06 އޮކްޓޯބަރ 2019
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް ޑިސެމްބަރު 1-10 އަށް ނޭޕާލުގައި އޮންނާނެކަން ކަށަވަރުވެފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް ޑިސެމްބަރު 1-10 އަށް ނޭޕާލުގައި އޮންނާނެކަން ކަށަވަރުވެފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެ އެވެ.
މި ގޭމްސް ބާއްވަން އެންމެ ފުރަތަމަ ޝެޑިއުލްކުރީ މާޗު މަހެވެ. އެކަމަކު ނޭޕާލަށް ސްޓޭޑިއަމްތަކުގެ މަސައްކަތް ނިންމާނުލެވުމުން ސެޕްޓެމްބަރަށް ފަސްކުރީ އެވެ. އެކަމަކު ސެޕްޓެމްބަރު މަހު ގޭމްސް ބާއްވާނެ ތާރީހެއް ކަނޑައަޅަން ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ބޭއްވި ބައްދަލުވުމުގައި ނިންމީ ޑިސެމްބަރަށް ފަސްކޮށް އެ މަހުގެ 1-10 އަށް ގޭމްސް ބާއްވާ ގޮތަށެވެ.
އެ ތާރީހުގައި ގޭމްސް ބާއްވަން ގައުމުތަކުން އުސޫލެއްގެ ގޮތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ގޭމްސް ބާއްވާނެ ކަމަށާއި މި ފަހަރު ފަސްވުމުގެ ފުރުސަތެއް ނެތް ކަމަށް ނޭޕާލުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ޖީވާން ރާމް ޝްރެސްތާ އޭޕްރިލް މަހު ވިދާޅުވި ނަމަވެސް މިހާތަނަށް ވެސް މާބޮޑު ޔަގީންކަމެއް ނެތެވެ. އެއީ ދެ ފަހަރެއްގެ މަތިން ފަސްވެފައިވާތީވެ އެވެ.
މަރުޒޫގު މިރޭ "މިހާރު" އަށް ވިދާޅުވީ އެ ތާރީހުގައި ގޭމްސް އޮންނާނެ ކަމަށާއި ތާރީހުގެ އިތުރުން އެހެން ހުރިހާ ކަމެއް ވެސް މިހާރު ކޮންފާމްވެފައިވާ ކަމަށެވެ. އަދި އެންމެ ފަހުގެ ކަންކަން ނިންމުމަށް މި މަހު އެސްއޭއޯސީގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަރުޒޫގު ވިދާޅުވީ ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓުން ވާން ޖެހޭ ތައްޔާރީތަކާއި ރާއްޖޭން ވާދަކުރާނެ ކުޅިވަރުތަކާއި ކަނޑައަޅާނެ އަމާޒުތަކާ މެދު އެ ކޮމިޓީގެ ވިސްނުންތައް ބުރާސްފަތި ދުވަހު ސްޕޯޓްސް ކައުންސިލާ ހިއްސާކުރާނެ ކަމަށާއި ގޮތްތަކެއް ނިމޭނީ އޭގެ ފަހުން ކަމަށެވެ.
ގޭމްސްގެ މައިގަނޑު ކުޅިވަރުތައް އޮންނާނީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގަ އެވެ. އެކަމަކު ދެ ޖިންސުގެ ވޮލީބޯޅަ އިވެންޓާއި އަންހެނުންގެ ފުޓްސަލް އާއި ހޭންޑްބޯޅަ އާއި އާޗެރީ އާއި ޕެރެގްލައިޑިން އަދި ޓްރައިތެލޯން އޮންނާނީ ފަރުބަދަމަތީ ޕޮކާރާގަ އެވެ.
2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު ކުޅެނީ. --ފޮޓޯ: އިމޭޖަސް އެމްވީ
މަރުޒޫގު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި ގޭމްސް އަށް މެޑަލްތަކަކަށް އަމާޒުކޮށްގެން ދިއުމުގެ ބަދަލުގައި މިއީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ހުނަރުވެރި އެތުލީޓުން ފާހަގަކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި ބޭނުން ކުރަން ޖެހޭ ކަމަށެވެ.
"ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މެޑަލް ހޯދުމަށް ޕޯޑިއަމް ފިނިޝް ޕްރޮގްރާމް އަންނަ އަހަރު ފަށާއިރު މިއީ ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ޓެލެންޓް އައިޑެންޓިފައިކުރަން. އެހެންވެ އަޅުގަނޑުގެ ވިސްނުމަކީ މިއީ މެޑަލް ޓާގެޓް ގޭމްސްއަކަށް ވުރެ ބޮޑަށް ޓެލެންޓް އައިޑެންޑިފައިކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި ބޭނުންކުރަން،" މަރުޒޫގު ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ ބާސްކެޓްބޯޅަ އާއި ވޮލީބޯޅަ ފަދަ ކުޅިވަރުތަކުން މި ގޭމްސް އިން މެޑެއްޔެއް ހޯދަން އަމާޒުކޮށްގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެހެންވެ އެފަދަ ޓީމު ސްޕޯޓްސްތަކުން މެޑެއްޔަށް ޓާގެޓްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ސައުތު އޭޝިއަން ގޭމްސް އަކީ ރާއްޖޭން ފެށުނީއްސުރެ ބައިވެރިވާ އަދި ވަރަށް ބޮޑަށް ތައްޔާރުވާ ގޭމްސް އެކެވެ. އެކަމަކު މި ގޭމްސްގައި ވާދަކުރަނީ ބައެއް ކުޅިވަރުތަކުގައި އޭޝިއާގެ ފެންވަރުގެ އެތުލީޓުން ކަމަށް ވުމުން މިއީ ރާއްޖެ އަށް މެޑަލް ހޯދަން އުނދަގޫ ގޭމްސް އެކެވެ. އަދި ރާއްޖޭން 2011 ވަނަ އަހަރުން ފެށިގެން ބޮޑު ކޮންޓިންޖެންޓަކާ އެކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މެޑަލް ހޯދަން ދާތީ މި ގޭމްސްގެ މުހިއްމުކަން އެ އުސޫލުން ވަނީ ކުޑަވެފަ އެވެ. ރާއްޖޭން މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެ 15 މެޑަލް ހޯދި އެވެ.
އިންޑިއާގައި 2016 ވަނަ އަހަރު ބޭއްވި، ސައުތު އޭޝިއަން ގޭމްސް އިން ރާއްޖެ އަށް މެޑަލް ހޯދައިދިނީ ދުވުންތެރިންނާއި ފެތުންތެރިންނެވެ. އެތުލެޓިކްސް އިން ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. ސްވިމިން އިން ފެތުންތެރިޔާ އައިމިނަތު ސަޖަން ލޯ މެޑެއްޔެއް ހާސިލްކުރި އެވެ. އޭގެ ކުރިން 2010 ވަނަ އަހަރުގެ ގޭމްސްގައު ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރާއްޖެ ލޯ މެޑަލް ހޯދިއިރު 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ވެސް ލޯ މެޑެއްޔެއް ހޯދި އެވެ.
ސައުތު އޭޝިއަން ގޭމްސް ދެން އޮންނާނީ ޕާކިސްތާނުގައި
ފުޓްބޯޅަ: ބަންގާޅު އަތުން ވެސް ރާއްޖެއަށް ޕޮއިންޓެއް
ބިލިއަން މީހުންގެ ތެރޭ ހުރި އެންމެ ބާރު ދުވުންތެރިޔާ!
ސާއިދު ރަން މެޑަލް ހޯދައިފި، ތާރީޚީ ކާމިޔާބީއެއް
ސެމީން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ
ފުރަތަމަ މެޗުން ޕާކިސްތާން އަތުން ބަލިވެއްޖެ
ރާއްޖެ، އިންޑިއާ އަދި ލަންކާ އެއް ގްރޫޕަކަށް
ގައުމީ އަންހެން ވޮލީ ޓީމުގެ އިތުބާރު ބޮޑުވެއްޖެ: ކޯޗު
ސައުތު އޭޝިއަން ގޭމްސް ޑިސެމްބަރަށް ފަސްކޮށްފި
ސައުތު އޭޝިއަން ގޭމްސް ސެޕްޓެމްބަރަށް ފަސްކޮށްފި