ދިވެހި ދައުލަތުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.
24 އޯގަސްޓް 2025
ދިވެހި ދައުލަތުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.
ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވީ ޝައިހް އިސްމާއިލް މުހައްމަދާއި މި ސަރުކާރުގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުކަން އެންމެ ފަހުން ކުރެއްވި މައުރޫފް ޖަމީލާއި ކުރީގެ ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) އަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތިން ބޭފުޅުންނަށް ޝަރަފުގެ އައްޑަނަ އާއި ބެޖާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ.
މއ. ފީރޯޒްވާދީ، ޝައިހް އިސްމާއިލަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިންނެވެ.
ރައީސް އޮފީހުން ބުނީ ޝައިހް އިސްމާއިލަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމަށްޓަކާ ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި، މިހާރު ވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެއް ކަމަށް އެ އޮފީހުން ބުންޏެވެ.
ޝައިހް އިސްމާއިލް މުހައްމަދަށް އެރުވި ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ހަނދާނީ ލިޔުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝައިހް މުހައްމަދު ލަތީފަށް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އާލާސްކަންފުޅާ އުޅުއްވާތީ ޝާއިހް އިސްމާއިލަށް މިއަދުގެ ޖަލްސާއަށް ވަޑައިނުގަނެވުމުން އާއިލާގެ ފަރާތުން އެ އިނާމާ ހަވާލުވެވަޑައިގަތީ ޝައިހް މުހައްމަދު ލަތީފެވެ.
އާކިޓެކްޗާ، ޓީޗިން އަދި މެނޭޖްމަންޓްގެ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަދި އެ ދާއިރާތަކުން ގިނަގުނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ މައުރޫފަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިިބިވަޑައިގަތީ އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިންނެވެ.
ރައީސް އޮފީހުން ބުނީ މައުރޫފަކީ ކުރައްވާ ކޮންމެ ކަމެއް ވެސް އިހުލާސްތެރިކަމާ އެކު ކުރައްވައި، ރައްޔިތުންގެ އިހުތިރާމާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.
މ. ދޫރެސް، މައުރޫފަކީ މޯލްޑިވްސް އާކިޓެކްޗަރަލް ހެރިޓޭޖުގެ ފުންނާބު އުސް މާހިރެއްގެ އިތުރުން، ކޮރަލް ސްޓޯން އާކިޓެކްޗާގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނީ މާހިރެކެވެ. ހިރިގަލުގެ މިސްކިތްތަކާ ބެހޭ ގޮތުން އޭނާ ކުރެއްވި ދިރާސާތަކުގެ ސަބަބުން، ޔުނެސްކޯ ވޯލްޑް ހެރިޓޭޖުގެ ޓެންޓެޓިވް ލިސްޓުގައި ރާއްޖޭގައި ހުރި އެފަދަ ތަންތަން ހިމެނުނެވެ. ރާއްޖޭގެ އާކިޓެކްޗަރަލް ތަރިކައާ ބެހޭ ގޮތުން އޭނާ ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރައްވައި، ކަރުދާސްތައް ތައްޔާރުކުރައްވައި، މައުރަޒު ކުރެއްވި އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ބެޖު ރައީސް ޑރ. މުހައްމަދު މުއިއްޒު، މައުރޫފް ޖަމީލްއާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި އިމާރާތްކުރުމާއި ބޯހިޔާވަހިކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ވެސް އޭނާ ކުރެއްވި އެވެ. އަދި އިމާރާތް ކުރުމާ ބެހޭ ގާނޫނާއި ނޭޝަނަލް ބިލްޑިން ކޯޑު ފަރުމާ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެވެ. މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ހިއްކި އިރު، އެ މަސައްކަތުގައި ވެސް އޭނާ އިސްކޮށް އުޅުއްވި އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެން ލިބިވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކުއްލި ގޮތަަކަށް ނިޔާވި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ އަށެވެ. މެޒޯގެ ހަނދާނަށް އެރުވި މި ޝަރަފުގެ އިނަމާ މިއަދު ހަވާލުވީ އޭނާގެ ދަރިފުޅު އަދި ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދެވެ.
ގ. ކްރީމްގޭ، މެޒޯއަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވީ ޕާފޯމިން އާޓްސްގެ ދާއިރާއިންނެވެ.
މިޔުޒިކުގެ ދާއިރާގައި ގިނަ ދުވަހު އުޅުނު މެޒޯ އެންމެ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ދިވެހި އަމިއްލަ އުފެއްދުންތަކަށް ދިވެހިންގެ ޝައުޤުވެރިކަން އުފެދެމުން އައި ދުވަސްވަރެއްގައި "މެޒޯ ބޭންޑް"ގެ ނަމުގައި ބޭންޑެއް އުފައްދައި އެ ބޭންޑުން އަމިއްލަ އުފެއްދުންތަކެއް ނެރުމެވެ. އޭނާގެ އަމިއްލަ އުފެއްދުންތަކުގެ ލަވަތަކަކީ، އާންމުންގެ މެދުގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވި އުފެއްދުންތަކެކެވެ.
މުހައްމަދު މާޖިދު (މޯޒޯ)ގެ ދަރިފުޅު މީރާ (ވ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކަމުގެ އިނާމު އިނާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ކަމަނަގޯތީ އާދަނުތާ"، "ޖިސްމު"، "ރޯނުއެދުރު"، "ވެއްޖެ ކަމަކާ ހައްޖާ ހަމައޭ"، "އެޅިކަނޑުމަތި"، "މާލިއަރާނޭ މާލިއަރާނޭ" އަދި "އަކިރިދެމޭ" ކަހަލަ ލަވަތައް ހިމެނެ އެވެ. އޭގެ ފަހުން މަޝްހޫރުވި ލަވަތަކުގެ ތެރޭގައި "އުޑުން ތަރިތައް" އާއި "ވިސްނާ ވިސްނާ" އަދި "ދާނެހޭ ތިހަނދާން ފިލާ" ކަހަލަ ލަވަތައް ވެސް ހިމެނެ އެވެ.
ލަވަކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން 2010 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު މެޒޯއަށް ލިބިފައިވެ އެވެ. އަދި 2022 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާގެ ޓޫރިޒަމް ގޯލްޑް އެވޯޑު ވެސް އޭނާއަށް ލިބުނެވެ.
ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށް
ދިވެހި ދައުލަތުގެ އިއްޒަތް އުތީމު އާދަމްބެއަށް
ގައުމިއްޔަތުގެ ޝަރަފުގެ އިނާމު އުތީމު ރައްޔިތުންނަށް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް
ކުރިއަށް އޮތް ދެ އަހަރު ގައުމީ ދުވަސް އުތީމުގަައި
ހާއްސަ ހިދުމަތުގެ އިނާމު ހާޖަރާގޭ ތައުފީގަށް
ގައުމީ އިނާމު ދިނުން އަންނަ މަހަށް ފަސްކޮށްފި
މެޒޯ މޯޑުގެ ހަނދާނަށް ޝަރަފުވެރިކަމުގެ އިނާމު ދީފި
ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ޝަރަފު އުތީމަށް
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި