Roadha Mihaaru
ފެނުނީ ތަފާތު އަޚްޔާރެއް، މިހާރު އެންމެ އުހުގައި!

ފެނުނީ މުޅިން ތަފާތު އަޚްޔާރެއް، "ޓީޗަރު" ބަލިކޮށް އެންމެ އުހަށް!

07 ސެޕްޓެމްބަރ 2024

އިންޓަވިއު ދޭކަށް އަޚްޔާރު އަހްމަދު ހާލިދަށް ދަހެއް ނުވި އެވެ. މިއީ "މިހާރު" ގައި އަހަރެމެން ގެނެސްދޭ، އޭނާގެ ދެވަނަ އިންޓަވިއު އެވެ. މީގެ ކުރިން "މިހާރު" ގެ ސްޓޫޑިއޯ އަށް އޭނާ ގެނެސްގެން ވެސް ކުރިއަކަށް ނުދެވުނެވެ. އިންޓަވިއުގައި ވާހަކަ ދައްކަން އޭނާ އަށް ހަމަ އުނދަގުލީ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އިންޓަވިއު ދޭކަށް އަޚްޔާރު އަހްމަދު ހާލިދަށް ދަހެއް ނުވި އެވެ. މިއީ "މިހާރު" ގައި އަހަރެމެން ގެނެސްދޭ، އޭނާގެ ދެވަނަ އިންޓަވިއު އެވެ. މީގެ ކުރިން "މިހާރު" ގެ ސްޓޫޑިއޯ އަށް އޭނާ ގެނެސްގެން ވެސް ކުރިއަކަށް ނުދެވުނެވެ. އިންޓަވިއުގައި ވާހަކަ ދައްކަން އޭނާ އަށް ހަމަ އުނދަގުލީ އެވެ.

އެ ފަހަރު ކިރިޔާ ވެސް ކުރިއަށް ދެވުނީ އޭނާގެ މަންމަ އަމީނާ މުހައްމަދު (އަމީ) ބައެއް ވާހަކަތައް ކިޔައި ދޭން ފެށުމުންނެވެ.

އޭރު އަހަރެމެންނާ ބައްދަލުވި އަޚްޔާރާއި އިއްޔެ ޓީޓީގެ ގައުމީ ފައިނަލުގައި ފެނުނު އަޚްޔާރާ ތަފާތެވެ. ފައިނަލުގައި ފެނުނީ ޖެހިލުން ކުޑަ، ރަނގަޅު މޮޅު ވަރަ ގަދަ އަޚްޔާރެކެވެ.

ގައުމީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ، ތަޖުރިބާކަރު މޫސާ މުންސިފް އަހްމަދު ބަލިކޮށް، ފުރަތަމަ ފަހަރަށް ގައުމީ ތަށި އަޚްޔާރު ގެންދިޔައީ ހަތް ސެޓަށް ކުޅެ އެންމެ ފަހު ސެޓްގަ އެވެ. އަޚްޔާރު ފުރަތަމަ ތިން ސެޓް ހޯދާފައި ވަނިކޮށް، މުންސިފް ފަހަތުން އަރައި އޭނާގެ ތަޖުރިބާ ބޭނުން ކޮށްގެން އަނެއް ތިން ސެޓް ހޯދައި ހަމަހަމަ ކުރި އެވެ.

ދެން ހީކުރެވުނީ މުންސިފްގެ ތަޖުރިބާ އާއި އޭނާ ކުރި ހިތްވަރުގައި ހަތް ވަނަ ސެޓް ވެސް ގެންގޮސް މެޗު ކާމިޔާބު ކުރާނެ ކަމަށެވެ. އެކަމަކު އަޚްޔާރު އެ އަށް ވުރެ ގަދަ އެވެ. ފަސޭހައިން ދޫދޭން އޭނާ ބޭނުމެއް ނުވި އެވެ. އޭނާ ޖެއްސީ ފުރަތަމަ ތިން ސެޓަށް ވުރެ ވެސް މާ ގަދަކޮށެވެ. އެ ޖެއްސި ގޮތަށް ރާއްޖޭގެ އެންމެ ޝަރަފުވެރި ތަށި ގެންދިޔަ އެވެ. އަހަރެމެން މި ބުނާ ތަފާތު އަޚްޔާރެއް ފެނުނީ އެ ސެޓްގަ އެވެ.

އަޚްޔާރު ވެސް ބުނީ "މުންސިފް ސާ" ވަރުގެ މޮޅު ކުޅުންތެރިޔަކު ބަލިކޮށްލެވުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ.

މުންސިފަކީ އަޚްޔާރުގެ ކުރީގެ ކޯޗެވެ. އޭގެ ކުރިން ފުޓްބޯޅަ އާއި ސުވިމިންގައި އުޅެފައި ޓީޓީ އަށް އޭނާގެ ހިތް ލަންބުވާލީ މުންސިފާއި އޭނާގެ އަންހެނުން ކުރީގެ ޓީޓީ ކުޅުންތެރިޔާ ޓީޓީއޭއެމްގެ މިހާރުގެ އެކްސްކޯ މެންބަރު އާއިޝަތު ފަދުވާ ރަޝީދު (ފަދޫ) އެވެ.

މުންސިފާއި ފަދުއާ، އަޚްޔާރު ކައިރިގައި

މުންސިފާއި ފަދުއާ، އަޚްޔާރު ކައިރިގައި

އަޚްޔާރު ބުނީ އޭނާގެ ކެރިއަރުގައި އަބަދުވެސް "މުންސިފް ސާ" އާއި "ފަދޫ މިސް" ވެ ދިން އެހީތެރިކަން ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

އިންޖަރީ ވެދާނެތީ ފުޓްބޯޅަ ކުޅެން އޭރު ޖެހިލުނުވި އަޚްޔާރު އަތުގައި މުންސިފް ހިފީ، އޭނާގެ އުމުރުން ވަރަށް ހަގު އިރު އެވެ. ޓީޓީއޭއެމްގެ އިސް މަގާމެއް ކުރިން އަދާކުރި އެ ކުޅިވަރުގެ ތަޖުރިބާކާރަކު ބުނީ އަޚްޔާރުގެ ކެރިއަރުގައި މުންސިފާއި ފަދުއާ ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.

ފުޓްބޯޅަ އާއި ސުވިމިންގައި ކުރިއަށް ދާން ބޭނުން ނުވި އަޚްޔާރު ޓީޓީ އަށް ހިތްޖެހުނީ މުންސިފް އޭރު ކޮށްދިން މަސައްކަތުންނެވެ. ގައުމީ ފައިނަލްގައި އޭނާގެ ޓީޗަރުގެ މައްޗަށް ކާމިޔާބު ހޯދައި، ދެން އެންމެ ފުރަތަމަ އިންޓަވިއުގައި ވެސް މުންސިފް ދިން އެހީތެރިކަން ފާހަގަ ކުރުމަކީ ރަނގަޅު އަގުވަޒަން ކުރުމެކެވެ.

އަޚްޔާރު ބުނީ ފަހުން އެކުގައި ގައުމީ ޓީމު އިވެންޓްތަކަށް ރާއްޖޭން ބޭރުގެ މުބާރާތްތަކަށް ދާއިރު ވެސް "މުންސިފްގެ ސާ އޭރުކޮށް ދިން މަސައްކަތް ރިކޯލް ކުރެވޭ" ކަމަށެވެ.

ޓީޓީގެ ގައުމީ ޗެމްޕިއަންގެ ޝަރަފުވެރި މަގާމާ ހަމައަށް އައުމަށް، އޭނާގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއްވީ މަންމަ، އަމީ އެވެ. ކާމިޔާބަށް ފަހު މަންމަގައިގައި އޭނާ ބައްދާލި ވަގުތަކީ ވަރަށް އިމޯޝަން ފެނުނު ވަގުތުކޮޅެކެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ސަޕޯޓަރަކީ މަންމަ އާއި ބައްޕަ،" އަޚްޔާރު ބުނެލި އެވެ.

އަކްޔާރާއި އޭނާގެ މަންމަ، އިއްޔެގެ ކާމިޔާބަށް ފަހު: އެއީ ވަރަށް އިމޯޝަނަލް ވަގުތުކޮޅެއް

އަކްޔާރާއި އޭނާގެ މަންމަ، އިއްޔެގެ ކާމިޔާބަށް ފަހު: އެއީ ވަރަށް އިމޯޝަނަލް ވަގުތުކޮޅެއް

އުފާފާޅުކުރަން ގޮސް މަންމަގެ ގައިގައި އޭނާ ބައްދާލިރު، އަހަރެމެންނަށް ނަގައި ނުގަނެވުނު ކަމަކީ އިއްޔެގެ ފައިނަލުގައި އޭނާގެ ކޯޗެވެ. ފައިނަލުގެ އެ ޕްރެޝަރަށް އަޚްޔާރު ގޮވައިގެން ކޯޗުކޮށް ދޭން ނުކުތީ އޭނާގެ ބައްޕަ އަހްމަދު ނާޝިދެވެ. ދަރިފުޅުގެ ކެރިއާގެ އެންމެ ޕްރެޝަރު މެޗުގައި އެ ހުރިހާ ކަމެއް ކޮންޓްރޯލްކުރަން އޭނާ އަށް އިރުޝާދު ދީ، ވާދަވެރި މެޗު ނަތީޖާ އަޚްޔާރުގެ ކޮޅަށް އަނބުރާލަން ނާޝިދު ކުރި ޓެކްނިކަލް މަސައްކަތުގެ ނަތީޖާ ފޮންޏެވެ. ވިދުން ގަ އެވެ. އެ ވިދުން ބަބުޅަބުޅާ ހުރީ އަޚްޔާރު ގެއަށް ގެންދިޔަ ގައުމީ ރަން ތަށީގަ އެވެ.

މިއަދު ރާއްޖޭގެ ޓީޓީގެ އުހުގައި އަޚްޔާރު ހުރީ ގިނަ ކަންތައްތަކެއް ގުރުބާން ވެސް ކޮށްގެންނެވެ. ފާސްޓް ފުޑާއި ޖަންކް ފުޑްސް އޭނާ ދޫކޮށްލީ، އެ ތަކެތީގެ ރަހަ މީރު ވިޔަސް މުބާރާތަކަށް ތައްޔާރުވާ އިރު އެންމެ ރަނގަޅު "ޗޮއިސް" އަކަށް ނުވާތީ އެވެ. އަމީ ބުނީ ކުރިން އަޚްޔާރު ހުންނަނީ ކުޑަކޮށް ފަލަކޮށް ކަމަށެވެ. އެކަމަކު ކުޅުމަށް، ބޮޑު ބަދަލެއް ގެނެވޭވަރުގެ ޗެލެންޖެއް އޭނާ ނެގި އެވެ.

"ކުރީގައި ހުންނާނީ ކޮންމެ ވެސް ވަރަކަށް ޗަބީކޮށް، އެކަމަކު ފަހުން މިހާރު ހުރި ފިޓްނަސްއާ ހަމައަށް އައީ ފާސްޓް ފުޓް އެވޮއިޑް ކުރީމާ،" އޭނާގެ މަންމަ ކުރިން ބުނެފައި ވެ އެވެ.

ޓީޓީގައި އަޚްޔާރުގެ ކާމިޔާބު ފެށިގެން އައީ ވެސް އޭނާ އަށް ވުރެ މާ ބޮޑަށް އުމުރުން ދޮށީ ކުޅުންތެރިންގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ. ޓީޓީގެ ވައިޑީޕީއާ ގުޅުނު ތަނާ ކައިރީގައި އޮތް މުބާރާތުން 15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން އުމުރުން 10 އަހަރުގައި އަޚްޔާރު ހޯދީ އުމުރުން 15 އަހަރު ފުރެން ގާތް ވެފައި ތިބި ކުޅުންތެރިންނާ ވާދަކޮށެވެ.

ގައުމީ ޗެމްޕިއަންކަން ހޯދި އަޚްޔާރު: ގައުމީ ސިންގަލްސް ތަށި އޭނާ މި ކާމިޔާބު ކުރީ ފުރަތަމަ ފަހަރަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ ޗެމްޕިއަންކަން ހޯދި އަޚްޔާރު: ގައުމީ ސިންގަލްސް ތަށި އޭނާ މި ކާމިޔާބު ކުރީ ފުރަތަމަ ފަހަރަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

މުބާރާތްތަކުގައި އޭނާ ހޯދަމުން ދިޔަ ކުރިއެރުން، ޓީޓީއޭއެމުން ދިޔައީ ބަލަމުންނެވެ. އުންމީދީ ކުޅުންތެރިޔަކަށް ވާނެ ކަމުގެ އުންމީދާ އެކު 2022 ގައި ކްރޮއޭޝިއާގެ ތަމްރީނުތަކަށް ފޮނުވި ކުޅުންތެރިންގެ ތެރޭގައި އަޚްޔާރު ހިމެނުނެވެ.

"ކްރޮއޭޝިއާގެ ޓްރޭނިން ކޭމްޕުން ވަރަށް އިމްޕްރޫވްމެންޓް އައި،" އަޚްޔާރު ބުންޏެވެ.

ގައުމީ މުބާރާތަށް ފަހު، އަރާމުކޮށްލަން ވަގުތު ހޭދަ ކުރުމުގެ ވިސްނުމެއް އަދި އެ ފުރުސަތެއް ވެސް އޭނާ އަކަށް ނެތެވެ. ދެން އޭނާ އަށް އޮތީ ތައިލެންޑާއި ލާއޯސްގައި ފުލުފުލުގައި އޮންނަ ދެ މުބާރާތެވެ.

ދުނިޔޭގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ޑަބްލިއުޓީޓީ ކޮންޓެންޑާ މުބާރާތުގެ 19 އަހަރުން ދަށުގެ ކެޓަގަރީގައި އަޚްޔާރު ވާދަކުރާނެ އެވެ. ތައިލެންޑްގައި މުބާރާތް ކުރިއަށް ގެންދާނީ އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 15 އަށެވެ. އަދި ލާއޯސްގެ މުބާރާތް އޮންނާނީ މި މަހު 18-21 އަށެވެ.

"އެކްސްޕީރިއަންސް ޕްލަސް ވޯލްޑް ރޭންކިން އަށް ފޯކަސް ކޮށްގެން ވާދަކުރާ މުބާރާތެއް،" އަޚްޔާރު ބުންޏެވެ.

ކުރީގެ ގިނަ ތަޖުރިބާތަކުން އަދި މުންސިފާއި އެހެން ކޯޗުންގެ ކިބައިން ތަށި ހޯދާނެ ގޮތް ދަސްވެފައިވާކަން، އިއްޔެ އަޚްޔާރު ސާބިތުކޮށް ދިނެވެ. އެކަމަކު އަދި ވެސް އިންޓަވިއު ދޭކަށް އޭނާ އަކަށް ދަހެއް ނުވެ އެވެ. އެއީ މައްސަލައެއް ނޫނެވެ. ފުލުފުލުން ތަށި އުފުލުމަކީ މާ ބޮޑު އުފަލެކެވެ.