02 ސެޕްޓެމްބަރ 2023
ޓީޓީ އެސޯސިއޭޝަންގެ އިންތިހާބާ ބެހޭގޮތުން ސެޕްޓެމްބަރު 2021 ގައި ކޯޓުން މައްސަލަ ނިންމުމުން، ބޭއްވި އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އެ އެސޯސިއޭޝަންގެ ރައީސްކަމާ އަލީ ރަޝީދު (އައްޔަ) ހަވާލުވެ، ކުރިއަށް ގެންދިޔަ މީޑީއާ އިންޓަވިއުގައި އޭނާއާ ކުރިމަތި ކުރި އެއް ސުވާލަކީ އަންހެން ޓީމާއި ކުޅުންތެރިން މެޑަލް ހޯދާއިރު ފިރިހެން ކުޅުންތެރިންގެ ކުރިއެރުން ހުއްޓި މަޑުޖެހިފައި އޮތީ ކީއްވެގެންތޯ އެވެ.
ޓީޓީ އެސޯސިއޭޝަންގެ އިންތިހާބާ ބެހޭގޮތުން ސެޕްޓެމްބަރު 2021 ގައި ކޯޓުން މައްސަލަ ނިންމުމުން، ބޭއްވި އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އެ އެސޯސިއޭޝަންގެ ރައީސްކަމާ އަލީ ރަޝީދު (އައްޔަ) ހަވާލުވެ، ކުރިއަށް ގެންދިޔަ މީޑީއާ އިންޓަވިއުގައި އޭނާއާ ކުރިމަތި ކުރި އެއް ސުވާލަކީ އަންހެން ޓީމާއި ކުޅުންތެރިން މެޑަލް ހޯދާއިރު ފިރިހެން ކުޅުންތެރިންގެ ކުރިއެރުން ހުއްޓި މަޑުޖެހިފައި އޮތީ ކީއްވެގެންތޯ އެވެ.
އޭގެ ކުރިން 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން ކެޓަގަރީގެ ހުރިހާ އިވެންޓަކުން ރާއްޖޭން މެޑަލް ހޯދުމުން، އަންހެން ޓީމާ މެދު އެއްވެސް މީހަކު ޝައްކެއް ވެސް ނުއުފައްދަ އެވެ. އެކަމަކު އަންހެން ކުޅުންތެރިންނަށް ދޭވަރުގެ އަހަމިއްޔަތެއް ފިރިހެން ކުޅުންތެރިންނަށް ނުދޭކަމުގެ ތުހުމަތު ވެސް އިންތިހާބުގެ މައްސަލަ ކޯޓަށް ގެންދިއުމުން އިންޓަނޭޝަނަލް ޓީޓީ ފެޑެރޭޝަން (އައިޓީޓީއެފް)ގެ ސަސްޕެންޝަނުގެ އިންޒާރާ ކުރިމަތިލާން ޖެހުނު ޓީޓީއޭއެމްގެ މައްޗަށް އޭރު ކުރެވުނެވެ.
"ފިރިހެން ވެސް އަރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އެބަތިބި ކުރިއަށް ހުރި މުބާރާތްތަކާއި ގޭމްސްތަކުން މެޑަލް ގެންނާނެ ހުނަރުވެރި ކުޅުންތެރިންތަކެއް. އަޅުގަނޑުމެންގެ މި ދައުރުގައި ފިރިހެން ކުޅުންތެރިންގެ ޑިވެލޮޕްމެންޓަށް އިތުރު މަސައްކަތްތަކެއް ކުރާނަން،" އިންތިހާބުގެ ހޫނުގަނޑުގެ ތެރޭގައި އޮތް ތުހުމަތުތަކަށް ރިއާޔަތްކޮށް އިންޓަވިއުގައި އަޅުގަނޑު ކުރިމަތިކުރި ސުވާލަށް ޖަވާބުދެއްވަމުން ޓީޓީ އޮފީހުގައި ހުރެ އަލީ ވިދާޅުވެފައި ވެއެވެ.
އޭގެ ދެ އަހަރުފަހުން ހަމަ މިއަދު ލިޔަން މި ޖެހެނީ އޭރު އޮތް ތުހުމަތުށް އަލީ ދެއްވި ޖަވާބާ އެއްގޮތަށް އެކަން ސާބިތުކޮށްދިން ވާހަކަ އެވެ. މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރޭ ގެ ނިޔަލަށް ޓީޓީގެ ހުރިހާ އިވެންޓެއް ނިމުނު އިރު، އެންމެ ބޮޑު ކާމިޔާބެއް ހޯދީ ރާއްޖޭންނެވެ.
އަންހެން ކުޅުންތެރިން ކާމިޔާބު ދިފާއު ކުރި އެވެ. މިކްސްޑް ޑަބަލްސް އާއި ފިރިހެން ޓީމު އިވެންޓާއި ޑަބަލްސްގައި އަދި ސިންގަލްސްގައި ރާއްޖޭގެ ފިރިހެން ޓީމާއި ކުޅުންތެރިން މެޑަލްތަކެއް ކަރުގައި އަޅުވައިލި އެވެ. އެއީ މީގެ ކުރިން ފިރިހެން ބައިގައި ރާއްޖޭގެ ޓީޓީ އަށް ހޯދިފައި ނެތް ތާރީހީ ކާމިޔާބު ތަކެކެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރަން މެޑަލް ހޯދި ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމު: ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ
މި ކާމިޔާބާ ހަމައަށް ރާއްޖޭގެ ޓީޓީ ކުޅުންތެރިން ގޮވައިގެން އެ އެސޯސިއޭޝަނުން ދަތުރު ކުރީ، އަލީ ވިދާޅުވި ގޮތުން ރަނގަޅު ހިޔާލައި މަޝްވަރާ ލިބި ރަނގަޅު ޕްލޭނަކާ އެކު ކުރިއަށް ދެވުމުން ކަމަށެވެ.
އެހެން އެސޯސިއޭޝަންތަކަށް ވެސް ސަރުކާރުން ބަޖެޓް ދިނެވެ. މި ސަރުކާރު އައިސް ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން ކޮންމެ އަހަރަކު ގާތްގަނޑަކަށް 500،000 ރުފިޔާ ދޭނެ ކަމަށް ސަރުކާރުން ނިންމުމުން، އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފި އެއް އެސޯސިއޭޝަނަކީ ޓީޓީއޭއެމް އެވެ.
ކުރީގެ އެތުލީޓަކު ބުނީ އެހެން ކުޅިވަރުތަކަށް ވެސް ޓްރޭނިން ކޭމްޕާއި ފުރުސަތުތައް ތަނަވަސްކޮށް ދިން އިރު އެ ކުޅިވަރުތަކަށް ކާމިޔާބު ނުލިބުނީ ރަނގަޅު ޕްލޭނެއް ނެތުމުން ކަމަށެވެ. އެކަމަކު ޓީޓީ އަށް ކާމިޔާބު ލިބުނީ ރަނގަޅު ޕްލޭނަކާ އެކު ކޭމްޕްތަކުގެ ބޭނުން ހިފުމުން ކަމަށް އޭނާ ބުންޏެވެ.
އަލީ ވެސް ވިދާޅުވީ ޓީޓީއޭއެމުން ބޭރުގެ ތަޖުރިބާކާރުންގެ މަޝްވަރާ އާއި ލަފާ އަދި އެހީތެރިކަން ކޭމްޕްތައް ކުރިއަށްގެންދާނެ ގޮތާ މެދު ހޯދި ކަމަށެވެ.
"މީގަ އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމަކީ މިނިސްޓާ [އަހުމަދު މަހްލޫފް] ދެއްވާ އެއްބާރުލުން. އަޅުގަނޑުމެން ޕްލޭނެއް ހަދާފަ ފޮނުވީމަ މިނިސްޓާ އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖައްސައި ދެއްވީމަ ކުރިއަށްދާން ވަރަށް ފަސޭހަވި،" މަޑަގަސްކަރާގައި ހުރެ "މިހާރު" އަށް ފޯނުން ދިން އިންޓަވިއުގައި އަލީ ވިދާޅުވި އެވެ.
"ގޭމްސް އަށް ހާއްސަކޮށް އަޅުގަނޑުމެން ހޯދި ބޭރުގެ އެކްސްޕަޓީސް. އެ މީހުންގެ އެޑްވައިސްއާ އެއްކޮށް ޓްރޭނިން ޕްލޭންތަކެއް ހެދުނީމަ ކާމިޔާބު ލިބުނީ. އަދި ގޭމްސް އަށް ހާއްސަކޮށް އެންމެ ފެންވަރު ރަނގަޅު ކޯޗު ހޯދައިގެން އޭނާގެ ބެލުމުގެ ދަށުން ޕްލޭއާސްގެ ޓްރޭނިން ކުރެވުމަކީ ރަނގަޅު ވިސްނުމެއްގައި ކުރެވުނުކަމެއްކަން އެނބަ އެނގޭތާ."
ރިހި މެޑަލް ހޯދި ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ
ޓީޓީގެ ކޯޗަކީ ކްރޮއޭޝިއާގެ ގައުމީ ފިރިހެން ޓީމުގެ ކޯޗު ޒެވޯނިމިރް ކޮރެނިޗް އެވެ. މި ގޭމްސް އަށް އޭނާ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސުމަށް ޓީޓީ އަށް މަގުފަހީވީ 2022 ގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާ އަށް އައި ދުނިޔޭގެ ކުރީގެ ޗެމްޕިއަން ޒޯރާން ޕްރިމޯރަކްގެ ލަފާގެ މަތިންނެވެ.
އެ ހަފުލާ އަށް އައި ކުޅިވަރުގެ ޝަހްސިއްޔަތްތަކަށް، އެމީހަކާ ގުޅޭ ކުޅިވަރުގެ އެސޯސިއޭޝަނަކާ އެކު ވަކިވަކިން ބައްދަލު ކުރުމުގެ ފުރުސަތު މަހްލޫފް ފަހިކޮށް ދެއްވި އެވެ. އޭގެ ބޭނުން ވެސް އެންމެ ރަނގަޅަށް ހިފީ ޓީޓީއޭއެމުންނެވެ.
ސަރުކާރު ކުޅިވަރު އެވޯޑްގެ "ސްޕޯޓްސް އައިކޮން" ގެ ޓްރޮފީ ހިފައިގެން ޒޯރާން ދިޔައީ ރާއްޖޭގެ ޓީޓީ އަށް ވެސް ދޮރެއް ހުޅުވައި ދީފަ އެވެ.
"ޒޯރާންއާ އަޅުގަނޑުމެންގެ އެސޯސިއޭޝަނާ ދެމެދު އުފެދުނު ގުޅުންވީ ވަރަށް ރަނގަޅު އައުޓްކަމެއް ލިބުނު ކަމަކަށް،" އަލީ ވިދާޅުވި އެވެ.
ކްރޮއޭޝިއާގެ ޓްރޭނިން ކޭމްޕަށް ޓީޓީ ކުޅުންތެރިން ތިން ފަހަރެއްގެ މަތިން މިހާރު ވެސް ގޮސްފި އެވެ. އެ ގައުމުގެ ޔޫތު ގައުމީ ޓީމާ އެކު ޓްރޭނިން މެޗުތަކެއް ކުޅެން ވެސް ލިބުނީ ޒޯރާން މެދުވެރިކޮށެވެ. އަދި ގޭމްސް އަށް ހާއްސަކޮށް ކްރޮއޭޝިއާގައި ކުރިއަށް ގެންދިޔަ ޓްރޭނިންވީ ވާދަވެރި މުބާރާތަކަށް ޓީމު ތައްޔާރުވާން މިހާތަނަށް ލިބުނު އެންމެ ރަނގަޅު ޓްރޭނިން ކޭމްޕް ކަމަށް މިކްސްޑް ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދުމުގައި ހިއްސާވި ތަޖުރިބަކާރު ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު، ކުރިން "މިހާރު" އަށް ބުންޏެވެ.
ޒޯރާންގެ ޕާސަނަލް ކޯޗުގެ ގޮތުގައި މަސައްކަތް ކުރި ޒެވޯނިމިރް ކޮރެނިޗް ގޭމްސް އަށް ފުރުމުގެ ކުރިން "މިހާރު" އަށް ދިން އިންޓަވިއުގައި ބުނީ މާލޭގައި ވެސް ޓްރޭނިން ކުރިއަށް ގެންދަން ޓީޓީއޭއެމުން ރަނގަޅު ފެންވަރުގެ އިންތިޒާމުތަކެއް ހަމަޖައްސާފައި އޮތް ކަމަށެވެ. ޓީޓީއޭއެމުން ހަމަޖެއްސި އެ އިންތިޒާމުތަކާ އެކު މުބާރާތަކަށް ޓީމެއް ތައްޔާރުވާން ޖެހޭގޮތަށް ރާއްޖޭގެ ޓީޓީ ޓީމުގެ ތައްޔާރީތައް ކުރިއަށް ގެންދެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"މާލޭގައި ކުރިއަށް ގެންދިޔަ ޓްރޭނިންތައް އަހަންނަށް ވަރަށް ރަނގަޅު. އަހަރެމެން ރާއްޖެ އައިއިރު ފެޑެރޭޝަން [ޓީޓީއޭއެމް] އިން އޮތީ ވަރަށް ރަނގަޅަށް އިންތިޒާމުތައް ހަމަޖައްސާފަ. ޗައިނާގެ ޓީމަކާ އެކު ޓްރޭނިން ކޭމްޕެއް ގެންދެވުނު. އަހަންނަށް އެހީވެދޭން ބޭރުގެ އެހެން ދެ ކޯޗަކު ހަމަޖައްސާފައި ތިބި. ޓެކްނިކް ކޯޗެއް ހުރި ފިޓްނަސް އަށް ފޯކަސް ކުރާނެ ކޯޗެއް ހުރި. އެހެންވީމަ އަހަންނަށް ވަރަށް ފަސޭހަވި ކޯޗިންގެ ޕްލޭންތަކާ އެކީ ކުރިއަށްދާން،" ކޮރެނިޗް "މިހާރު" އަށް ކިޔައި ދިނެވެ.
ކޮރެނިޗް މިހާރު އަށް އިންޓަވިއު ދެނީ: އޭނާ ބުނީ ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން ކޮށްފައި އޮތީ ރަނގަޅު މަސައްކަތެއް ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޓީޓީގައި މިފަހަރު ދެގުނަ ކުރި ކާމިޔާބާ އެކު އެ ކުޅިވަރާ މެދު އާންމުންގެ އުންމީދުތައް މިހާރު މަތިވާނެ ކަމަށް އަލީ ވިދާޅުވި އެވެ. އެހެންވެ އެސޯސިއޭޝަނަށް ވެސް މިހާރަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހޭނެކަން އޭނާ ފާހަގަ ކުރި އެވެ.
"މެޑަލް ހޯދުނީމަ މަސައްކަތް އެ ނިމުނީކީ ނޫން. ދެން ފެށޭނީ އަނެއްކާ ވެސް އެއަށްވުރެ ބޮޑު މަސައްކަތެއް. އަނެއްކާ ވެސް އާ ވިސްނުންތަކެއް ނެރެގެން ދެން ކުރަން ހުރި މަސައްކަތް އިތުރު ވާނެ،" އަލީ ވިދާޅުވި އެވެ.
"އަޚްޔާރުމެންގެ ފަދަ ޒުވާން ކުޅުންތެރިންގެ ބޮޑު ހިއްސާއަކާ އެކު ފިރިހެން ޓީމަށް ފައިނަލަށް ދެވިއްޖެ. ވަރަށް އުންމީދީ ކުޅުންތެރިޔެއްގެ ގޮތުގައި އަޚްޔާރު ފެނިގެން ހިނގައްޖެ. ޕޮޓެންޝިއަލް ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުންތެރިޔާ ފެންނަ ހިސާބުން ދެން ވިސްނަން ޖެހޭނެ އެ ކުޅުންތެރިޔެއްގެ އިތުރު ޑިވެލޮޕްމެންޓަށް ކުރާނެކަންތައްތަކާ ބެހޭގޮތިުން. އޭނާ ވެސް އަދި އެހެން ޒުވާން ކުޅުންތެރިންގެ ޑިވެލޮޕްމެންޓަށް ކުރިއަށްވުރެ މާބޮޑު އިސްކަމެއް ދޭން ޖެހޭނެ."
ފުވައްމުލަކު ޓީޓީ ސެންޓަރުގައި އަލީ (ވ) ކުއްޖަކަށް ބޯޅަ ޖަހަންވީ ގޮތް ކިޔައި ދެނީ: ފުވައްމުލަކުގެ ޓީޓީ ސެންޓަރު ހުޅުވިގެން ދިއުމުން އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފަ --- ފައިލް ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ފޯރުކޮށްދޭ އެހީ އާއެކު ޓީޓީން މިހާރު ވަނީ ފުވައްމުލަކުގައި ޓީޓީ ސެންޓަރެއް ހުޅުވައިފަ އެވެ. އިންޑިއާގެ ކޯޗަކު ހަމަޖައްސައި ފުވައްމުލަކުގައި ފެށި ޓްރޭނިން ސެންޓަރުގެ ކުރިއެރުން ފެނުނީ އެ ސެންޓަރު ހުޅުވިތާ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ފަހުގެ ގައުމީ މުބާރާތުގައި އެ ކުޅުންތެރިން ނެރުނު ނަތީޖާތަކުންނެވެ.
އަލީ ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެފަދަ ޓްރޭނިން ސެންޓަރުތައް ހަދަން ޕްލޭންތަކެއް ހެދިފައި އެބައިޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓީޓީގެ ޖެނަރޭޝަން ގެޕް ފިލް ކުރެވޭނީ އެ ޕްލޭންތަކާ އެކު ކަމަށެވެ.
"މި ކާމިޔާބު ޓީޓީ އަށް ކުރިމަގުގެ ގޭމްސްތަކުގައި މެއިންޓެއިން ކުރާނެ ކުޅުންތެރިންތަކެއް އިރާދަކުރެއްވިއްޔާ މި ސެންޓަރުތަކުން އަންނާނެ،" އަލީ ވިދާޅުވި އެވެ.
ދެން އޮތީ ޓީޓީގެ އެންމެ ބޮޑު ޗެލެންޖް: އަލީ
އޭޝިއާގެ ޓީޓީގެ ކައުންސިލަށް ޓީޓީއޭއެމްގެ ރައީސް އަލީ
ޓީޓީގެ ރައީސް އަލީ އިތުރުދައުރަކަށް ވާދަކުރައްވަނީ
ޓީޓިގެ ގައުމީ ކޯޗަކަށް ކްރޮއޭޝިއާގެ ކޮރެނިޗް
ފުވައްމުލަކުގެ ޓީޓީ ހޯލް ހުޅުވައި ބޭރު ކޯޗަކު ގެނެސްފި
ޓީޓީގައި ވަރުގަދަ ސްޓެގް ބްރޭންޑާ ރާއްޖެ ގުޅިއްޖެ
ޓީޓީގެ ލީޑާޝިޕަށް އައްޔަ/ޝިއުރީގެ ޕެއާ ކުރިމަތިލައިފި
އިރާންގެ ޕެއާ ބަލިކޮށް ޝައްފާނާއި މުންސިފް ދެވަނަބުރަށް
އަންހެން ޓީޓީ ޓީމަށް ލަންކާ އަތުން ތާރީހީ މޮޅެއް
ފެނުނީ ތަފާތު އަޚްޔާރެއް، މިހާރު އެންމެ އުހުގައި!