Roadha Mihaaru
ސައުތު އޭޝިއަން ގޭމްސް ތާރީހަށް ބާއްވާނަން: ނޭޕާލް

ސައުތު އޭޝިއަން ގޭމްސް ތާރީހަށް ބާއްވާނަން: ނޭޕާލް

10 އޯގަސްޓް 2017

ނޭޕާލުގައި 2019 ވަނަ އަހަރު ބާއްވަން ތާވަލުކޮށްފައިވާ ސައުތު އޭޝިއަން ގޭމްސް ތާރީހަށް ބާއްވާނެ ކަމަށާއި ކަތުމަންޑޫގެ ދަސަރަތު ރަންގަސަލާ ސްޓޭޑިއަމުގެ މަރާމާތުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށް ނޭޕާލުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ރާޖެންދްރާ ކުމާރު ކޭސީ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނޭޕާލުގައި 2019 ވަނަ އަހަރު ބާއްވަން ތާވަލުކޮށްފައިވާ ސައުތު އޭޝިއަން ގޭމްސް ތާރީހަށް ބާއްވާނެ ކަމަށާއި ކަތުމަންޑޫގެ ދަސަރަތު ރަންގަސަލާ ސްޓޭޑިއަމުގެ މަރާމާތުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށް ނޭޕާލުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ރާޖެންދްރާ ކުމާރު ކޭސީ ވިދާޅުވެއްޖެ އެވެ.

ނޭޕާލަށް 2015 ވަނަ އަހަރު ކުރިމަތިވި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ދަސަރަތު ސްޓޭޑިއަމަކީ އެ ގައުމުގައި އޮތް އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމެވެ. އެގޮތުން 1997 އާއި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އަދި 1999 ވަނަ އަހަރު ސާފް ގޭމްސްގެ ފުޓްބޯޅަ އާއި އެތުލެޓިކްސްގެ އިވެންޓްތައް އޮތީ ވެސް އޮތީ އެ ސްޓޭޑިއަމުގަ އެވެ.

ސްޓޭޑިއަމުގެ ހާލަތު ބައްލަވާލެއްވުމަށް ފަހު "ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދަވާނެ" ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ނޭޕާލުގެ ދަ ހިމާލިއަން ޓައިމްސްގައި ރިޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން ސްޓޭޑިއަމުގެ ދުވާ ޓްރެކުގެ ސިންތެޓިކް އާކޮށްދޭން ޗައިނާ ސަރުކާރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިއީ ދުވުންތެރިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.

ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން މިދިޔަ ޑިސެމްބަރު މަހު ނިންމާފައިވަނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް ކަތުމަންޑޫގައި މާޗް 9-18 އަށް ބޭއްވުމަށެވެ. ނޭޕާލަށް ނުބޭއްވޭ ނަމަ ގޭމްސް ބާއްވަން ޕާކިސްތާނުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

"އަހަރެމެން ޔަގީނުން ވެސް ސައުތު އޭޝިއަން ގޭމްސް ކަނޑައެޅިފައިވާ ތާރީހަށް އިންތިޒާމްކުރާން،" ނޭޕާލުގެ ކުޅިވަރާ ބެހޭ މިނިސްޓަރު ވިދާޅުވި އެވެ.

މި ގޭމްސް 2021 ވަނަ އަހަރު ބާއްވާނެ ގައުމެއް ކަނޑައަޅާނީ މި އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ރާއްޖޭގައި ބާއްވާ އެސްއޭއޯސީގެ ބައްދަލުވުމުގަ އެވެ. ދައުރުވާ އުސޫލުން އެ ފުރުސަތު ޕާކިސްތާނަށް ވަނީ ލިބިފަ އެވެ. އެކަމަކު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް އެ ގައުމުން އެކަމަށް ރަސްމީކޮށް ޖަވާބެއް ނުދީފި ނަމަ ގޭމްސް ބޭއްވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާނެ އެވެ. އަދި ކުރިމަތިލާ ގައުމުތަކުގެ ތެރެއިން ބާއްވާނެ ގައުމެއް ކަނޑައަޅާނީ ރާއްޖޭގައި ބާއްވާ ބައްދަލުވުމުގަ އެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ މި ގޭމްސް ކަތުމަންޑޫގައި ވަނީ މީގެ ކުރިން 1984 އަދި 1999 ވަނަ އަހަރު ބާއްވައިފަ އެވެ.

ސައުތު އޭޝިއަން ގޭމްސް ތާރީހަށް ނުބޭއްވޭތީ އެތުލީޓުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. އެގޮތުން 2010 ވަނަ އަހަރު ބަންގްލަދޭޝްގައި ގޭމްސް ބޭއްވުމަށް ފަހު އިތުރު ގޭމްސް އެއް ބޭއްވިފައިވަނީ ހަ އަހަރު ފަހުން މިދިޔަ އަހަރުގެ ކުރީކޮޅު އިންޑިއާގަ އެވެ. ގޭމްސް ބާއްވަން ފަސް ފަހަރެއްގެ މަތިން ތާރީހު ކަނޑައެޅި ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ފަސްވީ އެވެ.