Roadha Mihaaru
ފުރަތަމަ މެޗުން ޕާކިސްތާން އަތުން ބަލިވެއްޖެ

ފުރަތަމަ މެޗުން ފިރިހެން ޓީމު ޕާކިސްތާން އަތުން ބަލިވެއްޖެ

28 ނޮވެމްބަރ 2019

ނޭޕާލުގައި އިއްޔެ ފެށި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ވޮލީބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

ނޭޕާލުގައި އިއްޔެ ފެށި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ވޮލީބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

ކަތުމަންޑޫގައި މިއަދު މެންދުރުފަހު ކުޅުނު މެޗުގެ ސެޓުތައް ޕާކިސްތާނުން ގެންދިޔައީ 25-16، 25-23 އަދި 25-15 އިންނެވެ.

ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭއިރު ސެމީ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި މެޗުން ބަލިވުމުން، ސެމީ ފައިނަލަށް ދިއުމަށް ރާއްޖެ އަށް މިވަނީ ދެ ވަނަ މެޗުން ސްރީ ލަންކާ ބަލިކުރަން މަޖުބޫރުވެފަ އެވެ. ލަންކާ އަކީ ވެސް ރާއްޖެއާ ބަލާއިރު ވަރުގަދަ ޓީމެކެވެ. ލަންކާ އިން ވަނީ މިދިޔަ އޮގަސްޓް މަހު މާލޭގައި ކުޅުނު އެކުވެރިކަމުގެ ތިން މެޗުން ވެސް ރާއްޖެ ބަލިކޮށްފަ އެވެ.

މި ގްރޫޕުގެ ދެ ވަނަ މެޗުގައި ލަންކާ އާއި ޕާކިސްތާން މާދަމާ ވާދަކުރުމަށް ފަހު ދެން އޮންނާނީ ހޮނިހިރު ދުވަހު ރާއްޖެ އާއި ލަންކާގެ މެޗެވެ.

ރާއްޖޭގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް ބުނީ ޕާކިސްތާން ވަރަށް ވަރުގަދަ ކަމަށާއި ރާއްޖޭގެ ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ފުރަތަމަ ސެޓުން ޕާކިސްތާން ތަފާތު ބޮޑު ނަމަވެސް ދެ ވަނަ ސެޓުގައި އެއްވަރުވެ ރާއްޖެ އަށް ނިންމާލަން ފުރުސަތު ލިބުނު ކަމަށާއި އެކަމަކު ބޭނުން ނުހިފުނީ ކަމަށް އޭނާ ބުންޏެވެ.

"ލަންކާއާ ދެކޮޅަށް ފުރުސަތެއް އެބައޮތް. ކުޅުން ރަނގަޅުކޮށް ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެވިދާނެ،" ޔޫގޯސްލާވިއާ ޓީމަށް 1996 ވަނަ އަހަރު ވޯލްޑް ލީގުގެ ތިން ވަނަ ހޯދައިދިން މިލޮރަޑް ބުންޏެވެ.

މިލޮރަޑް ކޯޗުކަމުގައި ދާދި ފަހުން މުބާރާތަށް ތައްޔާރުވާން ފެށި ރާއްޖޭގެ ޓީމުގެ އަމާޒަކީ މުބާރާތުން މެޑެއްޔެއް ހޯދުމެވެ. އެކަމަކު ޕާކިސްތާނާއި ލަންކާއާ އެއް ގްރޫޕެއްގައި އޮތުމުން އެ ފުރުސަތު ހަނިވީ އެވެ. އަނެއް ގްރޫޕުގައި އޮތީ ސަރަހައްދުގެ ގަދަބާރު އިންޑިއާގެ އިތުރުން ބަންގްލަދޭޝާއި ނޭޕާލެވެ.

ވޮލީބޯޅަ އިވެންޓްތައް އިއްޔެ ފެށި ނަމަވެސް މުބާރާތް ރަސްމީކޮށް ހުޅުވާނީ އަންނަ އާދީއްތަ ދުވަހު އެވެ. އަންހެން ވޮލީބޯޅަ އިވެންޓުގައި ރާއްޖޭ ކުޅެން އޮތް މެޗަށް އިއްޔެ ޕާކިސްތާން ހާޒިރުނުވުމުން ރާއްޖެ ވަނީ އޮޓޮމެޓިކުން ސެމީ ފައިނަލަށް ހޮވިފަ އެވެ.