Roadha Mihaaru
ބީއޭއެމުން އެދުނު ވަގުތީ އަމުރު ކޯޓުން ނެރެނުދިން

ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމާ ދެކޮޅަށް ބީއޭއެމުން އެދުނު އަމުރު ކޯޓުން ނެރެނުދިން

05 ސެޕްޓެމްބަރ 2024

ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އާ މެދު ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ނިންމެވި ނިންމުމާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެ އެސޯސިއޭޝަނުން އެދުނު ނަމެވެސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އާ މެދު ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ނިންމެވި ނިންމުމާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެ އެސޯސިއޭޝަނުން އެދުނު ނަމެވެސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

އެކްސްކޯގެ ދައުރު ހަމަވެފައިވާ ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލުކުރަން، ތޮލާލް މިދިޔަ މަހު ނިންމި އެވެ.

އެކަން އިއުލާން ކުރަމުން ތޮލާލް ވިދާޅުވެފައި ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ މުއައްސިސު، ސްޕޯޓްސް ކައުންސިލާ، އެ އެސޯސިއޭޝަން ހަވާލުކުރަނީ އެ އެސޯސިއޭޝަނުގެ އިންތިހާބު ބާއްވައި ނިމެންދެން ކަމަށެވެ.

ތޮލާލްގެ އެ ނިންމެވުމާ ދެކޮޅަށް، ބީއޭއެމުން މިދިޔަ ހަފުތާގައި އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އަދި މައްސަލައިގައި ބީއޭއެމުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި، ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން، ތޮލާލްގެ އެ ނިންމުން ބަދަލުކުރުމަށް އެދި ފޮނުވި ސިޓީގެ ކޮޕީއެއް ވެސް ހިމެނެ އެވެ. ތޮލާލްގެ ނިންމުން މުރާޖައާ ކުރުމަށް ދަންނަވައި ދިނުމަށް ބީޑަބްލިއުއެފުން އޮލިމްޕިކް ކޮމިޓީގެ ކިބައިން އެދިފައިވެ އެވެ.

އެ ފެޑެރޭޝަނުން މިދިޔަ މަހު 21 ގައި ފޮނުވި ސިޓީގައި ބުނެފައި ވަނީ ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލު ކުރީ، މި އަހަރު ފަހުކޮޅު އެ އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމަށް މަގުފަހި ކުރުމަށް ތިން މެންބަރުންގެ އެޑްހޮކް ކޮމިޓީއެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުންދަނިކޮށެވެ. އަދި އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވައި ނިމެންދެން ބީއޭއެމްގެ ހިންގުމުގައި ދެމިތިބޭނީ އެންމެ ފަހުން އިންތިހާބުވި އެކްސްކޯ ކަމަށް އެމްއޯސީ އާއި ބީޑަބްލިއުއެފް އާއި ބީއޭއެމްގެ އެކްސްކޯ އެކު ކުރިއަށްދާ "ހެޔޮ ނިޔަތުގެ" މަޝްވަރާތަކުގައި އެއްބަސްވެފައިވާކަން ވެސް ބީޑަބްލިއުއެފްގެ އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"އެހެންވީމާ، ބީއޭއެމްގެ ލީޑަރޝިޕާއި، އެމްއޯސީ އަދި ބީޑަބްލިއުއެފުން އެއްބަސްވެފައިވާ މަގުޗާޓު ބަލައިގަތުމަށް [ސްޕޯޓްސް] ކޮމިޝަނަރަށް ހުށަހެޅުއްވުމަށް އެމްއޯސީއަށް ދަންނަވަމެވެ،" ބީޑަބްލިއުއެފްގެ ސެކްރެޓަރީ ޖެނަރަލް ތޯމަސް ލަންޑް ސޮއި ކުރައްވައި އޮލިމްޕިކް ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.

ބީޑަބްލިއުއެފްގެ އެ ސިޓީއާ ގުޅިގެން، މީޑީއާ އަށް ތޮލާލް ފޮނުއްވި މެސެޖްގައި އޭނާ ވަނީ ބީޑަބްލިއެފްގެ ސިޓީ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ބީޑަބްލިއުއެފްގެ ސިޓީއެއް ލިބުމަކީ ބީއޭއެމް އިސްލާހު ކުރުމުގެ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ބީޑަބްލިއުއެފުން، އެޑްހޮކް ކޮމިޓީއެއް އެކުލަވާލުމުގައި ވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ތިން މެންބަރުންގެ ބަދަލުގައި، ތޮލާލް ހިޔާލު ދެއްވަނީ ފަސް މެންބަރުންގެ އެޑްހޮކް ކޮމިޓީއެއް އެކުލަވާލުމަށެވެ.

ބީއޭއެމްގެ އެކްސްކޯގެ ދައުރު ހަމަވީ، މާޗް މަހު އެވެ. އެ އެސޯސިއޭޝަނުން އިންތިހާބު ބާއްވަން މަސައްކަތް ކުރި ނަމަވެސް ތޮލާލް އެކަން ހުއްޓުވި އެވެ. އެ އިންތިހާބީ ކޮންގްރެސްގައި ވޯޓް ދޭ މެންބަރުންގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭތީ، އެކަން އިސްލާހު ކުރުމަށް ފަހު އިނިހާބު ބޭއްވުމަށް ތޮލާލް އެންގެވި އެވެ.