Roadha Mihaaru
ސާއިދު ރަން މެޑަލް ހޯދައިފި، ތާރީޚީ ކާމިޔާބީއެއް

ސާއިދު ރަން މެޑަލް ހޯދައިފި، ތާރީޚީ ކާމިޔާބީއެއް

03 ޑިސެމްބަރ 2019

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދައި، ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރު ވީ ތާރީހުގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ކާމިޔާބުކޮށްދީފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދައި، ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރު ވީ ތާރީހުގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ކާމިޔާބުކޮށްދީފި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 2015 ގައި ރަން މެޑަލް ހޯދައި ބައިނަލްއަގްވާމީ ގޭމްސްއަކުން ކަރުގައި ރަން މެޑަލް އެޅި ފުރަތަމަ ދިވެހި އެތުލީޓަށް ވި ސާއިދު މިއަދު ހާސިލްކުރި ބޮޑު ކާމިޔާބީއާ އެކު ރާއްޖޭގެ ކުޅިވަރުގެ ތާރީހަށް އޭނާ ވަނީ ވަދެފަ އެވެ.

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގެ ދެ ވަނައަށް ގޮސްގެން އޭނާއަށް ލިބުނީ ރިހި މެޑަލް އެވެ.

ނޭޕާލުގައި މިހާރު ކުރިއަށް ދާ މި ފަހަރުގެ ގޭމްސް އިން ސާއިދު ރަން މެޑަލް ހޯދީ 10.49 ސިކުންތުން ދުވެގެންނެވެ. މިއަދުގެ ރޭހުގެ ބޮޑު ބައިގައި، އެންމެ ފަހުގެ ގޭމްސްގައި ރަން މެޑަލް ހޯދި ސްރީ ލަންކާގެ ހިމާޝާ އީޝާން އެއް ވަނައިގައި އޮތް ނަމަވެސް، ފަހު ވަގުތު ސާއިދު ދެމިގަތީ 0.1 ސިކުންތުގެ ފަރަގަކުންނެވެ.

ހިމާޝާގެ ވަގުތަކީ 10.50 ސިކުންތެވެ.

ސާއިދު ފައިނަލަށް ދިޔައީ، 10.66 ސިކުންތުން ދުވެގެން އޭނާގެ ހީޓުން ވެސް ކުރި ހޯދައިގެންނެވެ.

100 މީޓަރު ދުވުމުގެ ޓައިމިން:

1 – ހަސަން ސާއިދު (ދިވެހިރާއްޖޭ) : 10.49 ސިކުންތު

2 – ހިމާޝާ އީޝަން (ސްރީ ލަންކާ) : 10.50 ސިކުންތު

3 – ސާމިއުއްލާ (ޕާކިސްތާން) : 10.66 ސިކުންތު

4 – އުޒައިރު ރެހްމާން (ޕާކިސްތާން) : 10.70 ސިކުންތު

5 – އެމްޑީ އިސްމާއިލް (ބަންގްލަދޭޝް) : 10.75 ސިކުންތު

6 – ވިނޯޖް ސުރަންޖަޔާ (ސްރީ ލަންކާ) : 10.79 ސިކުންތު

7- ގުރިންދެރްވިރް ސިން (އިންޑިއާ) : 10.81 ސިކުންތު

8 – މުހައްމަދު ހަސަން (ބަންގްލަދޭޝް) : 19.92 ސިކުންތު

ސާއިދު މިއަދުގެ ކާމިޔާބަށް ފަހު ދިވެހި ދިދައާ އެކު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: ހުސެއިން ވަހީދު

ސާއިދު މިއަދުގެ ކާމިޔާބަށް ފަހު ދިވެހި ދިދައާ އެކު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: ހުސެއިން ވަހީދު

މި ރަން މެޑަލުގެ ކުރިން ސައުތު އޭޝިއަން ގޭމްސް އިން މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީތައް ހިއްސާކޮށްފައި އެތުލީޓަކީ ސާއިދެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގޭމްސްގެ 100 އަދި 200 މީޓަރު ދުވުމުން އޭނާ ހޯދި ރިހި މެޑެލްތައް ހިމެނެނީ، ދިވެހި ރާއްޖެއަށް ސަރަހައްދީ އެންމެ ބޮޑު ގޭމްސްގެ ރަން ވަނަތަކެއްގެ ގޮތުގަ އެވެ.

ސާއިދުގެ ކުރިން ރިހި މެޑެއްޔެއް ލިބިފައި ވަނީ 1991 ގެ ގޭމްސްގައި، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށެވެ.

ސާއިދުގެ ރަސްމީ އިވެންޓް ކަމަށްވާ 100 މީޓަރު ދުވުމުގައި އޭނާ ވަނީ އޭޝިއާގެ އިވެންޓަކުން ރާއްޖެ އަށް މެޑަލް ހޯދައިދިން ފުރަތަމަ ދުވުންތެރިޔާއަށް ވެސް ވެފަ އެވެ. އެގޮތުން ޓައިވާނުގައި ބޭއްވި އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި އެވެ.

އޭނާގެ އެހެން ކާމިޔާބީތަކަށް ބަލާއިރު 2017 ވަނަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ ގެނަ އެވެ. އަދި 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ވެސް ހޯދި އެވެ. ސާއިދުގެ ފެށުމަކީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އެވެ. އެ ގޭމްސްގައި ރާއްޖޭގެ 100 ހަތަރެއް ގުނަ 100 މީޓަރު ރިލޭ ޓީމުން ލޯ މެޑަލް ހޯދައި އެތުލެޓިކްސް އަށް ބައިނަލްއަގްވާމީ ފުރަތަމަ މެޑަލް ހޯދައިދިން އިރު އެ ޓީމުގައި އޭނާ ދުވި އެވެ.