Roadha Mihaaru
ދީމާ، އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކޮށްފި!

ދީމާ، އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކޮށްފި!

31 އޯގަސްޓް 2024

ފާތިމަތު ދީމާ، ޓީޓީ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފާތިމަތު ދީމާ، ޓީޓީ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި އެވެ.

އެ މުބާރާތުގައި ދީމާ އެންމެ ފުރަތަމަ ވާދަކުރީ ވެސް މިދިޔަ އަހަރު އެވެ.

ފައިނަލުގައި ދީމާ ކާމިޔާބު ހޯދީ ލޯކަލް މުބާރާތްތަކުގައި އޭނާއާ އެންމެ ވާދަވެރި އާއިޝަތު ރާފާ ނާޒިމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ދީމާ ވަނީ 19 އަހަރުންދަށުގެ ޗެމްޕިއަންކަން ވެސް ވެސް ހޯދައިފަ އެވެ. އެ އުމުރުފުރާގެ ފައިނަލުގައި އޭނާ ވާދަކުރީ މަލާކް ބިންތި މުއިއްޒުއާ ދެކޮޅަށެވެ. އެ އެ އުމުރުފުރާގެ މިކުސްޑް ޑަބަލްސް ޗެމްޕިއަންކަން ވެސް އަޚްޔާރު އަހްމަދު ހާލިދާ އެކު ހިއްސާވެގެން ހޯދި އެވެ. އެ އިވެންޓްގެ ފައިނަލުގައި އެ ޕެއާއާ ދެކޮޅަށް ނުކުތީ ޒީކް ހަސަން ލަތީފާއި މިންހާ މަހްޖޫބް ޝުޖާއުގެ ޕެއާ އެވެ.

އޯޕަން ކެޓަގަރީގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ރަނަރަފް މޫސާ މުންސިފް އަހްމަދެވެ.

އޭނާ ޗެމްޕިއަންކަން ހޯދީ ސްރީ ލަންކާގެ ކުޅުންތެރިޔެއްކަމަށްވާ ރަސިކާ މަނޮޖް ބަލިކުރުމަށް ފަހު އެވެ. މުންސިފް ވަނީ ޓީޓީ ލެޖެންޑް އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އާ އެކު ހިއްސާވެ ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. ތަޖުރިބާކާރު އެ ދެކުޅުންތެރިންނާ ދެކޮޅަށް ފައިނަލުގައި ނުކުތީ އަޚްޔާރާއި އިބްރާހިމް އައުޒަމް އަޒީމެވެ.

އޯޕަން މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ވެސް ރަފާއާ އެކު ހިއްސާވެ، މުންސިފް ވަނީ ހޯދާފަ އެވެ. އެ އިވެންޓްގެ ފައިނަލުގައި އެ ޕެއާ ކާމިޔާބު ހޯދީ ދީމާ އާއި އަޚްޔާރުގެ ޕެއާއާ ވާދަކޮށެވެ.

އެސޯސިއޭޝަން ކަޕަށް ފަހު ދެން އޮންނާތީ ގައުމީ މުބާރާތެވެ. އެއަށް ފަހު މި އަހަރުގެ ޓީޓީ ސީޒަން ނިމޭނެ އެވެ.