01 ޖެނުއަރީ 2020
ރާއްޖޭގެ ކުޅިވަރު ތާރީހުގައި ކާމިޔާބީގެ އެކި ސޮފުހާތަކެއް ލިޔެވިގެން ގޮސްފި އެވެ. ތަފާތު ކުޅިވަރުތަކުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ދިދައިގެ ދަށުގައި ކުޅެ، ބުރަ މަސައްކަތުން ގައުމު ފަހުރުވެރިކޮށްދީފި އެވެ. އަހަރަކަށް ވުރެ އަހަރެއް ކުރިއަރަމުން ގޮސް ނިމިގެންދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ބޮޑު އަހަރެކެވެ. އެކި ކުޅިވަރުތަކުން މި ސަރަހައްދުގެ އިތުރުން މި ބައްރުގައި ވެސް ރާއްޖެ އަށް ކާމިޔާބީ ހޯދައިދީފި އެވެ. މިދިޔަ އަހަރަކީ ޔަގީނުން ވެސް ކުޅިވަރުގައި އެންމެ ކާމިޔާބު އަހަރެވެ. ސަބަބުތައް ބައިވަރެވެ.
ރާއްޖޭގެ ކުޅިވަރު ތާރީހުގައި ކާމިޔާބީގެ އެކި ސޮފުހާތަކެއް ލިޔެވިގެން ގޮސްފި އެވެ. ތަފާތު ކުޅިވަރުތަކުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ދިދައިގެ ދަށުގައި ކުޅެ، ބުރަ މަސައްކަތުން ގައުމު ފަހުރުވެރިކޮށްދީފި އެވެ. އަހަރަކަށް ވުރެ އަހަރެއް ކުރިއަރަމުން ގޮސް ނިމިގެންދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ބޮޑު އަހަރެކެވެ. އެކި ކުޅިވަރުތަކުން މި ސަރަހައްދުގެ އިތުރުން މި ބައްރުގައި ވެސް ރާއްޖެ އަށް ކާމިޔާބީ ހޯދައިދީފި އެވެ. މިދިޔަ އަހަރަކީ ޔަގީނުން ވެސް ކުޅިވަރުގައި އެންމެ ކާމިޔާބު އަހަރެވެ. ސަބަބުތައް ބައިވަރެވެ.
އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި މިދިޔަ އަހަރު ސިފަކުރާ އެންމެ ބޮޑު ސަބަބަކީ ހޯދި މެޑަލްގެ އަދަދު އެހެން އަހަރުތަކަށް ވުރެ އިތުރުވުމެވެ. ރާއްޖޭގެ އެތުލީޓުން ވަނީ މިދިޔަ އަހަރު ޖުމްލަ 46 މެޑަލް ހޯދައިފަ އެވެ. އެއީ 13 ރަން މެޑަލާއި 10 ރިހި މެޑަލްގެ އިތުރުން 23 ލޯ މެޑެއްޔެވެ.
މިދިޔަ އަހަރު ރާއްޖޭގެ ކުޅިވަރުގެ ބޮޑު އުސްއައްޔަކީ ޖުލައި މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ. އެ ގޭމްސް އަށް މެޑަލް ޓާގެޓެއްގެ ގޮތުގައި 15 މެޑަލް ކަނޑައަޅައި ރާއްޖޭން ވަނީ އެކަން ހާސިލްކޮށްފަ އެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި އޮލިމްޕިކް ކޮމިޓީ އާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. ކާމިޔާބީ ލިބުމުގެ އިތުރުން މުސްތަގުބަލާ މެދު ކުރެވޭ އުއްމީދުތައް ވެސް އާ ވެގެންދިޔަ އެވެ.
ވަކިވަކި ކުޅިވަރުތަކަށް ބަލާއިރު މެޑަލް ތާވަލުގެ އެންމެ ކުރީގައި އޮތީ ބެޑްމިންޓަނެވެ. ބެޑްމިންޓަން ޓީމުން ވަނީ ތިން މުބާރާތެއްގައި ވާދަކޮށް 10 މެޑަލް ހާސިލްކޮށްފަ އެވެ. ބެޑްމިންޓަނުގެ އެންމެ ހާއްސަ މެޑަލަކީ އައިއޯއައިޖީގެ އަންހެން ސިންގަލްސް ބައިން ރަން މެޑަލް ހާސިލްކޮށް ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތަކުން އެންމެ ފުރަތަމަ ރަން މެޑަލެއް ހޯދައިދިން އައިމިނަތު ނަބީހާގެ ކާމިޔާބީ އެވެ.
ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ އިން ވަނީ އަންހެން ޑަބަލްސް ބައިން އައިއޯއައިޖީގައި ރިހި މެޑަލާއި ޕާކިސްތާން މުބާރާތުގައި ރަން މެޑަލް ހޯދުމުގެ އިތުރުން ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތުގައި ލޯ މެޑަލް ހޯދައިފަ އެވެ. އައިއޯއައިޖީގެ ޓީމް އިވެންޓުގައި ރާއްޖެ އަންހެން އަދި ފިރިހެން ޓީމަށް ލިބިފައިވަނީ ލޯ މެޑަލް އެވެ. އަދި އެ ގޭމްސްގެ މިކްސް ޑަބަލްސްގައި ރާއްޖޭގެ މުހައްމަދު އަޖުފާން އާއި މައިސާ ފަތުހުﷲ ވަނީ މިކްސް ޑަބަލްސް ބައިން ލޯ މެޑަލް ހޯދައިފަ އެވެ.
އައިއޯއައިޖީގައި ނަބާހާ އާއި ނަބީހާ މެޑަލް ހިފައިގެން. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ބެޑްމިންޓަނުގެ ދެން އެންމެ ބޮޑު ކާމިޔާބީ އަކީ ޕާކިސްތާން މުބާރާތުގެ މިކްސް ޑަބަލްސް ބައިން ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ ހޯދު ރަން މެޑަލެވެ. މިއީ ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަނުން ރުހުންދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލެވެ. އެ މުބާރާތުގެ އަންހެން ސިންގަލްސް ބައިން ނީލާ ނަޖީބު ލޯ މެޑަލް ހޯދިއިރު، އަންހެން ޑަބަލްސް ބައިން ނީލާ އާއި މައިސާގެ ޕެއާ ވަނީ ލޯ މެޑަލް ހާސިލްކުރި އެވެ.
ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު އުއްމީދީ ދެ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ މޮޅު ކުޅުމާ އެކު ޓޭބަލް ޓެނިސް އިން ވަނީ މިދިޔަ އަހަރު ރާއްޖެ އަށް ހަތަރު މުބާރާތުން އަށް މެޑަލް ހޯދައިފަ އެވެ.
ދީމާ ވަނީ ދެކުނު އޭޝިއާގެ ހޯޕްސް މުބާރާތުން ރާއްޖެ އަށް ރަން މެޑަލާއި އޭޝިއާގެ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދުމުގެ އިތުރުން އައިއޯއައިޖީގެ އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް ބައިން ރަން މެޑަލް ހޯދައިފަ އެވެ. ހިތްވަރުގަދަ ކުޅުމެއް ދެއްކި ރަފާ ވަނީ އަންހެން ސިންގަލްސް ބައިން ރިހި މެޑަލާއި ދީމާއާ އެއް ޕެއާ އަކަށް ކުޅެ، އައިއޯއަައިޖީގެ އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އަައިއޯއައިޖީގެ ޑަބަލްސް އިން ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ޖުމާނާ ނިމާލް އާއި މުއީނާ މުހައްމަދު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ޓީމް އިވެންޓު ބައިން އަންހެން ޓީމަށް އައިއޯއައިޖީގައި ރަން މެޑަލް ލިބިގެންދިޔައިރު، ސައުތު އޭޝިއަން ގޭމްސްގައި ލިބުނީ ލޯ މެޑެއްޔެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މިއީ އެ ކުޅިވަރުގެ ތާރީހުގައި "ރަން" އަހަރުގެ ގޮތުގައި މިދިޔަ އަހަރު ފާހަގަކުރާ އެންމެ ބޮޑު ސަބަބަކީ ގިނަ ބަޔެއްގެ އުއްމީދުތައް އެ ކުޅިވަރާ މެދު އާ ވެގެން ދިއުމުންނެވެ. އަދި އުޖާލާ މުސްތަގުބަލަކަށް އުއްމީދުކުރެވޭނެ ވަރުގެ ޒުވާން ކުޅުންތެރިންތަކެއް ފެންވަރު ދައްކަމުން ދާތީ އެވެ.
އައިއޯއައިޖީގެ އުފާފާޅުކުރުމުގެ ތެރެއިން ރަފާ (ކ) އާއި ދީމާ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޓޭބަލް ޓެނިސް އެކޭ އެއްވަރަށް ބޮޑީބިލްޑިން ޓީމުން ވެސް ވަނީ ފާއިތުވި އަހަރު ތިން މުބާރާތެއްގައި ވާދަކޮށް ރާއްޖެ އަށް އަށް މެޑަލް ގެނެސްދީފަ އެވެ. އެއީ ދެކުނު އޭޝިއާގެ މުބާރާތާއި އޭޝިއާގެ މުބާރާތުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ މުބާރާތުގައި ވާދަކޮށްގެންނެވެ. ދެކުނު އޭޝިއާ މުބާރާތުން ތިން ރަން މެޑަލް ހޯދީ މުހައްމަދު މޫސާ، އަހުމަދު މާހިލް އަދި އަޒްނީން ރަޝާދު އެވެ. ދެ ލޯ މެޑަލް ހާސިލްކުރީ އަހުމަދު ފަޒީލާއި ފަތުހުﷲ މުހައްމަދެވެ. އޭޝިއާ މުބާރާތުން ވަނީ ލޯ މެޑަލެއް ހާސިލްކުރީ މުހައްމަދު އެވެ. އަދި ދުނިޔޭގެ މުބާރާތުން ލޯ މެޑަލް ލިބުނީ އަޒްނީން އާއި މުހައްމަދު އަށެވެ.
ރާއްޖޭގެ އެއް ވަނަ ކުޅިވަރު ފުޓްބޯޅަ މިދިޔަ އަހަރު ފަރުޖައްސާލަން ޖެހުނީ ދެ ލޯ މެޑެއްޔާ އެކު އެވެ. އެއީ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ލިބުނު ލޯ މެޑެއްޔާއި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ހޯދި ލޯ މެޑަލް އެވެ. މިއީ ރާއްޖޭގެ އުމުރު ފުރާ ޓީމަކަށާއި އަންހެން ގައުމީ ޓީމަށް މިހާތަނަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީ އެވެ. ސީނިއާ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވި އެއް ވަގުތަކީ ބާކީކޮށްފައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) ދެ އަހަރަށް ފަހު އަލުން ޓީމަށް ނެގުމެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ވާދަކޮށް ބޮޑެތި ކުރިއެރުންތައް ހޯދި ގައުމީ އަންހެން ވޮލީ ޓީމު ވެސް ވަނީ ތާރީހުގައި ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ރިހި މެޑަލް ހޯދައިފަ އެވެ. ބަންގްލަދޭޝްގައި ކުރިއަށްދިޔަ އޭވީސީ ވިމެންސް މުބާރާތުން ރާއްޖޭގެ އަންހެން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ވޮލީބޯޅަ އެސޯސިއޭޝަން ހިންގުމުގައި ގިނަ މައްސަލަތަކެއް ދިމާވި ނަަމަވެސް ކުޅުންތެރިންގެ މަސައްކަތުން އަންހެން ޓީމުން ހޯދި މި ކާމިޔާބީ ޝަރަފްވެރިކަމާ އެކު ފާހަގަކުރަންޖެހެ އެވެ.
އައިއޯއައިޖީގެ ތެރެއިން ގައުމީ ވޮލީބޯޅަ ޓީމުތަކުގެ ކުޅުންތެރިން. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ވޮލީބޯޅައިގެ އަނެއް އިވެންޓް ކަމަށްވާ ބީޗްވޮލީގައި ވެސް މި އަހަރު ރާއްޖޭން ވަނީ މެޑަލް ހާސިލްކޮށްފަ އެވެ. އައިއޯއައިޖީގެ ފިރިހެން ބީޗްވޮލީ ޓީމު އިވެންޓުން ރާއްޖޭން ރިހި މެޑަލް ހޯދިއިރު، އިންޑިވިޖުއަލް އިވެންޓުގައި ޝިއުނާޒް އަބްދުލް ވާހިދާއި އާދަމް ނަސީމް (އެޑަމް) ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
އައިއޯއައިޖީގައި އެންމެ އެކަށީގެންވާ އަދި ގިނަ ބަޔަކު އުއްމީދުކުރި ކާމިޔާބެއް އެތުލެޓިކްސްގައި ނުލިބުނެވެ. އައިއޯއައިޖީގެ ފިރިހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިން ރާއްޖެ އަށް ލިބުނީ ލޯ މެޑަލް އެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް އައިއޯއައިޖީގެ 200 މީޓަރު ދުވުމުން ލޯ މެޑަލް ލިބުމަކީ ގިނަ ބަޔަކަށް މާޔޫސްވި ކަމަކެވެ. އެކަމަކު އޭނާ ވަނީ ސައުތު އޭޝިއަން ގޭމްސްގައި މުޅި މަންޒަރު ބަދަލުކޮށްލައިފަ އެވެ. އަދި އެ ގޭމްސްގެ 35 އަހަރުވީ ތާރީހުގައި ފުރަތަމަ ރަން މެޑަލް ރާއްޖެ އަށް ގެނެސްދިނީ ސާއިދު އެވެ. އޭނާ ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމުގެ އިތުރުން 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިދީފަ އެވެ. ބޮޑު އަހަރެއް ކުރިމަތީގައި އޮއްވައި ސާއިދުގެ އެނބުރި އައުން މިދިޔަ އަހަރު ފެނުނީ ވަރަށް ވަރުގަދަކޮށެވެ.
ކުޅިވަރުގެ ކާމިޔާބީތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެ އަށް ޝަރަފްވެރި ވަނަތައް ގެނެސްދީފައިވާ އެހެން ކުޅިވަރުތައް ވެސް ގިނަ އެވެ. އެ ކުޅިވަރުތަކަކީ ބާސްކެޓްބޯޅަ، ކްރިކެޓް، ރާޅާއެޅުން، ކެރަމް، ނެޓްބޯޅަ އަދި ޕެރެލިމްޕިކްސް އެވެ.
އެ ގޮތުން ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ވަނީ ނިސްބަތުން ޒުވާން ކުޅުންތެރިން ގިނަ ޓީމެއް ގޮވައިގެން ގޮސް ބާސްކެޓްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދައިފަ އެވެ. މެލޭޝިއާގައި އޮތް އިންވިޓޭޝަނަލް މުބާރާތަކުން ރާއްޖޭގެ ކްރިކެޓް ޓީމުން ވެސް ދެ ވަނަ ހޯދި އެވެ. އޭޝިއާގެ ސާފިން މުބާރާތުން ރާއްޖޭގެ އިބްރާހިމް އަރީފް (އިބޫ) ލޯ މެޑަލް ގެނައިރު، މެލޭޝިއާގެ ބޮޑީބޯޑިން މުބާރާތަކުން ރާއްޖޭގެ އަލީ ހުޝްރުވާން (ކުޑަ އައްޔަ) ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އެ މުބާރާތުން ރާއްޖޭގެ އަލީ ޖާވީދު (ޖާއްޓެ) ވެސް ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ދެކުނު އޭޝިއާގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ މުބާރާތުން ރާއްޖޭން ލޯ މެޑަލް ހޯދި އެވެ. އަދި އައިސީއެފް ކެރަމް މުބާރާތުން ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑަލް ހާސިލްކުރި އެވެ.
ސަރުކާރުގެ ބޮޑު އެހީތެރިކަމާ އެކު ޕެރަލިމްޕިކްސްގެ އެކި އިވެންޓުތަކުގައި ވާދަކޮށްގެން ވެސް ރާއްޖޭން މިދިޔަ އަހަރު ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން ޕެރަލިމްޕިކްސް އިން ވަނީ ތިން މުބާރާތެއްގައި ވާދަކޮށް ރަން މެޑަަލަކާއި ރިހި މެޑަލެއްގެ އިތުރުން ދެ ލޯ މެޑަލް ހޯދައިފަ އެވެ. މެޑަލް ހާސިލްކުރި އެތުލީޓުންނަކީ ޝިފްނާ އިބްރާހިމް، ވަސްމީ ހަމީދު، މުހައްމަދު މާޒިން، އިބްރާހިމް ރަބީތު އާއި އަބްދުއްލަތީފް މުހައްމަދެވެ.
ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވާދަކުރަނީ. -- ފޮޓޯ: ހުސައިން ވަހީދު/ އެމްއޯސީ
ނިމިގެންދިޔަ އަހަރު ކުޅިވަރުގައި އުޅޭ ގިނަ ފަރާތްތަކަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ އެއް ކަމަކީ އެކި ކުޅިވަރުތަކުން އަންހެން އެތުލީޓުން ހޯދި ކުރިއެރުމާއި ކާމިޔާބެވެ. ރާއްޖޭގެ ކާމިޔާބީތަކުގެގެ އިސް ސަފުތައް މިދިޔަ އަހަރު ފުރާލީ އަންހެން ތަރިންނެވެ. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތްތަކުން ގައުމުގެ އަންހެން އެތުލީޓުންނަށް އެތަކެއް އުއްމީދުތަކެއް އާ ވެގެންދިޔަ އެވެ. ރާއްޖޭން ކޮންމެ ކުޅިވަރެއްގައި ވެސް ހޯދި ކާމިޔާބީގެ ބޮޑު އިންސައްތައެއް އަންހެން ޓީމުތަކުން ހިއްސާކުރާނެ އެވެ. އެކަން ފާހަގަކޮށް ކޮންމެ އެސޯސިއޭޝަނަކުން ވެސް އަންހެން ޓީމުތައް ކުރިއަށް ގެންދިއުމަށް އަހައްމިއްޔަތުކަން ދޭ މިންވަރު އިތުރުކުރާނެކަން ފާހަގަކުރަނީ ހިތްހަމަޖެހުމާއި އުފަލާ އެކު އެވެ.
ރާއްޖޭން 2023 ވަނަ އަހަރުގެ އައިއޯއައިޖީގެ ބިޑް ކާމިޔާބުކޮށް ގައުމުގައި ބާއްވާ ފުރަތަމަ މަލްޓި ސްޕޯޓްސް ގޭމްސް އަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެކި ވުޒާރާތަކުން އިއުލާނުކުރި އެވެ. މި މަސައްކަތުގައި އޮލިމްޕިކް ކޮމިޓީ އާއި ސަރުކާރު އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަން އެއް ޓްރެކުގައި އޮންނާނެ ކަމުގެ ޔަގީންކަން ކޮންމެ ބަޔަކު ވެސް ދެމުންދިޔަ އެވެ. އެ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން މިދިިޔަ މަހު ކުރީކޮޅުގައި ކުރިއަށްދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސް އަކީ 2023 ގެ އައިއޯއައިޖީއާ ހަމައަށް ބޮޑެތި ޓާގެޓްތަކެއްގެ އުއްމީދުގައި ކުރިއަށްދެވޭނެ ކަމުގެ ފެށުމެކެވެ. ސައުތު އޭޝިއަން ގޭމްސްގެ އެކި ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލްކުރި ކުޅުންތެރިންގެ އުމުރަށް ބަލާއިރު ފެންނަނީ ވަރަށް ޒުވާން ކޮށެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ހުރިހާ ކުޅުންތެރިންގެ އެވްރެޖް އުމުރު އުޅެނީ 53 ޕަސެންޓްގަ އެވެ. މިއީ މުސްތަގުބަލުގައި ވިސްނުންތެރިކަމާ އެކު ކުރިއަށްދާނެ މިސްރާބެއް ކަނޑައަޅައިގެންދާއިރު ކާމިޔާބު ފެށުމެކެވެ.
ސިޔާސީ މަސައްކަތަށް ފަހު މަރޭ އެނބުރި ކުޅިވަރަށް
ހަސަންގެ އިސްލާހަށް އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން
ފަސް މެޑެއްޔާ އެކު ރާއްޖެ އަށް ކާމިޔާބު ގޭމްސް އެއް!
ހައްވަ އަށް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް
އައިއޯއައިޖީގެ ތަރިންނަށް ހޫނު މަރުހަބާއެއް ކިޔަނީ
ރާއްޖޭން 15 މެޑަލް ހޯދައި ޓާގެޓް ހާސިލްކޮށްފި!
އައިއޯއައިޖީ: ދިވެހި ކުޅިވަރުގެ ހާއްސަ ބައިވެރިޔެއް
އައިއޯއައިޖީ: "އިންތިޒާމްތައް ހާސްބައި ތަފާތު"
އުއްމީދުތަކާ އެކު ރާއްޖެ އައިއޯއައިޖީ އަށް
ޓިޝޫ ކަރުދާހުގައި މަރޭ ޖަހާ ހިސާބު