Roadha Mihaaru
ބީއޭއެމްގެ މައްސަލަ ރިވައިވަލުން އޭސީސީއަށް ހުށަހަޅައިފި

ބީއޭއެމްގެ މައްސަލަ ރިވައިވަލުން އޭސީސީއަށް ހުށަހަޅައިފި

29 އޯގަސްޓް 2024

ބެޑްމިންޓަން ތަރި ނިބާލް އަހުމަދުގެ ސްކޮލާޝިޕް ފައިސާ އަށް ބެޑްމިންޓަން އެސޯސިއޭޝަނުން ހިޔާނާތްތެރިވެފައިވާ މައްސަލަ، އޭނާ ނިސްބަތްވާ ރިވައިވަލް ސްޕޯޓްސް އިން އޭސީސީ އަށް ހުށަހަޅައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެޑްމިންޓަން ތަރި ނިބާލް އަހުމަދުގެ ސްކޮލާޝިޕް ފައިސާ އަށް ބެޑްމިންޓަން އެސޯސިއޭޝަނުން ހިޔާނާތްތެރިވެފައިވާ މައްސަލަ، އޭނާ ނިސްބަތްވާ ރިވައިވަލް ސްޕޯޓްސް އިން އޭސީސީ އަށް ހުށަހަޅައިފި އެވެ.

އޮލިމްޕިކް ސްކޮލާޝިޕްގެ ގޮތުގައި ނިބާލަށް ދިން ފައިސާގެ ގޮތުގައި އޮލިމްޕިކް ކޮމިޓީން 35،000 ޑޮލަރު ބީއޭއެމަށް ޖަމާކޮށްފައިވާކަން އެ އެސޯސިއޭޝަނުން ހިއްސާ ކުރި ޑޮކިޔުމެންޓްގައިވެ އެވެ. ރިވައިވަލުން ވަނީ އެ ޑޮކިޔުމެންޓް "މިހާރު" އާ ހިއްސާކޮށްފަ އެވެ.

ނަމަވެސް، އެ ފައިސާ ބީއޭއެމުން ނިބާލް ފުރިހަމައަށް ހޭދަނުކޮށް ހަރަދުކޮށްފައި ވަނީ އެހެން ކަންތައްތަކަށް ކަމަށް ވެސް އެ ލިޔުމުން އެނގެ އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ނިބާލް އަށް ހިއްސާކޮށްފައިވާ އެ ޑޮކިޔުމެންޓްގައި ވާ ގޮތުން، އެ ފައިސާ އިން ބައެއް ގައުމީ ޓީމުގެ ކޯޗު، ދެކުނު ކޮރެއާގެ ޖަންގް ކީ ޔޫން އަށް މުސާރަ ދިނުމަށް ވެސް ހޭދަ ކުރި އެވެ.

ކޯޗުގެ މުސާރަ ދިނުމަށް ފައިސާ ހޭދަކޮށްފައިވާ ގޮތުގެ މައްސަލަ ވެސް އޭސީސީ އަށް ހުށަހަޅާފައިވާކަމަށް ރިވައިވަލުން ބުންޏެވެ.

ކޯޗަށް މުސާރަ ދިނުމަށް ނިބާލްގެ ފައިސާއިން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ކޮންމެ މަހަކު 500 ޑޮލަރުގެ މަގުން 7،500 ޑޮލަރު ދީފައިވާކަން ބެޑްމިންޓަން އެސޯސިއޭޝަނުން ނިބާލަށް ފޮނުވި ލިޔުމުން އެނގެ އެވެ.

މިދިޔަ އަހަރުގެ މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އެކޮމޮޑޭޝަނާއި އެންޓްރީ ފީއަށް ފައިސާ ދެއްކުމަށް ވެސް ނިބާލްގެ ސްކޮލާޝިޕް ފައިސާ ބޭނުންކޮށްފައިވާކަން ވެސް އެ ލިޔުމުން އެނގެ އެވެ.

ރިވައިވަލުން ބުނި ގޮތުގައި މައްސަލަ އޭސީސީ އަށް ހުށަހެޅީ، އޭނާގެ ސްކޮލާޝިޕް ފައިސާ ބެޑްމިންޓަން އެސޯސިއޭޝަނަށް ނަހަމަގޮތުގައި ބޭނުން ކުރުމުން އޭނާގެ ކެރިއާ އަށް ވެސް ނޭދެވޭ އަސަރު ކުރާނެތީ އޭނާގެ ހައްގުގައި ކަމަށެވެ.

"ނިބާލް އަކީ މި ކްލަބްގެ ކުޅުންތެރިއަކަށްވާތީ، އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް މި ކްލަބުން ވިސްނަން ޖެހޭނެ. އޭނާގެ ސްކޮލަޝިޕް ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތާ އެކު ރާއްޖޭން ބޭރުގައި ތަމްރީނުތައް ކުރިއަށް ގެންދިއުމުގެ އަޒުމަށް ގެއްލުންވާ ކަމެއް ކަމަށް ވާތީ މައްސަލަ ހުށަހެޅީ،" އޭސީސީ އަށް ހުށަހެޅި މައްސަލައާ ބެހޭގޮތުން ރިވައިވަލުން ބުންޏެވެ.

ބީއޭއެމާ ގުޅޭ ފައިސާގެ އެހެން މައްސަލައެއް އޭސީސީން މިހާރު ވެސް ދަނީ ބަލުމުންނެވެ. އެ މައްސަލައިގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މޫސާ ނާޝިދުގެ ފިހާރަ އާއި އޭނާގެ އެހެން ވިޔަފާރީތައް ވެސް އޭސީސީން ރެއިޑް ކުރި އެވެ.