Roadha Mihaaru
ހާއްސަ ހިދުމަތުގެ އިނާމު ހާޖަރާގޭ ތައުފީގަށް

ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރެއްވުމުގެ އިނާމު ހާޖަރާގޭ ތައުފީގަށް

04 ސެޕްޓެމްބަރ 2024

ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް މި އަހަރު އަލަށް ތައާރަފުކުރި ދާއިރާއެއް ކަމަށްވާ "ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރެއްވުމުގެ އިނާމު" ހ. ހާޖަރާގޭ، މުހައްމަދު ތައުފީގު (ހާޖަރާ ތައުފީގު) އަށް މިއަދު ދެއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް މި އަހަރު އަލަށް ތައާރަފުކުރި ދާއިރާއެއް ކަމަށްވާ "ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރެއްވުމުގެ އިނާމު" ހ. ހާޖަރާގޭ، މުހައްމަދު ތައުފީގު (ހާޖަރާ ތައުފީގު) އަށް މިއަދު ދެއްވައިފި އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި މި އިނާމާ ހަވާލުވެވަޑައިގަތީ މަރުހޫމް ހާޖަރާ ތައުފީގުގެ ބޭފުޅުންނެވެ. އެ ބޭފުޅުންނާ މި އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ހާޖަރާ ތައުފީގަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތައުފީގާއި ސޮފާ ތައުފީގާއި އާސިމް ތައުފީގް އަދި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ބައްޕާފުޅެވެ.

ދެމިހުންނަނިވި ހާއްސަ ހިދުމަތެއްކުރެއްވުމުގެ އިނާމަކީ އެ މީހަކަށް ލިބިފައިވާ ހާއްސަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމައުއިން ބަލައިގަނެފައިވާ ހާއްސަ ހިދުމަތަށާއި ދިވެހި ދައުލަތުގެ ހިމާޔަތުގައި ކޮށްފައިވާ ހާއްސަ ހިދުމަތަށް ދޭ އިނާމެކެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބެލީ ހިދުމަތްކޮށްދީފައިވާ ގޮތަށާއި ފެންވަރަށާއި ދެމިހުންނަނިވި މިންވަރަށެވެ.

ހާޖަރާ ތައުފީގުގެ ހަނދާނަށް މި ޝަރަފު އެރުވީ ކީރިތި ރަސޫލާގެ ސިޔަރަތު އޭނާގެ އަޑުފުޅުން ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމާއި ސިޔަރަތު އަޑުއެހުމަށް ދިވެހިންގެ ހިތްތަކުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރެއްވުމަށް އޭނާ ކުރެއްވި ގައުމީ ހިދުމަތަށްޓަކަ އެވެ.

ހާއްސަކޮށް، ކޮންމެ ރޯދަ މަހެއްގެ ކޮންމެ ދުވަހަކު އެ ބޭފުޅެއްގެ އަޑުފުޅުން އަޅުގަނޑުމެން އިންތިޒާރު ކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ އަޑުފުޅުގެ ހިތްގައިމުކަމާއި އެ އަޑުފުޅު އަހާލަން ފަސޭހަކަމާއި އެ އަޑުފުޅަށް އެއްވެސް ކަހަލަ ބަދަލެއް ނާންނަ ހިތްފަސޭހަ ރާގު އެއީ، އާދަޔާ ހިލާފު ހަގީގަތެކެވެ،" ރައީސް އޮފީހުން ބުންޏެވެ.

ކީރިތި ރަސޫލާގެ ސިޔަރަތު ދިވެހިރާއްޖޭގެ އަޑުން ނުވަތަ އޭރުގެ ރޭޑިއޯ މޯލްޑިވްސް އިން އެންމެ ފުރަތަމަ ގެނެސްދޭން ފެށީ 1973 ވަނަ އަހަރުގެ ރޯދަމަހު އެވެ. އެ އަހަރުގެ ސެޕްޓެމްބަރު 28 އިން ފެށިގެން އޮކްޓޯބަރު 26 އަށް ރެކޯޑު ކުރި ކީރިތި ރަސޫލާގެ ސިޔަރަތު ފުރަތަމަ ރެކޯޑު ކުރެއްވީ، ތިން ބޭފުޅެކެވެ. އެއީ، މުހައްމަދު ތައުފީގާއި ތިބުރޯޒުގޭ އަލީ ނަސީރާއި ރެޑިއަމް އަހްމަދު ވަހީދެވެ.

އޭގެ ފަހުން، 1974 ވަނަ އަހަރުން ފެށިގެން އެންމެ އަހަރެއް ފިޔަވައި، އެހެން ހުރިހާ އަހަރުތަކެއްގައި ސިޔަރަތު އިވެނީ، ހާޖަރާގެ ތައުފީގުގެ އަޑުންނެވެ. އޭނާ، ރަސޫލާގެ ސިޔަރަތު ފުރަތަމަ ރެކޯޑު ކުރެއްވީ 1974 ގަ އެވެ. ދެވަނަ ރެކޯޑިން 1983 ގައި ކުރެއްވި އިރު، އޭގެ 11 އަހަރު ފަހުން އެންމެ ފަހު ރެކޯޑިން ކުރެއްވީ 1994 ގަ އެވެ.

ހާޖަރާ ތައުފީގު އަވަހާރަވީ އޭގެ އަހަރެއްހާ ދުވަސް ފަހުން އެޕްރީލް 23، 1995 ގަ އެވެ. އޭރު އުމުރުފުޅަކީ 61 އަހަރެވެ.

ހާޖަރާ ތައުފީގު ވަނީ ދައުލަތަށް 33 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ. އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވީ، ބަންޑާރަ ނައިބުގެ އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުންނެވެ. އެއީ، އެޓާނީ ޖެނެރަލްގެ އޮފީހުގެ އެހީތެރިޔާކަމުގެ މަގާމާއި ސީނިއާ އެހީތެރިޔާކަމުގެ މަގާމާއި ސްޓޭޓް އެޓާނީގެ މަގާމު އަދި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމެވެ. އޭނާ ވަނީ ރާއްޖޭގެ އެކި އަތޮޅުތަކުގެ އަތޮޅުވެރިކަން ވެސް ކުރައްވައިފަ އެވެ. އަދި މާލޭގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު ވެސް ކުރެއްވި އެވެ.

ހާޖަރާ ތައުފީގަކީ ލަވަ އާއި މަދަހަ ވެސް ވިދާޅުވި ބޭފުޅެކެވެ.