Roadha Mihaaru
މަރުގެ ދައުވާލިބޭ ކުއްޖާގެ ގޭ ބަންދު ދަމަހައްޓައިފި

ކުޑަކުއްޖާގެ މަރު: ދައުވާލިބޭ ކުއްޖާ ގެއަށް ބަދަލުކުރުން ހައި ކޯޓުން އަނެއްކާވެސް ދަމަހައްޓައިފި

12 އެޕްރީލް 2022

މިދިޔަ އަހަރު ހުޅުމާލޭގައި ކުޑަކުއްޖަކު ރަހީނުކޮށް، މަރާލި މައްސަލާގައި ދައުވާލިބޭ ކުޑަކުއްޖާ ގޭ ބަންދުގައި ބަހައްޓަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން އަނެއްކާވެސް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ހުޅުމާލޭގައި ކުޑަކުއްޖަކު ރަހީނުކޮށް، މަރާލި މައްސަލާގައި ދައުވާލިބޭ ކުޑަކުއްޖާ ގޭ ބަންދުގައި ބަހައްޓަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން އަނެއްކާވެސް ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އިތުރު މީހަކާ ބައިވެރިވެގެން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލުމަށްފަހު އެ ކުއްޖާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ގޮސް އެއްލާލި މައްސަލާގައި ދައުވާލިބޭ ކުޑަކުއްޖާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ހުންނަނީ ޖުވެނައިލް ކޯޓުގެ އަމުރެއްގެ ދަށުން ގޭ ބަންދުގަ އެވެ. ގޭ ބަންދަށް ބަދަލުކުރި ނިންމުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ. އެކަމަކު އޭގެފަހުން ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެ ކުއްޖާ ގޭ ބަންދުގައި ބެހެއްޓީ ގޯސްކޮށް ކަމަށެވެ.

ދެވަނަ ފަހަރަށް އެ މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ މަހު އެ ކުއްޖާގެ ބަންދު މުރާޖާ ކުރުމަށްފަހު، ކުރީގެ ނިންމުން ބަދަލު ނުކުރަން ޖުވެނައިލް ކޯޓުން ނިންމުމުންނެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިކުރުން ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުތައް ހަނި ކުރަން ޝަރުތުތަކެއް ކުރުމަށްފަހު ކަމަށެވެ. އަދި އެއިން ޝަރުތަކާ އެ ކުއްޖާ މިހާތަނަށް ޚިލާފްވެފައި ނުވާއިރު، އެފަދަ ކަންކަމުގައި ކޯޓުތަކުން ބަލަންޖެހޭ ކަންކަމަށް ޖުވެނައިލް ކޯޓުން ރިއާޔަތް ކޮށްފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މީގެ އިތުރުން ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވުމަކީ ދައުވާލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން އޮތް ހުރަހެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ. އެހެންވެ، ޖުވެނައިލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ނިންމީ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އިސް ފަނޑިޔާރު ހާތިފް ހިލްމީ ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.