Roadha Mihaaru
އޮލިމްޕިކްސްގައި ދިދަ އުފުލާނީ ދީމާ އާއި އިބާދުﷲ

ޕެރިސް އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ދީމާ އާއި އިބާދުﷲ

21 ޖުލައި 2024

މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާ، ޓީޓީގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި ސްޕްރިންޓް ދުވުންތެރިޔާ އިބާދުﷲ އާދަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދިދަ ހަވާލުކޮށް ދެއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާ، ޓީޓީގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި ސްޕްރިންޓް ދުވުންތެރިޔާ އިބާދުﷲ އާދަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދިދަ ހަވާލުކޮށް ދެއްވައިފި އެވެ.

މި މަހުގެ 26 އިން އަންނަ މަހުގެ 11 އަށް ފްރާންސްގެ ވެރިރަށް ޕެރިސްގައި ބާއްވާ އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު ކުޅިވަރެއްގައި ވާދަކުރެ އެވެ. އެއީ ބެޑްމިންޓަން އާއި އެތުލެޓިކްސް އާއި ސުވިމިން އަދި ޓޭބަލް ޓެނިހެވެ.

އުމުރުން 16 އަހަރުގެ ދީމާއަކީ ކޮލިފައިން މަރުހަލާއެއް ކާމިޔާބުކޮށް، އޮލިމްޕިކްސް ގޭމްސް އިން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ. އޭނާ ވާނީ އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ދިދަ އުފުލައިދޭ ޓީޓީގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދިދަ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ދިދަ އުފުލައިދޭ ޓީޓީގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދިދަ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މިދިޔަ މޭ މަހު ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ އޮލިމްޕިކް ޓީޓީ ކޮލިފައިންގެ ފައިނަލްގައި ލަންކާގެ ބިމަންދީ ބަންޑަރާއާ ވާދަކޮށް، ދީމާ ކާމިޔާބު ކުރީ 3-1 އިންނެވެ.

ދުވުންތެރިޔާ އިބާދުﷲ އަށް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ ރޭންކިންގެ އެއްވަނަ ހޯދައިގެންނެވެ. އޭނާ އެއްވަނަ ހޯދީ 1003 ޕޮއިންޓް ހޯދައިގެންނެވެ. އެއްހާސް ޕޮއިންޓަށް ވުރެ މަތިން ރޭންކިން ޕޮއިންޓް ލިބުނީ އޭނާ އެކަންޏެވެ.

އެންމެ ފަހުން އޭނާ ވާދަކުރި ރޭހުގައި މި މަހުގެ 18 ވަނަ ދުވަހު 100 މިޓަރުގެ ރޭސް 10.7 ސިކުންތުން ނިންމި އެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ޖުމްލަ ފަސް އެތުލީޓުން ވާދަ ކުރާއިރު، ދީމާ އާއި އިބާދުﷲގެ އިތުރުން ދެން ވާދަކުރަނީ

1. ބެޑްމިންޓަން: ފާތިމަތު ނަބާހާ

2. ފެތުން: އައިޝަތު އުލްޔާ ޝާއިގް

3.ފެތުން: މުހައްމަދު އާން ހުސައިން