Roadha Mihaaru
ޓީޓީގައި ވަރުގަދަ ސްޓެގް ބްރޭންޑާ ރާއްޖެ ގުޅިއްޖެ

ޓީޓީގައި ވަރުގަދަ ސްޓެގް ބްރޭންޑާ އެކު ރާއްޖޭން އެއްބަސްވުމަކަށް

27 މެއި 2021

ޓޭބަލް ޓެނިސްގެ އެންމެ ވަރުގަދަ ބްރޭންޑް، "ސްޓެގް" އާ އެކު ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އެއްބަސްވުމެއް ހަދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓޭބަލް ޓެނިސްގެ އެންމެ ވަރުގަދަ ބްރޭންޑް، "ސްޓެގް" އާ އެކު ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އެއްބަސްވުމެއް ހަދައިފި އެވެ.

އިންޑިއާގައި މައި މަރުކަޒު ގާއިމުކޮށްފައިވާ ސްޓެގް ކުންފުންޏަކީ ޓީޓީގައި އޭޝިއާގެ އެންމެ ބޮޑު ކުންފުންޏެވެ. އެހެން ކުޅިވަރުތަކަށް ބޭނުންވާ ސާމާނު ވެސް އުފައްދާ ސްޓެގް އެންމެ މަޝްހޫރީ ޓީޓީގެ ސާމާނު އުފައްދާ ކުންފުންޏެއްގެ ގޮތުގަ އެވެ. ދުނިޔޭގެ 40 ގައުމުގެ ޓީޓީގެ ގައުމީ ޓީމުތަކަށް ކިޓާއި ސާމާނު ސްޓެގުން ސަޕްލައިކޮށްދެ އެވެ.

ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު "މިހާރު" އަށް ވިދާޅުވީ، މުބާރާތް ބާއްވަން ބޭނުންވާ ސާމާނު ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް ސްޓެގްގެ ޗެއާމަން ވިވެކް ކޯލީ ވިދާޅުވެފައިވާ ކަމަށެވެ.

ހިލޭ ދޭނެ ސާމަނަކީ، ޓީޓީގެ 12 ޓޭބަލް، ކުޅޭ އޭރިއާ ވަކިކުރާ ޕާޓިޝަން، ސްކޯބޯޑް އަދި އަމްޕެއާ ގޮނޑި އެވެ.

"އަތޮޅުތެރެއަށް ފޮނުވަން އަޅުގަނޑުމެން ގަންނަ ޓީޓީ މޭޒާއި އެހެން ސާމަނުތައް ވެސް ކުޑަ އަގެއްގައި ސްޓެގުން ފޯރުކޮށްދޭނެ،" އަލީ ވިދާޅުވި އެވެ. "މިއީ ހަތަރު އަހަރުގެ އެއްބަސްވުމެއް، މި އެއްބަސްވުމުގެ ދަށުން އެހެން ދާއިރާތަކުން ވެސް ފުރުސަތު ލިބިގެންދާނެ."

ސްޓްގް އެކެޑެމީގެ ހެޑް ކޯޗް (ކ) ޓީޓީގެ ރައީސް އަލީ ރަޝީދު އަދި ސްޓްގްގެ ޗެއާމަން ކޯލީ

ސްޓްގް އެކެޑެމީގެ ހެޑް ކޯޗް (ކ) ޓީޓީގެ ރައީސް އަލީ ރަޝީދު އަދި ސްޓްގްގެ ޗެއާމަން ކޯލީ

ސްޓެގް މެދުވެރިކޮށް އިންޑިއާގެ އެންމެ ބޮޑު އެކެޑެމީން ތަމްރީންގެ ފުރުސަތު

ސްޓްގް އަކީ، އިންޑީއާގެ ޓެބަލްޓެނިސްގެ އެންމެ ބޮޑު އެކެޑެމީ ވެސް ހިންގާ ކުންފުންޏެވެ. ޓޯކިޔާ އޮލިމްޕިކްސް އަށް ކޮލިފައިވެފައިވާ، އިންޑިއާގެ އެއް ވަނަ އަންހެން ޓީޓީ ކުޅުންތެރިޔާ މަނީކާ ބަޓްރާއަކީ ވެސް ސްޓްގްގެ އެކެޑެމީން ތަމްރީންވި ކުޅުންތެރިޔެކެވެ.

"އެ އެކެޑެމީއަށް ރާއްޖޭގެ ކުޅުންތެރިން ފޮނުވައިގެން ތަމްރީން ހެދުމުގެ ފުރުސަތު ވެސް އޮތީ ހަމަޖެހިފަ،" އަލީ ވިދާޅުވި އެވެ. "ރާއްޖެއިން ދާ ކުޅުންތެރިންނަށް ފެސިލިޓީސް ފޯރުކޮށްދޭނެ. އެ އެކެޑެމީގެ ކޯޗުންގެ ބެލުމުގެ ދަށުން ޓްރެއިނިންތައް ފޯރުކޮށްދޭނީ އަދި އެ އެކެޑެމީގެ ކުޅުންތެރިންނާ އެއްކޮށް ކުޅުމުގެ ފުރުސަތު ވެސް ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭނެ."

އަލީ ވިދާޅުވީ ކޮވިޑްގެ ހާލަތު ހަމަޔަކަށް އެޅުމުން، ސްޓްގްގެ އެކެޑެމީ ޓްރޭނިންގެ ފުރުސަތު ބޭނުންކުރާނެ ގޮތަކާ މެދު މަޝްވަރާކުރާނެ ކަމަށެވެ.

ޓީޓީން މިދިޔަ މަހު ވަނީ، އިންޑިއާގެ ޓީޓީ ފެޑްރޭޝަނާ އެކު އެއްބަސްވުމެއް ހަދައި ރާއްޖޭގެ ކުޅުންތެރިންނާއި ކޯޗުން އަދި މެޗު އޮފިޝަލުން ތަމްރީން ކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.

ރާއްޖޭގެ ކޯޗުން އިންޑިއާގައި ތަމްރީން ކުރުމުގެ އިތުރަށް، އިންޑިއާގެ ކޯޗުން ރާއްޖެ އައިސް ޓްރޭނިން ޕްރޮގްރާމްތައް ހިންގުމަށް އިންޑިއާގެ ފެޑްރޭޝަނާ އެކު ވަނީ އެއްބަސް ވެފަ އެވެ. އަލީ ވިދާޅުވީ އެކަމުގެ ސަބަބުން ސްކޫލްތަކުގައި ޓީޓީ އިތުރަށް ވަރުގަދަ ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އިންޑިއާ އިން އަންނަ ކޯޗިން ޓީމުގެ އެހީތެރިކަމާ އެކު ތަމްރީން ކުރާނީ ސްކޫލްތަކުގެ ޓީޓީ ކޯޗުން ކަމަށް އޭނާ ވިދާޅުވި ވެފައިވެ އެވެ.

ރާއްޖޭގެ ޓީޓީގައި އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ އެކަށީގެންވާ ވަރަށް ޓެކްނިކަލް އޮފިޝަލުން ނެތުމެވެ. އެ މައްސަލަ ހައްލު ކުރުމަށް ގޭމް އޮގަނައިޒިން އޮފިޝަލުންނާއި އަމްޕެޔަރުން ތަމްރީން ކުރުމުގެ ޕްރޮގާރްމެއް އިންޑިއާގެ އެހީގައި ކުރިއަށް ގެންދިއުމަށް ވެސް އިންޑިއާގެ ފެޑްރޭނާއެކު ރާއްޖެއިން އެއްބަސްވުން ހެދި އެވެ.