Roadha Mihaaru

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑްކޮށްފި

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނުފޫޒު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ފޯރާފައިވާތީވެ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖެ ސަސްޕެންޑްކޮށްފި އެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑްކޮށްފި

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނުފޫޒު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ފޯރާފައިވާތީވެ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖެ ސަސްޕެންޑްކޮށްފި އެވެ.

ބީޑަބްލިއުއެފްގެ މި ނިންމުން، އެމްއޯސީ އަށް އަންގަން ފޮނުވި ސިޓީގެ ކޮޕީއެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުން ބީޑަބްލިއުއެފް އިން ހިތްހަމަނުޖެހުނީ، ބެޑްމިންޓަން އެސޯސިއޭޝަނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން އެމްއޯސީއާ ގުޅިގެން އުފެއްދި ކޮމިޓީގެ މަސައްކަތަށް، ކޮމިޝަނާ އޮފް ސްޕޯޓްސްއާ ގުޅިގެން އެމްއޯސީ އިން ނުފޫޒު ފޯރުވުމުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު މިދިޔަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. ނަމަވެސް އިންތިހާބެއް ނުބޭއްވުނުތަނުގައި، އަސާސީ ގަވާއިދަށް އިސްލާހު ވެސް ގެނެވިފައެއް ނުވެ އެވެ.

މި މައްސަލަ ހައްލުކުރަން ބީޑަބްލިއުއެފް އިން ތާއީދުކުރީ، އެ ޖަމިއްޔާގެ މެމްބަރަކާއި، އެމްއޯސީގެ މެމްބަރަކާއި، އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރަކު ހިމެނޭ ގޮތަށް ޖޮއިންޓް ކޮމިޓީއެއް ނަގާށެވެ. މައްސަލަ އުފެދުނީ ގާނޫނީ ވަކީލަކާއި، ބެޑްމިންޓަން ކޮމިއުނިޓީގެ މެމްބަރަކު ހިމެނޭހެން، އިތުރު ދެ މެމްބަރަކު ކޮމިޓީއަށް އައްޔަންކުރަން އެމްއޯސީން ހުށަހެޅުމުންނެވެ.

ބީޑަބްލިއުއެފް އިން އެދުނީ އައްޔަންކުރާ ދެ މެމްބަރުންނަށް ކޮމިޓީގެ ރުހުން ހޯދުމަށާއި، ކޮމިޓީގެ ނިންމުންތައް ވޯޓުން ނިންމުމުގެ ބަދަލުގައި މަޝްވަރާގެ މަތިން ނިންމާށެވެ. ނަމަވެސް ބީޑަބްލިއުއެފް އިން ބުނީ، އެ ޖަމިއްޔާ އަށް ނޭގި އެމްއޯސީން ދެ މެމްބަރަކުން ކޮމިޓީއަށް އައްޔަންކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކީ އެސޯސިއޭޝަނުގެ މިހާރުގެ އެކްސްކޯ އަށް ފާޑުކިޔާ މީހެއް ކަމަށާއި، އެހެންކަމުން އޭނާގެ މިނިވަންކަމާ މެދު ސުވާލު އުފެދުނު ކަމަށެވެ. އަދި ކޮމިޓީގެ ނިންމުންތައް ނިންމާނީ ވޯޓުން ކަމަށް އެމްއޯސީން ނިންމުމުން، ކޮމިޓީގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެމްއޯސީ އަށް ލިބުނު ކަމަށް ވެސް ބީޑަބްލިއުއެފް އިން ބުނެފައިވެ އެވެ.

އެ ހިސާބުން އެމްއޯސީން، އެ ކޮމިޓީ އުވާލައި، ސްޕޯޓްސް ކޮމިޝަނަރުގެ ލަފާގެ މަތިން ތިން މެމްބަރުންގެ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލީ ކަމަށާއި، ބީޑަބްލިއުއެފް އިން އެކަން ނަގަނީ އެތަނުގެ ގަވާއިދާއި ހިލާފުވުން ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްޕޯޓްސް މިނިސްޓްރީން ގެޒެޓު ކުރި އިއުލާނެއްގައި ބުނީ އެޑް-ހޮކް ކޮމިޓީ އެކުލަވާލީ އެސޯސިއޭޝަނުގެ މެމްބަރުންގެ ބައިވެރިވުމާ އެކު، އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އެ ކޮމިޓީ އެކުލަވާލާ ތާރީހުން ފެށިގެން 45 ދުވަސް ތެރޭގައި މަސައްކަތް ނިންމައި އަލަށް އިންތިހާބު ކުރެވޭ ހިންގާ ކޮމިޓީއާ އެ އެސޯސިއޭޝަން ހަވާލު ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

އޭގެ ކުރިން މިނިސްޓްރީން ވަނީ އެ މަސައްކަތްތައް ނިމެންދެން އެސޯސިއޭޝަނުގެ ގައުމީ ހައިސިއްޔަތު ވެސް ނަގައިފަ އެވެ.

މިނިސްޓްރީން ބުނީ އެ ފިޔަވަޅު އަޅަން ޖެހުނީ އެ އެސޯސިއޭޝަންގެ އެތެރޭގައި ހުރި މައްސަލަތައް ހައްލުކޮށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް އެކި ގޮތްގޮތުން ކުރެވުނު ގިނަ މަސައްކަތްތަކުގައި އެ އެސޯސިއޭޝަންގެ އެއްބާރުލުން ނުލިބި ދިގުލައިގެން ދިއުމުން ކަމަށެވެ. އަދި އެސޯސިއޭޝަންގެ އަމަލުތައް ހުރި ގޮތުން، އެ އެސޯސިއޭޝަންގެ މެންބަރުންނާއި، އޮފިޝަލުން އަދި ހާއްސަކޮށް ކުޅުންތެރިންނަށް ފޫބައްދަން ދަތި ގެއްލުންތައް ލިބެމުން ދިއުމަކީ ވެސް މި ނިންމުން ނިންމަން ޖެހުނު ސަބަބެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އިންތިހާބުގެ ކުރިން ހިންގާ ގަވާއިދު އިސްލާހުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އެންގެވުމުން ވެސް އެސޯސިއޭޝަނުން އޭރު މަސައްކަތްކުރީ އެ އެންގުމަށް ތަބާނުވެ އިންތިހާބު ބާއްވާށެވެ. ތޮލާލް އެންގެވީ އެ އެސޯސިއޭޝަނާ ގުޅިގެން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކާ އެކު، ކަންކަން ހައްލު ކުރުމަށް ފަހު ނޫނީ އިންތިހާބު ކުރިއަށް ނުގެންދާށެވެ. އެންމެ ބޮޑު ޝަކުވާއަކީ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިނުވާ ބެޑްމިންޓަން ޑިވެލޮޕްމެންޓް ސެންޓަރު (ބީޑީސީ) ތަކަށް 100 އަށް ވުރެ ގިނަ ވޯޓް ދެވުމެވެ.

މީގެ އިތުރުން އޭރުގެ ރައީސް މޫސާ ނާޝިދަށް ކޮރަޕްޝަނުގެ ތުހުމަތު ވެސް ވަރަށް ބޮޑަށް ކުރެވުނެވެ. ތުހުމަތުތަކާ ގުޅިގެން މޫސަގެ ސްޕޯޓްސް ސާމާނު ވިއްކާ ފިހާރަ އާއި އޭނާ އާ ގުޅުން ހުރި އެހެން ތަންތަން އޭސީސީން ރެއިޑް ވެސް ކުރި އެވެ.

އެކަންކަމާ ގުޅިގެން އިންތިހާބު ނުބޭއްވި ދައުރު ހަމަވެފައި ވަނިކޮށް މިދިޔަ އަހަރުގެ ޖުލައި މަހު މޫސަ އިސްތިއުފާ ދެއްވި އެވެ. ނަމަވެސް އޭގެ ފަހުން ވެސް އެސޯސިއޭޝަނުގައި އޭނާގެ ނުފޫޒާއި، ކޮންޓްރޯލް އޮންނަ ކަމަށް ތުހުމަތުކުރެވެ އެވެ.