Roadha Mihaaru
ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލުކޮށްފި

އިންތިހާބު ބާއްވައި ނިމެންދެން ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ކުޅިވަރުގެ ގައުމީ މަޖިލީހަށް

15 އޯގަސްޓް 2024

ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާ، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ވަގުތީގޮތުން ކުޅިވަރުގެ ގައުމީ މަޖިލީހާ، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ހަވާލުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާ، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ވަގުތީގޮތުން ކުޅިވަރުގެ ގައުމީ މަޖިލީހާ، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ހަވާލުކޮށްފި އެވެ.

އެކްސްގައި ތޮލާލް މިރޭ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލުކުރިކަން އެ އެސޯސިއޭޝަނަށް ވެސް މިއަދު އަންގަވާފައި ވާނެ ކަމަށެވެ.

"ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގުން ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ މުއައްސިސް (ކުޅިވަރާބެހޭ ގައުމީ މަޖިލިސް) އާ ހަވާލު ކުރުމަށް ނިންމާ، އެކަން އެ އެސޯސިއޭޝަނަށް މިއަދު ވާނީ އަންގާފަ. އަދި އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަޝްވަރާއާއެކު ވަނީ ފެށިފައި،" އެކްސްގައި ތޮލާލް ލިޔުއްވި އެވެ.

ބީއޭއެމަށް 2020 ގައި އިންތިހާބު ކުރި ހިންގާ ކޮމިޓީގެ ދައުރު ހަމަވީ ފެބްރުއަރީ މަހު އެވެ. އިންތިހާބު ބާއްވަން އެ އެސޯސިއޭޝަނުން މަސައްކަތް ކުރި އެވެ. ނަމަވެސް އިންތިހާބުގައި ވޯޓް ދޭ މެންބަރުންގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ވަނީ، އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ފަހު ނޫނީ އިންތިހާބާގެން ކުރިއަށް ނުދިއުމަށް އަންގައިފަ އެވެ. އެކަމަކު އަސާސީގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ކޮށްފައެއް ނުވެ އެވެ.

ބީއޭއެމްގެ ރައީސްކަން މިދިޔަ ތިން ދައުރުގައި ކުރެއްވި މޫސާ ނާޝިދު މިދިޔަ މަހު ވަނީ އިސްތިއުފާ ދީފަ އެވެ.

މިއީ އެސޯސިއޭޝަނެއްގެ ހިންގުން ވަގުތީގޮތުން ވިޔަސް ސްޕޯޓްސް ކައުންސިލާ ހަވާލު ކުރި ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ވެސް އެސޯސިއޭޝަނެއްގެ ހިންގުން، ވަކި ކޮމިޓީއަކާ ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ހަވާލުކޮށްފައި ވެއެވެ.

ކުރީގެ ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް، އެ މަގާމުގައި ހުންނެވި އިރު 2019 ގައި ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގުން ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން އައްޔަން ކުރި ކޮމިޓީއަކާ ހަވާލު ކުރި އެވެ. އެކަމަކު ދައުރު ހަމަނުވަނީސް، އޭރު އޮތް ހިންގާ ކޮމިޓީ އުވާލުމަށް ފަހު ހިންގުން ވަގުތީ ކޮމިޓީއާ ހަވާލު ކުރުމުން، ދުނިޔޭގެ ވޮލީގެ މައި ޖަމިއްޔާ އެފްއައިވީބީން އެކަން ބަލައެއް ނުގަތެވެ.