Roadha Mihaaru
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް

ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ކަމަށް ނުދެކެން، އެ އިދާރާގެ ބަހެއް ލިބުމަކީ ކުރިއެރުމެއް: ތޮލާލް

30 އޯގަސްޓް 2024

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭގޮތުން ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް ފޮނުވި ސިޓީއްކީ އިންޒާރެއް ކަމަށް ނުދެކޭ ކަމަށާއި އެ އިދާރަގެ ބަހެއް ލިބުމަކީ އެ އެސޯސިއޭޝަން އިސްލާހުކުރުމަށް ފަށާފައިވާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭގޮތުން ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް ފޮނުވި ސިޓީއްކީ އިންޒާރެއް ކަމަށް ނުދެކޭ ކަމަށާއި އެ އިދާރަގެ ބަހެއް ލިބުމަކީ އެ އެސޯސިއޭޝަން އިސްލާހުކުރުމަށް ފަށާފައިވާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

އެންމެ ފަހުން އިންތިހާބުވި އެކްސްކޯގެ ދައުރު ހަމަވެފައިވާ ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލާ، ތޮލާލް ވަނީ ހަވާލުކޮށްފަ އެވެ.

ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ވަނީ، އޮލިމްޕިކް ކޮމިޓީ އަށް ސިޓީއަކުން އަންގައި، ތޮލާލް އެ ނިންމުން މުރާޖާ ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބީއޭއެމްގެ އިންތިހާބު މި އަހަރު ފަހުކޮޅުގައި ބޭއްވުމަށް، ތިން މެންބަރުންގެ އެޑްހޮކް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ވެސް އެމްއޯސީ އާއި ބީއޭއެމްގެ އެކްސްކޯ ބައިވެރިވެގެން ކުރިއަށްދާ މަޝްވަރާތަކުގައި ވާހަކަ ދައްކަމުންދާކަމަށް ބީޑަބްލިއުއެފްގެ ސިޓީގައި ވެއެވެ.

ތޮލާލް މިއަދު ވިދާޅުވީ، ބީއޭއެމުން ބީޑަބްލިއުއެފަށް މައުލޫމާތު ހިއްސާކުރީ ކަންހިނގަމުންދާ ގޮތުގެ ހިގީގަތް އޮޅޭގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ ބީޑަބްލިއުއެފްގެ އެޑްހޮކް ކޮމިޓީ އެކުލަވާލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އޭނާ ހިޔާލު ދެއްވީ ފަސް މެންބަރުންގެ އެޑްހޮކް ކޮމިޓީއެއް އެކުލަވާލަމަށެވެ.

ތޮލާލް (ކ) އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: ތޮލާލް ވިދާޅުވީ ބީޑަބްލިއުއެފަށް އެއްބާރުލުން ދޭނެ ކަމަށް

ތޮލާލް (ކ) އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: ތޮލާލް ވިދާޅުވީ ބީޑަބްލިއުއެފަށް އެއްބާރުލުން ދޭނެ ކަމަށް

"ބީޑަބްލިއުއެފުން އެކުލަވާލާ އެޑްހޮކް ކޮމިޓީ އެކުލަވާލުމަށް އެއްވެސް ހުރަހެއް ނެތް، އެހެންނަމަވެސް ތިން މެންބަރުންގެ ކޮމިޓީއެއްގެ ބަދަލުގައި ފަސް މެންބަރުންގެ ކޮމިޓީއެއް އޮތުން ރަނގަޅު ކަމުގައި އަޅުގަނޑު ދެކެން،" ތޮލާލް ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަން ވެސް ކުރެއްވި، ތޮލާލް ވިދާޅުވި ގޮތުގައި އޭނާ މަސައްކަތް ކުރަމުން ގެންދަވަނީ އެއްވެސް ބައެއް ނުފޫޒެއް ނެތި މިނިވަންކަމާ އެކު އިންތިހާބުތައް ބޭއްވޭ އުސޫލުތަކެއްގެ ތެރެއަށް އެސޯސިއޭޝަންތައް ބައްޓަން ކުރުމަށެވެ. މިހާރު ބީއޭއެމްގެ އުސޫލުތައް އޮތް ގޮތުން އޭރެއްގައި އޮންނަ އެކްސްކޯ އަށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނަކަން ތޮލާލް ފާހަގަ ކުރެއެވި އެވެ. އެހެންވެ އަސާސީގަވާއިދު އިސްލާހުކުރުމަށް ތަކުރާރުކޮށް ބީއޭއެމަށް އިލްތިމާސް ކުރުމުން ވެސް އެ މަސައްކަތް ކޮށްފައިނުވާކަމަށް ތޮލާލް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވީ، ބައެއް ރަށްރަށުގައި ބީއޭއެމުން ހަދާފައިވާ ބެޑްމިންޓަން ޑިވެލޮޕްމެންޓް ސެންޓަރުތަކުން (ކޮންމެ ސެންޓަރަކުން) އެއް މަންދޫބަކު އައިސް، އެ ސެންޓަރުގައި ކުލެން ރަޖިސްޓަރީކޮށްފައިވާ ހުރިހާ އެންމެންގެ ނަމުގައި ހަމަ އެ އަދަށް ވޯޓް ލެވޭ ގޮތަށް އޮންނަ އުސޫލެވެ.

"ވޯޓު ދެވޭ އަދަދުގަ މައްސަލަ ހުރުމުން އެކަން އިސްލާހު ކުރުމަށް އެތައް ފަހަރަކު ދަންނަވައިގެން އެއަށް އެއްވެސް އެއްބާރުލުމެއް އެސޯސިއޭޝަނުން [ބީއޭއެމުން] ލިބިފަ ނުވޭ. ހަމަ އެގޮތަށް އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމަށް އަންގުމުން ވެސް އެކަންވެސް ނުކުރޭ. އަދި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެގެން ދިޔައިރުވެސް ހިންގާ ކޮމިޓީގެ މުއްދަތު އިތުރު ކުރުމަށް އެސޯސިއޭޝަނުން އެދިފައި ނުވާ،" ތޮލާލް ވިދާޅުވި އެވެ.

ސްޕޯޓްސް ކައުންސިލާ، ބީއޭއެމްގެ އިދާރީ ހިންގުން ހަވާލު ކުރީ އިންތިހާބުގެ މަސައްކަތް ކައުންސިލުން ކުރާ ގޮތަށް ނޫން ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި އެކަން ބީއޭއެމަށް ވަރަށް ސާފުކޮށް އެނގިފައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް ބެޑިމިންޓަން އެސޯސިއޭޝަނުން ވަނީ ކަމުގެ ހަގީގަތާއި ކަން ހިންގަމުންދާ ގޮތް ވަރަށް ބޮޑަށް ބީޑަބްލިއުއެފްއަށް އޮޅުވާލަފަ. އަދި ކޯޓަށް ހުށަހަޅާފަ ވާ މައްސަލައިގަވެސް ކަންކަން އޮޅޭ ގޮތަށް ހުރި ކަން ފާހަގަވޭ،" ތޮލާލް ވިދާޅުވި އެވެ.

ބީއޭއެމުން ވަނީ، ތޮލާލް ނިންމެވި ނިންމުމާ ދެކޮޅަށް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފަ އެވެ.

ތޮލާލް ވިދާޅުވި ގޮތުގައި ބީޑަބްލިއުއެފްގެ ސިޓީ އަކީ އިންޒާރެއް ކަމަށް އޭނާ ނުދެކެ އެވެ. އޭގެ ބަދަލުގައި އޭނަ ދެކެނީ އެ ސިޓީ އަކީ ބެޑްމިންޓަނަށް ދިމާވެފަ ހުރި މައްސަލަތައް ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ބީޑަބްލިއުއެފުން އޮލިމްޕިކް ކޮމިޓީއަށް ފޮނުވި ސިޓީގައި އިންޒާރެއް ދީފަވާކަމަށް ނުދެކެން. މިކަމުގަ ބީޑަބްލިއުއެފްގެ ބަހެއް ލިބުން އެއި ބެޑްމިންޓަން އެސޯސިއޭޝަން ގެ ކަންކަން އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް،" ތޮލާލް ވިދާޅުވި އެވެ.

ބީޑަބްލިއުއެފް އާއި އެމްއޯސީން ކުރަމުންދާ މަޝްވަރާތަކުން ނިންމާ ކަންތައްތަކަށް، ސްޕޯޓްސް ކޮމިޝަނާ އޮފީހުގެ އެއްބާރުލުން އޮންނާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ބީޑަބްލިއުއެފްގެ އެއްވެސް ނިންމުމަކަށް ގޮންޖަހައިގެން ގޮތް ދޫނުކޮށް ހުރުމަކީ އަޅުގަނޑުގެ ނިޔަތެއް ނޫން. އެމްއޯސީއާ ބީޑަބްލިއުއެފް އެއްބަސްވާ ގޮތަށް ކޮމިޓީ އެކުލަވާލުމާ، އަދި ބެޑްމިންޓަންގެ ހެވާލާބައަށް ކުރެވޭ ކޮންމެ ކަމެއްގަ ފުރިހަމަ އެއްބާރުލުން ދޭނަން،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލު ކުރީ އެ އެސޯސިއޭޝަނާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ، ބެޑްމިންޓަން ކޮމިއުނިޓީ އާއި ކުޅުންތެރިންގެ ގިނަ ޝަކުވާތަކެއް ލިބެމުން ދާތީ އެ މައްސަލަތައް ހައްލުކޮށް، އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

އެ މައްސަލަތައް ހައްލުކުރުމަށް، އެ އެސޯސިއޭޝަނުގައި އެންމެ ފަހުން އޮތް ހިންގާ ކޮމިޓީގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.