Roadha Mihaaru
ދިވެހި ޓީޓީ ޓީމު ކްރޮއޭޝިއާ ޓީމުގެ ޓްރޭނިން ކޭމްޕަށް

ކްރޮއޭޝިއާ ގައުމީ ޓީޓީ ޓީމާއެކު ޓްރޭނިން ހެދުމުގެ ފުރުސަތު ރާއްޖޭގެ ޒުވާން ޓީމަށް

15 ޖޫން 2022

އަންނަ މަހު ބާއްވާ، ޔޫރަޕުގެ ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ތައްޔާރުވާ، ކްރޮއޭޝިއާގެ ގައުމީ ޓީމާއެކު ޓްރޭނިން ހެދުމުގެ ފުރުސަތު ރާއްޖޭގެ ޒުވާން ޓީމުގެ ކުޅުންތެރިންނަށް ލިބިއްޖެ އެވެ.

އަންނަ މަހު ބާއްވާ، ޔޫރަޕުގެ ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ތައްޔާރުވާ، ކްރޮއޭޝިއާގެ ގައުމީ ޓީމާއެކު ޓްރޭނިން ހެދުމުގެ ފުރުސަތު ރާއްޖޭގެ ޒުވާން ޓީމުގެ ކުޅުންތެރިންނަށް ލިބިއްޖެ އެވެ.

އެ މުބާރަތަށް ތައްޔާރުވުމަށް ކޮރޮއޭޝިއާގެ ޓީމުން ވަނީ ޓްރޭނިންތައް ފަށައިފަ އެވެ. އަދި އަންނަ ހުކުރު ދުވަހުން ފެށިގެން މި އަންނަ މަހު ފަސްވަނަ ދުވަހާ ހަމައަށް އެޓީމުގެ ޓްރޭނިންތަކުގައި ރާއްޖޭގެ ޒުވާން އަންހެން ޓީމު ބައިވެރިވާނެ އެވެ.

ޒުވާން ޓީމަށް ޓްރޭނިން ކޭމްޕުގެ ފުރުސަތު ހަމަޖެހިގެން ދިޔައީ، މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާ އަށް އައި ކުރީގެ ވޯލްޑް ޗެމްޕިއަން، ޒޯރާން ޕްރިމޯރަކް މެދުވެރިކޮށެވެ. މިދިޔަ މަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރު ކުރުވުމަށް ކުރިއަށް ގެންދިޔަ ޓްރޭނިންތަކުގައި ބައިވެރިވުމަށް ކްރޮއޭޝިއާގެ ދެ ކުޅުންތެރިންނާއި އެ ގައުމުގެ ކޯޗެއް ވެސް ރާއްޖެ އައެވެ.

"ޒޯރާން މެދުވެރިކޮށް މިފަހަރު އަޅުގަނޑުމެންނަށް މި ލިބިގެންދިޔައީ ކްރޮއޭޝިއާގެ ޒުވާން ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕްގައި ބައިވެރިވެ ވުމުގެ ފުރުސަތު،" ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވި އެވެ.

ޓްރޭނިން ކޭމްޕްގައި ބައިވެރި ވާނީ ޒުވާން ތިން ކުޅުންތެރިން ކަމަށްވާ އައިޝަތު ރަފާ ނާޒިމާއި، މިސްކާ މުހައްމަދު އިބްރާހިމްގެ އިތުރުން މަލާކް ބިންތި މުއިއްޒެވެ. ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ދާނީ ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލެވެ.

ކްރޮއޭޝިއާ އަށް ދަތުރު ކުރުމަށް ބޭނުންވާ ވިސާ އެ ކުޅުންތެރިންނަށް ވަނީ ލިބިފަ އެވެ. ވިސާ ޖެހުމަށް ކުޅުންތެރިންނާއި ޓީޓީއޭއެމްގެ އޮފިޝަލުން އިންޑިއާގެ ނިއު ދެއްލީ އަށް ކުރި ދަތުރު ނިންމާލުމަށް ފަހު މިއަދު ވަނީ މާލެ އައިސްފަ އެވެ.

ވިސާގެ ކަންކަން ހަމަޖެހިގެން ދިއުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އާއި ނިއު ދެއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ކުރެއްވި މަސައްކަތް އަލީ ފާހަގަ ކުރެއްވި އެވެ.

"މިވަރުގެ ޓީމަކާ އެއްކޮށް ޓްރޭނިން ހެދުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބިގެން ދާނެ ވަރަށް ރަނގަޅު ފުރުސަތެއް. މިފުރުސަތު ފަހިވުމުގައި މިނިސްޓަރު މަހްލޫފް އައި ޒޯރާން ކުރެއްވި މަސައްކަތް ފާހަގަ ކުރަން،" އަލީ ވިދާޅުވި އެވެ.

ޔޫރަޕްގައި ޓްރޭނިން ކޭމްޕެއް މިހާތަނަށް ފުރިހަމަ ކުރި ހަމައެކަނި ރާއްޖޭގެ ގައުމީ ޓީމަކީ، ފިރިހެން ވޮލީ ޓީމެވެ. މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ޔޫތު މިނިސްޓްރީން ވަނީ ސާބިއާގައި 10 ދުވަހު ޓްރޭނިން ހެދުމުގެ ފުރުސަތު، ގައުމީ ވޮލީ ޓީމަށް ފަހިކޮށް ދީފަ އެވެ. އެކަމަކު ޒުވާން އަންހެން ޓީޓީ ޓީމު ވެގެންދާނީ ޔޫރަޕްގެ ގައުމީ ޓީމަކާ އެކު ޓްރޭނިން ހަދާ ރާއްޖޭގެ ފުރަތަމަ ޓީމަށެވެ.

ޔޫރަޕިއަން ޓީޓީ ޔޫތިުި ޗެމްޕިއަންޝިޕް އަޮންނާނީ އަންނަ މަހު 6-15 އަށް ސާބިއާގަ އެވެ.