Roadha Mihaaru
ކޮމިޝަނާގެ އެންގުން ބޮލާލައި ޖަހައި އިންތިހާބު ކުރިއަށް

ސްޕޯޓްސް ކޮމިޝަނަރުގެ އެންގުން ބޮލާލައި ޖަހައި ބީއޭއެމުން އިންތިހާބައިގެން ކުރިއަށް

18 މާޗް 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގެ މަސައްކަތް މަޑުޖައްސާލަން، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް އަންގާފައި ވަނިކޮށް، އެ އެސޯސިއޭޝަނުން އިންތިހާބައިގެން ކުރިއަށްދާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގެ މަސައްކަތް މަޑުޖައްސާލަން، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް އަންގާފައި ވަނިކޮށް، އެ އެސޯސިއޭޝަނުން އިންތިހާބައިގެން ކުރިއަށްދާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ބީއޭއެމްގެ ވޯޓިން ސިސްޓަމް އެކުލަވާލަފައި އޮންނަ ގޮތާ ގުޅޭ ގޮތުން ފެންމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ފަހު މެނުވީ އިންތިހާބު ނުބޭއްވުމަށް، މިދިޔަ ބުދަ ދުވަހު ތޮލާލް އެންގެވި އެވެ. އެކަމަކު ވެސް ބީއޭއެމުން ދަނީ އިންތިހާބާ ގުޅޭ މަސައްކަތް ކުރަމުންނެވެ.

އެންމެ ބޮޑަށް މައްސަލަ ޖެހިފައިވާ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ވެސް އެ އެސޯސިއޭޝަނުން އިއްޔެ އިއުލާން ކުރި އެވެ.

އަތޮޅުތަކުގެ ފޯކަލް ޕޮއިންޓަކެއްގެ ގޮތުގައި، އެ އެސޯސިއޭޝަންގެ އެކުލަވާލާފައިވާ ބެޑްމިންޓަން ޑިވެލޮޕްމެންޓް ސެންޓަރު (ބީޑީސީ) ތަކުން އެންމެ ފަރުދަކު އައިސް 100 އަށް ވުރެ މެންބަރުންގެ ނަމުގައި 100 އަށް ވުރެ ވޯޓް ދެ އެވެ. ތޮލާލް ވިދާޅުވީ، ބީޑީސީ ތަކަކީ ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮމިޓީތަކެއް ނޫން ކަމަށެވެ.

އެ މައްސަލަތައް، ސްޕޯޓްސް ކޮމިޝަނާގެ އޮފީހަށް ބެޑްމިންޓަން ކުޅުންތެރިންގެ ފަރާތުން ވެސް ޝަކުވާ ހުށަހަޅާފައި ވުމުން، ބީއޭއެމުން އިންތިހާބު އިއުލާން ކުރުމުގެ ކުރިން ވެސް، އިންތިހާބުގެ މަސައްކަތް ކުރިއަށް ނުގެންދަން އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިހާބަށް އިއުލާން ކުރުމުގެ ކުރިން ވެސް އޮންނާނީ ސިޓީއަކުން ދަންނަވާފަ، އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި އިސްޅާޙު ކުރަން ހުރި ބައެއް ކަންކަން ހުރުމާއި، އަދި ބައެއް އިތުރު ކަންކަމުގައި ކުލަބުތަކާއި ކުޅުންތެރިންގެ ޝަކުވާ ލިބެމުންދާތީ، އެ ޝަކުވާތައް ބެލުމަށާއި، އަދި އިންތިހާބަށް އިޢުލާނުކުރުމުގެ ކުރިން ގަވާއިދުގައި އިސްލާޙު ކުރަން ހުރި ކަންކަން އިސްލާހު ކުރުމަށް. އެހެން އޮއްވައި އިއްޔެ އިންތިހާބަށް އިއުލާން ކުރުމުން އަނެއްކާ މިއަދު އެންގުމެއްގެ ގޮތުގައި މި އެންގީ،" ތޮލާލް ވިދާޅުވި އެވެ. އިންތިހާބުގެ މަސައްކަތް ކުރިއަށް ނުގެންދަން، ދެ ފަހަރު މަތިން ސްޕޯޓްސް ކޮމިޝަނާ އެންގެވި އިރު ވެސް ބީއޭއެމުން އެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާތީ، އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

މޫސަގެ ޖެނަރަލް ސެކްރެޓަރީކަމުގައި ކުރިން ހުރި އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަން ބަދަލު ކުރަންވީ "މޫސަގެ ރަސްކަމަކަށް" ކަމަށެވެ.

މާލެއިން ބޭރުގައި ބެޑްމިންޓަންގެ ހަރަކާތްތައް އެންމެ ފޯރިގައި ކުރިއަށްގެންދާ އޭދަފުށީގައި، ކުރިން ބީއޭއެމްގެ ސެންޓަރެއް ހިންގުމުގައި އިސްކޮށް އުޅުނު މުހައްމަދު އިކްރާމް ބުނީ އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދަން ސްޕޯޓްސް ކޮމިޝަނާ އަންގާފައި ވަނިކޮށް ވެސް އިންތިހާބު ކުރިއަށް ގެންދިއުމަކީ ހުދުމަހުތާރު އަމަލެއް ކަމަށެވެ.

ބީއޭއެމްގެ އިންތިހާބީ ކޮންގްރެސް އައްޑޫގައި ބޭއްވުމަށް އެ އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ. އިކްރާމް ބުނީ މި މަސައްކަތައް އައްޑޫ ކައުންސިލުން ވެސް އެއްބާރުލުން ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.