Roadha Mihaaru
ގައުމީ ފައިނަލަށް ދީމާ، ޖުމާނާ އަދި ޝައްފާން މުންސިފް

ގައުމީ ފައިނަލުގައި ދީމާ އާއި ޖުމާނާ އަދި ޝައްފާނާއި މުންސިފް

31 އޮކްޓޯބަރ 2023

މިހާރު ކުރިއަށްދާ ގައުމީ ޓީޓީ މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލް ދަތުރުކޮށްފި އެވެ.

މިހާރު ކުރިއަށްދާ ގައުމީ ޓީޓީ މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލް ދަތުރުކޮށްފި އެވެ.

ގައުމީ ޗެމްޕިއަންކަން ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ހޯދުމުގެ އުންމީދުގައި ހުރި ދީމާ، ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި މަލާކް ބިންތި މުއިއްޒު ބަލި ކުރުމަށް ފަހު އެވެ.

ފައިނަލުގައި ދީމާ އާ ވާދަކުރަން ނުކުންނާނީ ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލެވެ. މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ގައުމީ ފައިނަލުގައި ކުޅުނު ޖުމާނާ، މިފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ މިޝްކާ މުހައްމަދު އިބްރާހިމް ބަލި ކުރުމަށް ފަހު އެވެ.

ސިންގަލްސް ފިރިހެން ފައިނަލަށް ޝައްފާން ދަތުރުކުރީ އޭނާ އާ ދެބެންދެދަރި ޒީކް ހަސަން ލަތީފު ބަލި ކުރުމަށް ފަހު އެވެ. ފިރިހެން ފައިނަލުގައި މިފަހަރު ވެސް އޮތީ މިދިޔަ އަހަރުގެ ކުރިމަތިލުމެވެ. މިދިޔަ އަހަރު ފައިނަލުގައި ޝައްފާން އަތުން ބަލިވި މޫސާ މުންސިފް އަހުމަދު ފައިނަލަށް ދަތުރު ކުރީ ތާބިން ޝުޖާއު ބަލި ކުރުމަށް ފަހު އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މުންސިފް ބަލިކޮށް ޝައްފާން ވަނީ މި އަހަރުގެ އެސޯސިއޭޝަން ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ގައުމީ މުބާރާތުގެ އަންހެން ފައިނަލުގައި މިދިޔަ ތިން އަހަރު ދީމާ އާ ދެކޮޅަށް ކުޅުނު އާއިޝަތު ރަފާ ނާޒިމް މި އަހަރު މުބާރާތުގައި ވާދައެއް ނުކުރެ އެވެ. އެމްބީބީއެސް ކޯސް ފުރިހަމަ ކުރަން ރަފާ ހުރީ އިނގިރޭސިވިލާތުގަ އެވެ.

ސިންގަލްސް ފައިނަލު މެޗުތައް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. މިފަހަރު މުބާރާތުގައި ޓީމު އިވެންޓް ހިމަނާފައެއް ނެތެވެ. އެއީ އެކަށީގެންވާ ވަރަށް ޓީމުތައް ބައިވެރި ވެފައި ނުވުމުންނެވެ. އެންގިފައިވާ ގޮތުގައި ބައިވެރިވި ހަމައެކަނި ޓީމަކީ އީހާ ޓޭބަލް ޓެނިސް އެކަޑަމީ އެވެ.