުގެ ކުރިން، ދީމާ ވަނީ މިފަހަރު މުބާރާތުގެ ތިން ތަށި ހޯދައިފަ އެވެ. އެއީ 19 އަހަރުންދަށުގެ ސިންގަލްސް އަދި އެ އުމުރުފުރާގެ މިކްސްޑް ޑަބަލްސް ޗެމްޕިއަންކަމުގެ އިތުރަށް އޯޕަން ޑަބަލްސް ޗެމްޕިއަންކަމެވެ.

މިއަދު ހަވީރު ކުޅުނު ސިންގަލްސް ފައިނަލުގައި ދީމާ، ޕޮއިންޓް ހޯދުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު ހަވީރު ކުޅުނު ސިންގަލްސް ފައިނަލުގައި ދީމާ، ޕޮއިންޓް ހޯދުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ އުމުރުފުރާގެ ސިންގަލްސް ޗެމްޕިއަންކަން ދީމާ ހޯދީ ފައިނަލުގައި މަލާކް ބިންތި މުއިއްޒު ބަލިކުރުމަށް ފަހު އެވެ. އޯޕަން ބައިގައި ދީމާގެ ޑަބަލްސް ޕެއާ އަކީ މިޝްކާ މުހައްމަދު އިބްރާހިމެވެ. އެ ދެކުޅުންތެރިން ވަނީ ފައިނަލުގައި ރަފާ އަދި ލައިސާ ފަތުހުﷲ އިސްމާއީލްގެ ޕެއާ ބަލިކޮށްފަ އެވެ.

ދީމާ އަށް ގެއްލުނު ފައިނަލަކީ އޯޕަން މިކްސްޑް ޑަބަލްސް އެވެ. އެ ކެޓަގަރީގައި އޭނާގެ ޕެއާއަކީ، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އަޚްޔާރު އަހްމަދު ޚާލިދެވެ. ފައިނަލުގައި އެ ޕެއާ ބަލިވީ ރަފާ އާއި މޫސާ މުންސިފް އަހްމަދުގެ ޕެއާ އަތުންނެވެ.

ނަމަވެސް 19 އަހަރުންދަށުގެ މިކްސްޑް ޑަބަލްސްގައި އަޚްޔާރާ ޕެއާވެ، އެ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި އެވެ. އެ ޕެއާ އާ ދެކޮޅަށް ފައިނަލުގައި ކުޅުނީ ޒީކް ހަސަން ލަތީފާއި މިންހާ މަހްޖޫބް ޝުޖާއުގެ ޕެއާ އެވެ.