Roadha Mihaaru
އޮލިމްޕިކްސްގައި ދީމާގެ ފެށުން ދެރަ ނަތީޖާއަކުން

އޮލިމްޕިކްސްގައި ދީމާގެ ފެށުން ވަރުގަދަ މެޗަކުން ދެރަ ނަތީޖާއެއް

27 ޖުލައި 2024

އޮލިމްޕިކްސްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅުނު ފުރަތަމަ މެޗުގައި ޕޮލެންޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވެގްޒީން ކަޓާޒީނާ އަތުން ފަސޭހައިން ބަލިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮލިމްޕިކްސްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅުނު ފުރަތަމަ މެޗުގައި ޕޮލެންޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވެގްޒީން ކަޓާޒީނާ އަތުން ފަސޭހައިން ބަލިވެއްޖެ އެވެ.

ދެކުނު އޭޝިއާ ކޮލިފައިން މުބާރާތް ކާމިޔާބުކޮށް އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓް، ދީމާ މިއަދު ކުޅުނު މެޗަކީ އޮލިމްޕިކްސްގެ ޓޭބަލް ޓެނިސްގެ ގުރޫޕް ސްޓޭޖަށް ވަނުމަށް ކުޅުނު ޕްރިލިމިނަރީ ބުރުގެ މެޗެވެ. އެ މެޗުން ބަލިވުމުން ގުރޫޕް ސްޓޭޖަށް ވަނުމުގެ ފުރުސަތު ދީމާ އަށް ނުލިބުނެވެ.

އުމުރުން 23 އަހަރުގެ ކަޓާޒީނާ މެޗު ކާމިޔާބު ކުރީ ސީދާ ހަތަރު ގޭމުންނެވެ. އުމުރުން 16 އަހަރު ދީމާ އަށް ފުރަތަމަ ތިން ގޭމްގައި ކަޓާޒީނާއާ ކައިރިވެސް ކޮށްނުލެވުނެވެ.

އެ ތިން ސެޓް ފަސޭހަ ކަމާއެކު ޕޮލެންޑްގެ އެއްވަނަ ކުޅުންތެރިޔާ ކާމިޔާބު ކުރި އެވެ. އެ ތިން ސެޓްގައި ފަސް ޕޮއިންޓަށް ވުރެ މައްޗަށް ދީމާ އަށް ނުދެވުނެވެ. ފުރަތަމަ ދެ ސެޓުން ބަލިވީ 11-5، 11-5 ންނެވެ.

ތިންވަނަ ސެޓް ދީމާ އަތުން ދޫވެގެން ދިޔައީ އަދި މާ ފަސޭހަކޮށެވެ. އެ މެޗުގައި އޭނާ އަށް ހޯދުނީ ދެ ޕޮއިންޓެވެ.

އެކަމަކު ހަތަރުވަނަ ސެޓްގައި ވަރަށް ގާތުގައި ވިއްދައި، ކަޓާޒީނާ އަށް ދީމާ ޕްރެޝަރު ވެސް ކުރި އެވެ. އެ ސެޓްގައި ޕޮއިންޓް ހަމަހަމަ ކުރުމާ ވަރަށް ގަތަށް ވެސް ދީމާ ދިޔަ އެވެ. ޕްރެޝަރާ އެކު ކަޓާޒީނާ އަށް މަޖުބޫރުވީ ޓައިމްއައުޓެއް ނަގާށެވެ.

އެ ސެޓްގައި 9-9 ން މެޗު އެއްވަރު ކުރަން ފުރުސަތު ލިބިފައި އޮތްވައި ދީމާގެ ފޮނުވާލި ބޯޅަ ނެޓަށް އަމާޒުވުމުން، ކަޓާޒީނާ އަށް ޕޮއިންޓް ލިބުނެވެ. ދެން ޖެހިގެން އައި ދެ ޕޮއިންޓް ކާމިޔާބުކޮށް 11-8 ކަޓާޒީނާ މެޗު ކާމިޔާބު ކުރި އެވެ.