Roadha Mihaaru
އައްޔުބެގެ މަރުގައި ބައިވެރިވި ކުއްޖަކު އިސްތިއުނާފަށް

އައްޔުބެ މަރާލުމުގައި ބައިވެރިވި އެއް ކުއްޖަކު އެ މައްސަލަ އިސްތިއުނާފްކޮށްފި

29 ސެޕްޓެމްބަރ 2016

ދ. ކުޑަހުވަދޫގައި އަނިޔާވެރި ގޮތަކަށް މަރައިލި އެރަށު ސަމަންދަރު އަލީ ހަސަން (އައްޔުބެ) ގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި އެއް ކުއްޖަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދ. ކުޑަހުވަދޫގައި އަނިޔާވެރި ގޮތަކަށް މަރައިލި އެރަށު ސަމަންދަރު އަލީ ހަސަން (އައްޔުބެ) ގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި އެއް ކުއްޖަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޖެނުއަރީ، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ އައްޔުބޭ މަރައިލި މައްސަލާގައި ތިން ކުއްޖަކަށް ޖުވެނައިލް ކޯޓުގައި ދައުވާކުރިޔަސް، ކުށް ސާބިތުވީ ދެ ކުދިންގެ މައްޗަށެވެ. އައްޔުބޭގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރުމުން، އެ ކުއްޖާ ބޮޑުވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމަންދެން ކުށް ސާބިތުވި ދެ ކުދިން ޖަލުގައި ބައިތިއްބަން ޖުވެނައިލް ކޯޓުން ވަނީ ޑިސެމްބަރު، 2012 ގައި ހުކުމްކޮށްފަ އެވެ.

ކުށް ސާބިތުވި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން މިއަދު ވަނީ ފަށައިފަ އެވެ. ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ ޝަރީއަތްތަކަކީ ސިއްރު ޝަރީއަތްތަކަށް ވާތީ މިއަދުގެ އަޑުއެހުމުގެ ތަފްސީލެއް ނުލިބެ އެވެ.

އެ ކުއްޖާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފްކޮށްފައި ވަނީ އިސްތިއުނާފްގެ މުއްދަތު ހަމަވިތާ އަހަރުތަކެއް ފަހުން މިއަހަރުގެ ތެރޭގަ އެވެ. އިސްތިއުނާފް މުއްދަތު ހަމަވާ ފަހުން ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ބާރު ހައި ކޯޓަށް އޮވެ އެވެ.

ކުށް ސާބިތުވި ކުދިންނަށް މިހާރު އުމުރުން 18 އަހަރު ފުރިފައި ވިޔަސް އެ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނުގެ ދަށުން ގާނޫނީ ގޮތުން މަނާ ކަމެކެވެ.

އައްޔުބެ މަރައިލި މައްސަލާގައި އިތުރު ބަޔަކަށް ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އެ މީހުންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް 2014 ގައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.