Roadha Mihaaru
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް

އަނަސް މަރާލުމުގައި ބައިވެރިވި "ކުޑަކުއްޖާ" 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

18 އޮކްޓޯބަރ 2022

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލާގައި ކުށް ސާބިތުވި ކުޑަކުއްޖާ މަރުގެ އަދަބުން ސަލާމަތްވެ، އެކަމަކު 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލާގައި ކުށް ސާބިތުވި ކުޑަކުއްޖާ މަރުގެ އަދަބުން ސަލާމަތްވެ، އެކަމަކު 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖުލައި، 2017 ގައި ރ. މީދޫއަށް ނިސްބަތްވާ ލޯންޗް ކެޕްޓަނެއް ކަމަށްވާ އަނަސްއަށް ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މައްސަލާގައި، ބައިވެރިވި 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވެ، ޖުވެނައިލް ކޯޓުން ސަލާމަތްވި އެވެ. އެކަމަކު ހައި ކޯޓުން ދާދިފަހުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފަ އެވެ.

އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން އެފަދަ މީހުންގެ މައުލޫމާތު އާންމެއް ނުކުރެވޭނެ އެވެ.

އޭނާ 18 އަހަރާއި ނުވަ މަހަށް ޖަލަށްލާން ހުކުމްކުރީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަނަސްގެ ހުރިހާ ވާރިސުން އޭނާގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހައި ކޯޓުގައި ބަޔާން ދިނަސް، ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮތްގޮތުން ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ އެއްވެސް ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެތީ އޭނާ މަރުގެ އަދަބުން ސަލާމަތްވި އެވެ.

އޭނާއަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުދިންގެ ގޮތުގައި ތިބޭ ކުށްތަކަށް އެންމެ ގިނަވެގެން ދެވޭނީ ގާނޫނުގައި އޮންނަ އަސްލު އަދަބުގެ ހަތަރު ބައި ކުޅަ ތިން ބައި ކަމަށްވާތީ އެވެ.

ޖުވެނައިލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމީ އެ ހާދިސާ ހިނގިރޭ އޭނާ އުޅުނީ ހުޅުމާލޭގައި ކަމަށް ދިފާއީ ހެކިން ބުނެފައިވާތީ އެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު ދިފާއީ ހެކިންގެ ހެކިބަސް ނަފީ ކުރެވޭ ކަމަށެވެ.

އެގޮތުން، ވީޑިއޯ ފުޓޭޖްތަކުން އެ ކުއްޖާ ފެންނަ ކަމަށް ވީޑިއޯގެ ތަހުލީލު ރިޕޯޓުތަކުން ދައްކާ ކަމަށާއި އަދި ހާދިސާ ހިނގި ދުވަހު އެ މައްސަލާގައި ތުހުމަތު ކުރެވޭ އެހެން މީހުން އެ ކުއްޖާއަށް ގުޅާފައިވާ ކަން ފޯން ކޯލްގެ ރިޕޯޓްތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.