Roadha Mihaaru

ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު ހއ. އުތީމު ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.

ގައުމިއްޔަތުގެ ޝަރަފުގެ އިނާމު އުތީމު ރައްޔިތުންނަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

24 އޯގަސްޓް 2025

ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު ހއ. އުތީމު ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.

ގައުމީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އުތީމުގެ ރައްޔިތުންނަށް ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފުގެ އައްޑަނަ ރައީސް ހަވާލުކޮށްދެއްވީ އެ ރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ޝަރަފު އެރުއްވުމަށް ރައީސް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އުތީމުގެ ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދޭ އަހައްމިއްޔަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި އެރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރުވެފައި ވާތީ އެވެ.

ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރަނީ ޕޯޗްގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތްކުރުމަށް އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ކުރެއްވި ޖިހާދުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އުތީމަކީ ބޮޑުތަކުރުފާނުގެ އުފަން ރަށެވެ.

މުހައްމަދު ތަކުރުފާނަކީ އުތީމު ހުސައިން ހަތީބުގެ ހަތަރު ބޭކަލުންގެ ތެރެއިން އެއް ބޭކަލެވެ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރަކީ އެ ހަތަރު ބެއިންގެ އާއިލީ ގެކޮޅެވެ.

އެ ގެކޮޅަށް ތާރީހީ ގޮތުންނާއި ގައުމީ ގޮތުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެނީ އެ ތަކުރުފާނުގެ ތިން ބޭކަލުން ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ މިނިވަންކުރުމަށް ކުރެއްވި ކާމިޔާބު ޖިހާދުގެ ސަބަބުންނެވެ. އެއީ މުހައްމަދު ތަކުރުފާނުގެ އިތުރުން ހަސަން ތަކުރުފާނު އަދި އަލި ތަކުރުފާނުގެ ސަބަބުންނެވެ.

އުތީމު ތިންބެއިންގެ އެ ޖިހާދުގެ މަތިވެރި ހަނދާނުގައި ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހު އެވެ.