Roadha Mihaaru
ދީމާ، އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓް

އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓަކަށް ދީމާ

15 މެއި 2024

ދެކުނު އޭޝިއާގެ މި އަހަރުގެ އޮލިމްޕިކް ކޮލިފައިން މުބާރާތް ކާމިޔާބުކޮށް، އެ މުބާރާތަށް ރާއްޖެ އިން ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ފާތިމަތު ދީމާ މިއަދު ހޯދައިފި އެވެ.

ދެކުނު އޭޝިއާގެ މި އަހަރުގެ އޮލިމްޕިކް ކޮލިފައިން މުބާރާތް ކާމިޔާބުކޮށް، އެ މުބާރާތަށް ރާއްޖެ އިން ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ފާތިމަތު ދީމާ މިއަދު ހޯދައިފި އެވެ.

އުމުރުން 16 އަހަރުގެ ދީމާއަކީ، ކޮލިފައިން މަރުހަލާއެއް ކާމިޔާބުކޮށް އޮލިމްޕިކްސް ގޭމްސް އަކުން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ. އޭނާ ވާނީ އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ ކޮލިފައިންގެ ފައިނަލްގައި ލަންކާގެ ބިމަންދީ ބަންޑަރާއާ ދެކޮޅަށް މިއަދު ކުޅުނު މެޗު ދީމާ ކާމިޔާބު ކުރީ 4-1 އިންނެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް ދީމާ ވަނީ ބިމަންދީގެ މައްޗަށް 4-3 ގޭމުން ކާމިޔާބު ހޯދައިފަ އެވެ.

ކަތަމަންޑޫގެ ޓޭބަލް ޓެނިސް ސެންޓަރުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޭމް ދީމާ ކާމިޔާބު ކުރީ 11-8 އިންނެވެ. ލަންކާގެ އެއް ވަނަ ކުޅުންތެރިޔާ ބިމަންދީ ދެ ވަނަ ގޭމް ކާމިޔާބު ކުރި އެވެ. އޭނާ އެ ގޭމްގައި ކުރީ ހޯދީ 11-8 އިންނެވެ.

އޭގެ ފަހުން އޮތް ތިން ގޭމް، ދީމާ ކާމިޔާބު ކުރި އެވެ. ތިންވަނަ ގޭމް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެ ގޭމް ދީމާ ގެންދިޔައީ 13-11 އިންނެވެ. އެކަމަކު ފަހު ދެ ގޭމް މާ ބޮޑަށް އިތުބާރާ އެކު ދީމާ ހޯދި އެވެ. އެ ދެ ގޭމް ކާމިޔާބު ކުރީ 11-7 އަދި 11-5 އިންނެވެ.

އޮލިމްޕިކްސްގައި މީގެ ކުރިން ދިވެހި އެތުލީޓުންނަށް ޖާގަ ލިބެނީ އޮޓޮމެޓިކް ޖާގަ އެވެ. އެ ފުރުސަތުގައި ދެ ފަހަރު ފިޔަވައި ދެން މުޅިން ވެސް ވާދަކޮށްފައި ވަނީ އެތުލެޓިކްސް އާއި ސްވިމިންގެ އެތުލީޓުންނެވެ.

އޭޝިއާގެ އޮލިމްޕިކް ކޮލިފައިން ކާމިޔާބު ނުކުރެވުނު ނަމަވެސް، ކޮލިފައިންގައި މޮޅުވި މެޗުތަކުގެ ނަތީޖާ ރަނގަޅުވުމުން، ބެޑްމިންޓަންގެ މުހައްމަދު އަޖުފާން ރަޝީދާއި ފާތިމަތު ނަބާހާ އަބްދުރައްޒާގަށް ވަނީ މީގެ ކުރީގެ އޮލިމްޕިކްސް އިން ޖާގަ ދީފަ އެވެ.

ލަންޑަންގައި 2012 ގައި ބޭއްވި އޮލިމްޕިކްސްގައި އަޖުފާން ވާދަ ކުރި އެވެ. ޓޯކިޔޯގައި 2021 ގައި ބޭއްވި 2020 ގެ އޮލިމްޕިކްސްގައި ނަބާހާ ވާދަ ކުރި އެވެ.

ދީމާ ވެގެންދާނީ، އޮލިމްޕިކްސް ކޮލިފައިން މުބާރާތެއްގެ އެއްވަނަ ހޯދައިގެން ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތުން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.

ގައުމީ މުބާރާތުގައި ހޯދި ތިން ތައްޓާ އެކު ދީމާ އުފާފާޅު ކުރަނީ: ފުރަތަމަ ފެށި ގޮތަށް މެދުނުކެނޑި ގައުމީ ތަށި ވިދިވިދިގެން ހަތަރު ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔަކީ އޭނާ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ މުބާރާތުގައި ހޯދި ތިން ތައްޓާ އެކު ދީމާ އުފާފާޅު ކުރަނީ: ފުރަތަމަ ފެށި ގޮތަށް މެދުނުކެނޑި ގައުމީ ތަށި ވިދިވިދިގެން ހަތަރު ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔަކީ އޭނާ --- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އަހަރު ޖުލައި 26 އިން އޯގަސްޓް 11 އަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ އޮލިމްޕިކްސް ވެގެންދާނީ އުމުރުން 16 އަހަރުގެ ދީމާ މިހާތަނަށް ވާދަ ކުރާ އެންމެ ބޮޑު މަލްޓި ސްޕޯޓްސް ގޭމްސް އެވެ. އޭނާ ވަނީ 2021 ގައި ޓޭބަލް ޓެނިސް ވޯލްޑް ކަޕް ނުވަތަ ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށް، ޑަބަލްސް އިވެންޓްގެ މެޗެއް ކާމިޔާބުކޮށްފަ އެވެ.

އޮލިމްޕިކް، ޓްރޭނިން ސްކޮލާޝިޕެއްގެ ދަށުން، މިދިޔަ އަހަރު ފްރާންސްގައި ވެސް ތަމްރީނުތައް ހެދި ދީމާގެ ޓްރޭނިންތައް ފަހު ބަދަލު ކުރީ ކްރޮއޭޝިއާ އަށެވެ. އެ ގައުމުގައި އޭނާގެ ތަމްރީނުތައް ކުރިއަށް ގެންދަނީ، އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓީޓީ ޓީމަށް ކާމިޔާބު ހޯދައިދިން ކޯޗު ކޮރޮއޭޝިއާގެ ޒެވޯނިމިރް ކޮރެނިޗްގެ ބެލުމުގެދަށުންނެވެ.