Roadha Mihaaru

ދިވެހި ދައުލަތުގެ އިއްޒަތް އުތީމު އާދަމްބެއަށް

ދިވެހި ދައުލަތުގެ އިއްޒަތް ހއ. އުތީމުގެ ކުރީގެ ކަތީބު އާދަމް އަބްދުއްރަހުމާން (އުތީމު އާދަމްބެ) އަށް މިއަދު އަރުވައިފި އެވެ.

ދިވެހި ދައުލަތުގެ އިއްޒަތް އުތީމު އާދަމްބެއަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

24 އޯގަސްޓް 2025

ދިވެހި ދައުލަތުގެ އިއްޒަތް ހއ. އުތީމުގެ ކުރީގެ ކަތީބު އާދަމް އަބްދުއްރަހުމާން (އުތީމު އާދަމްބެ) އަށް މިއަދު އަރުވައިފި އެވެ.

އުތީމު، އަލިމަސްގެ، އާދަމްބެއަށް އެ ޝަރަފު އެރުވީ ގައުމީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި ދައުލަތުގެ އިއްޒަތުގެ ޝަރަފުގެ އައްޑަނަ އާއި ބެޖާއި ހަނދާނީ ލިޔުން އާދަމްބެއާ ހަވާލު ކޮށްދެއްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ ނިޝާން ދިޔަމިގިލީގެ ޝަރަފު ނުވަތަ ދިވެހި ދައުލަތުގެ އިއްޒަތް އާދަމްބެ އަށް އަރުވަން ރައީސް މުއިއްޒު ނިންމެވީ ހއ. އަތޮޅުގެ ރައްޔިތުންނަށް، ހާއްސަކޮށް އުތީމުގެ ރައްޔިތުންގެ ކުރިއެރުމަށާއި އެ އަތޮޅުގެ ތަރައްގީއަށް އެކި ރޮނގުރޮނގުން އޭނާ ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ. އަދި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް އިހުލާސްތެރިކަމާއެކު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށް އެ އޮފީހުން ބުންޏެވެ.

ދިވެހި ދައުލަތުގެ އިއްޒަތް އެރުވި އުތީމުގެ ކުރީގެ ކަތީބު އާދަމް އަބްދުއްރަހުމާންގެ އާއިލީ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ފޮޓޯއަކަށް މަޑުކުރައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތުގެ އިއްޒަތް އެރުވި އުތީމުގެ ކުރީގެ ކަތީބު އާދަމް އަބްދުއްރަހުމާންގެ އާއިލީ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ފޮޓޯއަކަށް މަޑުކުރައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް

އާދަމްބެ ވަނީ 42 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ހިދުމަތްކުރައްވައިފަ އެވެ.

ކަތީބުކަމުގެ މަގާމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށް ފަހު، ދެން އަދާކުރެއްވީ ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ. އަދި ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިން ފަހަރެއްގެ މަތިން 11 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އޭނާ ކުރެއްވި އެވެ.

ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިން ޅެން ހެދުމުގެ ރޮނގުން 2004 ވަނަ އަހަރު އޭނާއަށް އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންނެވި އެވެ. އަދި 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ލިިބިވަޑައިގެންނެވި އެވެ.

އުތީމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު އިމާރާތްކުރި ބޮޑުތަކުރުފާނުގެ ހަނާނީ މަރުކަޒުގެ ބިންގާ އަޅައި އޭގެ އަމަލީ މަަސައްކަތްތައް ފެށުމުގައި ވެސް އުތީމު އާދަމްބެ އިސް ދައުރެއް އަދާކުރެއްވި އެވެ.