Roadha Mihaaru
ސާއިދަށް 200 މީޓަރު ދުވުމުން ލޯ މެޑަލް

ސާއިދަށް 200 މީޓަރު ދުވުމުން ލޯ މެޑަލް

04 ޑިސެމްބަރ 2019

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން އިއްޔެ ރަން މެޑަލް ހާސިލްކުރި ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު 200 މީޓަރު ދުވުމުން މިއަދު ލޯ މެޑަލް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން އިއްޔެ ރަން މެޑަލް ހާސިލްކުރި ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު 200 މީޓަރު ދުވުމުން މިއަދު ލޯ މެޑަލް ހޯދައިފި އެވެ.

ސާއިދު ލޯ މެޑަލް ހޯދީ 21.22 ސިކުންތުން ދުވެގެންނެވެ. މި ރޭހުން އެއް ވަނަ ހޯދީ 21.15 ސިކުންތުން ދުވި ޕާކިސްތާނުގެ އުޒައިރު ރެހްމާނެވެ.

ސާއިދަކީ ކޮންމެ މުބާރާތެއްގައި ވެސް 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމަށް ހާއްސަވެ ވާދަކުރާ ދުވުންތެރިޔެކެވެ. އެކަމަކު މިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ނަތީޖާ ދަށްވުމުން މި ގޭމްސްގައި ސީދާ މެޑެއްޔަކަށް ޓާގެޓްކޮށް އޭނާ ބޮޑަށް ފޯކަސްކޮށްގެން ތަމްރީން ހެދީ 100 މީޓަރު ދުވުމަށެވެ.

ސާއިދު މިއަދު 200 މީޓަރު ދުވުމުގެ ފައިނަލުން ފުރުސަތު ހޯދީ 21.83 ސިކުންތުން ދުވެގެ ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ. ހީޓުގެ އެއް ވަނަ ހޯދީ 21.64 ސިކުންތުން ދުވި ޕާކިސްތާނުގެ މުހައްމަދު ޝާހްބާ އެވެ. އަދި ދެ ވަނަ އަކީ 21.70 ސިކުންތުން ނިންމި ސްރީ ލަންކާގެ ވިނޯޖް ސުރަންޖާޔާ އެވެ.

މިއަދު ބޭއްވި 200 މީޓަރު ދުވުމުގައި ސާއިދު ދުވަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/އަބްދުﷲ އަބީދު

މިއަދު ބޭއްވި 200 މީޓަރު ދުވުމުގައި ސާއިދު ދުވަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/އަބްދުﷲ އަބީދު

މިއަދުގެ ލޯ މެޑެއްޔާ އެކު ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ރާއްޖެ އަށް ހޯދައިދިން މެޑަލުގެ އަދަދު ހަތަރަކަށް އެރީ އެވެ. އެއީ އިއްޔެ 100 މީޓަރު ދުވުމުން ހޯދި ރަން މެޑެއްޔާއި 2016 ވަނަ އަހަރުގެ ގޭމްސްގައި 100 މީޓަރު ދުވުމުން އަދި 200 މީޓަރު ދުވުމުން ހޯދި ރިހި މެޑެއްޔާ އެކު އެވެ. ސާއިދު ހިމެނިގެން ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ ރިލޭ ޓީމު ވަނީ 2010 ވަނަ އަހަރުގެ ގޭމްސްގައި ލޯ މެޑެއްޔެ ހޯދައިދީފަ އެވެ.

މި ގޭމްސްގެ ކާމިޔާބީ އާއި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 100 މީޓަރު ދުވުމުން ހޯދި ރަން މެޑެއްޔާއި 200 މީޓަރު ދުވުމުން ހޯދި ރިހި މެޑެއްޔާއި އަދި މި އަހަރުގެ އައިއޯއައިޖީގެ 200 މީޓަރު ދުވުމުން ހޯދި ލޯ މެޑެއްޔާ އެކު ސާއިދު ވެފައިވަނީ ރާއްޖޭގެ ކުޅިވަރު ތާރީހުގެ އެންމެ ކާމިޔާބު އެތުލީޓަށެވެ.

ގޭމްސްގައި ރާއްޖޭގެ އެހެން އެތުލީޓުންގެ ވާދަކުރުންތައްކަ ބަލާއިރު އަންހެނުންގެ 200 މީޓަރު ދުވުމުގެ ހީޓުގައި ރާއްޖޭގެ އައިޝަތު ހިމްނާ ހަސަން މިއަދު ވާދަކުރި ނަމަވެސް ފައިނަލަށް ދެވޭ ގޮތެއް ނުވި އެވެ. އޭނާ ދިޔައީ ހީޓުގެ ފަސް ވަނަ އަށެވެ. ޓައިމިން އަކީ 26.22 ސިކުންތެވެ. މި ހީޓުގެ އެއް ވަނަ ހޯދީ 24.19 ސިިކުންތުން ދުވި އިންޑިއާގެ އަރްޗަނާ ސުސީންތެވެ.

މިއަދު ބޭއްވި ގޭމްސްގެ 10000 މީޓަރު ދުވުމުގައި ވާދަކުރި ރާއްޖޭގެ ހުސެއިން ފަޒީލް ހާރޫން ރޭސް ނިންމީ ހަތް ވަނައިގަ އެވެ. އޭނާގެ ޓައިމިން އަކީ 35.01 މިނެޓެވެ. ރޭހުން އެއް ވަނަ ހޯދައި ރަން މެޑަލް ކާމިޔާބުކުރީ 29.33 މިނެޓުން ދުވި އިންޑިއާގެ ސުރޭޝް ކުމާރެވެ. ރިހި މެޑަލް ނެގީ 30.49 މިނެޓުން ދުވި ލަންކާގެ ޝަންމުގެސްވަރަން އެވެ. އަދި ލޯ މެޑަލް ހޯދީ 30.50 މިނެޓުން ދުވި ނޭޕާލުގެ ޑީޕަކް އަދިކާޖް އެވެ.