03 ޑިސެމްބަރ 2019
ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓީމު އިވެންޓުގައި މިއަދު ޕާކިސްތާންގެ މައްޗަށް 3-1 އިން ކުރި ހޯދައި ރާއްޖޭން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓީމު އިވެންޓުގައި މިއަދު ޕާކިސްތާންގެ މައްޗަށް 3-1 އިން ކުރި ހޯދައި ރާއްޖޭން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މިއީ މި ގޭމްސްގައި އަންހެން ޓީމު ސެމީގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ރާއްޖެ ހިމެނޭ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ވަރުގަދަ އިންޑިއާ އެވެ. ރާއްޖެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިއުމާ އެކު މެޑެއްޔެއް މިވަނީ ކަށަވަރުވެފަ އެވެ. އެއީ ސެމީން ބަލިވާ ދެ ޓީމަށް ވެސް ލޯ މެޑަލް ލިބޭތީވެ އެވެ. ޓީޓީ އަންހެން ޓީމުން ވަނީ މި އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދައިފަ އެވެ. އެ ގޭމްސް އަށް ފަހު ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދު ރިޓަޔާކުރިއިރު، އޭނާގެ ބަދަލުގައި މި ފަހަރު ވާދަކުރާ ޓީމުގައި ހުރީ އަރަމުން އަންނަ ކުޅުންތެރިޔާ ލައިސާ ފަތުހުﷲ އެވެ.
ސެމީގައި މިއަދު މެންދުރު ރާއްޖެ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިއަދު މެންދުރު 2 ޖަހާއިރު އެވެ.
ކަތުމަންޑޫގެ ލޭންޗޯރު އިންޑޯ ހޯލުގައި ކުޅުނު މެޗުގެ ފުރަތަމަ ގޭމްގައި ރާއްޖޭން ކުޅެން އެރީ އައިޝަތު ރަފާ ނާޒިމް އެވެ. ރަފާ ވަނީ ޕާކިސްތާންގެ ސަނަމްގެ މައްޗަށް ފަސޭހަކަމާ އެކު 3-0 އިން ކުރި ހޯދައިފަ އެވެ. ރަފާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އޭނާ ވަނީ ސަނަމަށް އެއްވެސް ފުރުސަތެއް ނުދީ 11-05، 11-09 އަދި 11-08 އިން ބަލިކޮށްފަ އެވެ.
މިއަދުގެ މެޗުގެ ތެރެއިން ރަފާ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އަބްދުﷲ އަބީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދެ ވަނަ ގޭމްގައި ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ ވާދަކުރިއިރު، އޭނާ ވަނީ ޕާކިސްތާނުގެ ސަނާ އަތުން 3-1 އިން މޮޅުވެފަ އެވެ. މި ގޭމުގެ ފުރަތަމަ ސެޓުގައި ސަނާ ބޮޑު ލީޑެއްގައި އޮއްވައި ދީމާ ވަނީ ފަހަތުން އަރައި 12-10 އިން ސެޓު ގެންގޮސްފަ އެވެ. އެކަމަކު ދެ ވަނަ ސެޓުގައި ސަނާ މެޗުގެ ތެެރެއަށް އައިސް މި ސެޓު 05-11 އިން ގެންދިޔައިރު، ދީމާ ވަނީ ދެން ކުޅުނު ދެ ސެޓުގައި އޭނާގެ މޮޅު ކުޅުން އަލުން ދައްކައިފަ އެވެ. ދީމާ ފަހު ދެ ސެޓު ގެންދިޔައީ 11-07 އަދި 11-03 އިންނެވެ.
ތިން ވަނަ ގޭމުގައި ރާއްޖޭން ނުކުތީ ލައިސާ އެވެ. ލައިސާގެ މެޗުން މޮޅުވެ ރާއްޖެ އަށް ސެމީގެ ފުރުސަތު ސީދާ ތިން ގޭމުން ޔަގީންކުރެވެން އޮތް ނަމަވެސް އެ މެޗުން އޭނާ އަށް ނާކާމިޔާބުވީ 3-2 އިންނެވެ. ފުރަތަމަ ސެޓު 11-07 އިން ފަރުވާ ގެންދިޔަ ނަމަވެސް ލައިސާ ވަނީ ދެން ކުޅުނު ދެ ސެޓު 10-12 އާއި 08-11 އިން ގެންގޮސްފަ އެވެ. އެކަމަކު ދެން ކުޅުނު ދެ ސެޓު ގެންގޮސް ފަރުވާ ވަނީ މެޗުން މޮޅުވެފަ އެވެ. އޭނާ ސެޓުތައް ގެންދިޔައީ 11-05 އަދި 11-07 އިންނެވެ.
ރާއްޖޭން ހަތަރު ވަނަ ގޭމަށް ނުކުތީ ދީމާ އެވެ. ދީމާއާ ދެކޮޅަށް ޕާކިސްތާނުން ނެރުނީ ފުރަތަމަ ގޭމްގައި ރަފާ އަތުން ބަލިވި ސަނަމް އެވެ. ސަނަމް ވަނީ ފުރަތަމަ ގޭމް 13-15 އިން ގެންގޮސްފަ އެވެ. އެކަމަކު ފަހަތުން އަރައި ދީމާ ވަނީ ދެން ކުޅުނު ތިން ސެޓު ވެސް ރާއްޖެ އަށް ގެންގޮސްދީ ސެމީގެ ޖާގަ ޔަގީންކޮށްދީފަ އެވެ. ދީމާ ސެޓުތައް ގެންދިޔައީ 11-07، 11-08 އަދި 11-04 އިންނެވެ.
ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު މިއަދު ކުޅުނު މެޗުން ނޭޕާލް އަތުން 3-1 އިން ބަލިވެ، މުބާރާތުގެ އެ އިވެންޓުން ވަނީ ކަޓައިފަ އެވެ. މުޅި މެޗަށް ބަލާއިރު ވެސް ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު މުހިއްމު ވަގުތުތަކުގައި ހެދޭ ގޯސްތަކެއްގެ ސަބަބުން މެޗު ގެއްލެނީ އެވެ.
މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ މުންސިފް ކުޅުނު މެޗެއްގެ ތެރެއިން. -- ފޮޓޯ: ހުސެއިން ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ފިރިހެން އިވެންޓުގައި ރާއްޖޭން ފުރަތަމަ ގޭމަށް ނެރުނީ މުހައްމަދު ޝައްފާން އިސްމާއިލް އެވެ. ނޭޕާލުގެ ސަންތޯޝް ޝްރެސްތާއާ ވާދަކޮށް ޝައްފާން ބަލިވީ 3-1 ސެޓުންނެވެ. ޝައްފާން ފުރަތަމަ ސެޓު 11-07 އިން ގެންގޮސްފައިވަނިކޮށް ސަންތޯޝް ވަނީ ފަހަތުން އަރައި ތިން ސެޓު ގެންގޮސްފަ އެވެ. ސަންތޯޝް ސެޓުތައް ގެންދިޔަައީ 06-11، 10-12 އަދި 03-11 އިންނެވެ.
ދެ ވަނަ ގޭމުގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު ވަނީ ނޭޕާލުގެ ގުރުން އަތުން ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުން މޮޅުވެފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-08، 10-12، 07-11، 11-09 އަދި 09-11 އިންނެވެ. ތިން ވަނަ ގޭމުގައި ރާއްޖޭގެ މުހައްމަދު ޒީސްތު ނަސީމް ކުޅުނު މެޗުން ވަނީ ނޭޕާލުގެ ކުޅުންތެރިޔާ އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 11-04، 11-04 އަދި 12-10 އިންނެވެ. ފަހު ސެޓުގައި ޒީސްތު އަތުގައި ލީޑު އޮތް ނަމަވެސް ފަހު ވަގުތު ނަތީޖާ އެނބުރުނީ އެވެ.
ފުރަތަމަ ގޭމްގައި ޝައްފާން އަތުން ފަހަތުން އަރައި މޮޅުވި ސަންތޯޝް ވަނީ ހަތަރު ވަނަ ގޭމްގައި މުންސިފް އަތުން 3-2 އިން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ސެޓު މުންސިފް ގެންދިޔައީ 13-11 އިންނެވެ. އެކަމަކު ދެ ވަނަ ސެޓުގައި ސަންތޯޝް ވަނީ ކުރިހޯދައި 04-11 އިން މޮޅުވެފަ އެވެ. ތިން ވަނަ ސެޓުގައި މުންސިފް ތަފާތު ދައްކައި މި ސެޓު 11-08 އިން ގެންދިޔަ އެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓު 03-11 އާއި 07-11 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.
އަންހެން ޓީޓީ ޓީމުން ލޯ މެޑަލް ހޯދައިފި
ޓީޓިގެ ގައުމީ ކޯޗަކަށް ކްރޮއޭޝިއާގެ ކޮރެނިޗް
ތާރީހީ މެޑަލް، ޓީޓީ ކުރިމަގަށް މުހިންމު ކާމިޔާބެއް
ސެމީގައި އިރާން އަތުން ޓީޓީ އަންހެން ޓީމު ބަލިވެއްޖެ
އަންހެން ޓީޓީ ޓީމު ސޮލިޑާރިޓީ ގޭމްސްގެ ސެމީ ފައިނަލަށް
ޓީމު އިވެންޓުން ޓީޓީ އަށް ދެރަ ނަތީޖާއެއް
ކްރޮއޭޝިއާ ތަޖުރިބާ ރާއްޖޭގެ ޓީޓީއަށް މުހިންމު: ޖުމާނާ
ދިވެހި ޓީޓީ ޓީމު ކްރޮއޭޝިއާ ޓީމުގެ ޓްރޭނިން ކޭމްޕަށް
ގައުމީ ޓީމާ ގުޅެން ދީމާ ރާއްޖެ އަތުވެއްޖެ
ކޮމަންވެލްތު ގޭމްސްއަށް ގައުމީ ޓީޓީ ޓީމު ކޮލިފައިވެއްޖެ