Roadha Mihaaru
ގައުމީ ޓީމާ ގުޅެން ދީމާ ރާއްޖެ އަތުވެއްޖެ

ތައިލެންޑްގައި ޓްރޭނިން ހަދަމުންދިޔަ ދީމާ ގައުމީ ޓީމާ ގުޅެން ރާއްޖެ އަތުވެއްޖެ

27 އެޕްރީލް 2022

އަންނަ މަހު ރާއްޖޭގައި ބާއްވާ، ދެކުނު އޭޝިއާގެ ކެޑޭޓް އަދި ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމާ ގުޅެން، ޓީޓީ ތަރި ފާތިމަތު ދީމާ އަލީ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އަންނަ މަހު ރާއްޖޭގައި ބާއްވާ، ދެކުނު އޭޝިއާގެ ކެޑޭޓް އަދި ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމާ ގުޅެން، ޓީޓީ ތަރި ފާތިމަތު ދީމާ އަލީ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ތައިލެންޑްގައި ތިން މަސް ދުވަހު ޓްރޭނިން އަށް ފަހު ދީމާ ރާއްޖެ އައުމުން ގައުމީ ސްކޮޑް މިހާރު ވަނީ ހަމަވެފަ އެވެ. މުބާރާތުގެ ކެޑޭޓް އަދި ޖޫނިއާ ބައިގައި ވެސް ދީމާ ވާދަކުރާނެ އެވެ.

ތައިލެންޑްގައި ކުރިއަށްގެންދިޔަ ޓްރޭނިން ކޭމްޕްގެ ހަވާސާގައި ދީމާ ވަނީ އޯލް ތައިލެންޑްގެ މުބާރާތުގެ ކުޅެ އެމުބާރަތުގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެމުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ބައިގެ ފައިނަލުގައި ދީމާ އާއި އޭނާގެ ޕެއާ، ފަންގް މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.

މިއަދު ރާއްޖެ އައިސް ދީމާ އެއާޕޯޓްގައި ފޮޓޯއަކަށް ހުއްޓިލައިގެން: ގައުމީ ޓީމުގެ ޓްރޭނިންތަކުގައި އޭނާ ބައިވެރިވާނީ މާދަމާ ރޭ

މިއަދު ރާއްޖެ އައިސް ދީމާ އެއާޕޯޓްގައި ފޮޓޯއަކަށް ހުއްޓިލައިގެން: ގައުމީ ޓީމުގެ ޓްރޭނިންތަކުގައި އޭނާ ބައިވެރިވާނީ މާދަމާ ރޭ

އެމުބާރާތުގެ އަންހެން ސިންގަލްސްގެ 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށް ވެސް ދީމާ ދަތުރު ކުރި އެވެ. ކުއާޓާ ފައިނަލްގައި ދީމާ ބަލިވީ، މިދިޔަ އަހަރުގެ ފެބްރުއަރީގައި ތައިލެންޑްގެ ޗޮންބުރީ ޕްރޮވިންސްގެ ޓީޓީ މުބާރާތުގެ ފައިނަލްގައި ދީމާ ބަލިކުރި ކުޅުންތެރިޔާ އަތުންނެވެ. އޭރު ސީދާ ތިން ސެޓުން ދީމާ ބަލިވި އެވެ. އެކަމަކު މިއަހަރު ޖެނުއަރީގައި ކުޅުނު މުބާރާތުގައި ދީމާ ބަލިވީ 3-1 ސެޓުންނެވެ.

ގައުމީ ޓީމުގެ ޓްރޭނިންތަކަށް ދީމާ ނުކުންނާނީ މާދަމާ ރޭ އެވެ. މުބާރާތަށް ތައްޔާރުވުމުންދާ ގައުމީ ޓީމުގެ ޓްރޭނިންތަކުގައި ކްރޮއޭޝިއާގެ ދެކުޅުންތެރިން ކަމަށްވާ، މިރުނާ ޓޮމިކް އާއި ޑާރިއާ އެރްޕޯވިކް ބައިވެރިވެ އެވެ. އަދި ޓީމުގެ ޓްރޭނިންތަކުގައި ގައުމީ ޓީމުގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޯޕޮލްސް (ކޮސްޓޯ) އަށް އެހީވުމުގެ ޓީމަށް އިރުޝާދު ދޭން ކްރޮއޭޝިއާގެ ކޯޗެއް ކަމަށްވާ، ޒެވޯނިމިރް ކޮރެނިކް ވެސް ޓީމުގެ ޓްރޭނިންތަކުގައި ބައިވެރި ވެއެވެ.

އަންނަ މަހު 9-12 އަށް ބާއްވާ މުބާރާތުގައި ދެކުނު އޭޝިއާގެ ހަ ގައުމުން ވާދަކުރާނެ އެވެ. މުބާރާތުގައި ވާދަނުކުރަނީ ބޫޓާން އެކަންޏެވެ.