Roadha Mihaaru
އޮލިމްޕިކްސް އަށް ފަހު ވެސް ދީމާއަށް ހުއްޓުމެއް ނެތް!

އޮލިމްޕިކްސް އަށް ފަހު ވެސް ދީމާއަށް ހުއްޓުމެއް ނެތް، ތައްޔާރު ވަނީ ގައުމީ ރޭންކިން މުބާރާތަށް!

15 އޯގަސްޓް 2024

އޮލިމްޕިކް ގޭމްސް އަށް ފަހު ވެސް ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އަށް ހުއްޓުމެއް ނެތެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ރޭންކިން މުބާރާތަށެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮލިމްޕިކް ގޭމްސް އަށް ފަހު ވެސް ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އަށް ހުއްޓުމެއް ނެތެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ރޭންކިން މުބާރާތަށެވެ.

ޓީޓީގެ ގައުމީ ރޭންކިންގެ އެއް ވަނައިގައި އޮތް ދީމާ، މާދަމާ ފަށާ ރޭންކިން މުބާރާތުގައި ވާދަކުރާނެ އެވެ.

މި އަހަރުގެ ޓީޓީ މުބާރާތްތައް އޮތީ ސީޒަނެއް ގޮތަށެވެ. މާދަމާ ފަށާ ރޭންކިން މުބާރާތް ނިމުމުން، އެސޯސިއޭޝަން ކަޕް އޮންނާނެ އެވެ. އެއަށް ފަހު ގައުމީ މުބާރާތް ފަށާނެ އެވެ.

އެ ދެ މުބާރާތުގެ ވެސް އެންމެ ފަހުގެ އަންހެން ޗެމްޕިއަނަކީ ދީމާ އެވެ. މިދިޔަ އަހަރު ގައުމީ މުބާރާތް ކާމިޔާބުކޮށް ދީމާ ވަނީ އެ މުބާރާތް މިލްކުކޮށްފަ އެވެ.

ނިމިދިޔަ އޮލިމްޕިކްސްގައި ވާދަކުރި ދީމާ އަކީ، ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ.

މެއި މަހު ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއަގެ އޮލިމްޕިކް ކޮލިފައިން މުބާރާތް ދީމާ ކާމިޔާބު ކުރި ލަންކާގެ އެއް ވަނަ ކުޅުންތެރިޔާ ބިމަންދީ ބަންޑަރާ ބަލިކުރުމަށް ފަހު އެވެ.

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް އޮލިމްޕިކް ކޮމިޓީން ދިން އަންހެން އެތުލީޓަކީ ދީމާ އެވެ.

އޮލިމްޕިކްސްގައި ދީމާ ވަނީ ޕޮލެންޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވެގްޒީން ކަޓާޒީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ސެޓްގައި ރަނގަޅު ވާދައެއްކޮށްފަ އެވެ.

ފުރަތަމަ ތިން ސެޓް ފަސޭހަ ކަމާއެކު ޕޮލެންޑްގެ އެއް ވަނަ ކުޅުންތެރިޔާ ކާމިޔާބު ކުރި އެވެ.

ހަތަރު ވަނަ ސެޓްގައި ވަރަށް ގާތުގައި ވިއްދައި، ކަޓާޒީނާ އަށް ދީމާ ޕްރެޝަރު ވެސް ކުރި އެވެ. އެ ސެޓުގައި ޕޮއިންޓް ހަމަހަމަ ކުރުމާ ވަރަށް ގާތަށް ވެސް ދީމާ ދިޔަ އެވެ. ޕްރެޝަރާ އެކު ކަޓާޒީނާ އަށް މަޖުބޫރުވީ ޓައިމްއައުޓެއް ނަގާށެވެ.

އެ ސެޓުގައި 9-9 އިން މެޗު އެއްވަރު ކުރަން ފުރުސަތު ލިބިފައި އޮއްވާ ދީމާގެ ފޮނުވާލި ބޯޅަ ނެޓަށް އަމާޒުވުމުން، ކަޓާޒީނާ އަށް ޕޮއިންޓް ލިބުނެވެ. ދެން ޖެހިގެން އައި ދެ ޕޮއިންޓް ކާމިޔާބުކޮށް 11-8 ކަޓާޒީނާ މެޗު ކާމިޔާބު ކުރި އެވެ.