Roadha Mihaaru
މަރުގެ ހުކުމެއް ނިންމަން އޮތް ކުއްޖަކު ގެނބިގެން މަރު

އައްޔުބޭގެ ގާތިލުންނަށް މަރުގެ ހުކުމް ކަނޑައެޅުމުގެ ބާރު އޮތް ކުއްޖާ ވަނީ ގެނބިގެން މަރުވެފައި

11 ޖެނުއަރީ 2021

ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން (އައްޔުބޭ)ގެ ގާތިލުންގެ މައްޗަށް މަރުގެ ހުކުމް ކަނޑައެޅުމުގެ ބާރު އޮތް ކުއްޖާ މީގެ ދެ އަހަރު ކުރިން ގެނބިގެން މަރުވެފައިވާކަން ހާމަވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން (އައްޔުބޭ)ގެ ގާތިލުންގެ މައްޗަށް މަރުގެ ހުކުމް ކަނޑައެޅުމުގެ ބާރު އޮތް ކުއްޖާ މީގެ ދެ އަހަރު ކުރިން ގެނބިގެން މަރުވެފައިވާކަން ހާމަވެއްޖެ އެވެ.

ތޫނު އެއްޗެހިން ހަމަލާދީ، އަނިޔާވެރި ގޮތަކަށް އައްޔުބޭ މަރާލި މައްސަލާގައި ތިން ކުއްޖަކަށް ޖުވެނައިލް ކޯޓުގައި ދައުވާކުރުމުން ކުށް ސާބިތުވީ ދެ ކުއްޖެއްގެ މައްޗަށެވެ. އައްޔުބޭގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރުމުން، އެ ކުއްޖާ ބޮޑުވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމަންދެން ކުށް ސާބިތުވި ދެ ކުދިން ޖަލުގައި ބައިތިއްބަން ޖުވެނައިލް ކޯޓުން ވަނީ ޑިސެމްބަރު 2012 ގައި ހުކުމްކޮށްފަ އެވެ. އެ ކުއްޖާގެ އުމުރުން އޭރު 11 އަހަރެވެ. "މިހާރު"އަށް އެނގިފައިވާ ގޮތުގައި ކުއްޖާ މަރުވީ އުމުރުން 16 އަހަރުގައި 2018 ވަނަ އަހަރު އެވެ.

އައްޔުބޭގެ 10 ވާރިސުންގެ ތެރެއިިން މި ފިރިހެން ކުއްޖާ ފިޔަވައި ދެން ތިބި އެންމެން ވެސް ކޯޓުގައި އެދުނީ ގާތިލުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެގޮތަށް އެދިގެން ކަމަށް ވާތީ، މިކަމުގައި ގޮތެއް ނުނިންމާ އޮތީ ކުޑަކުއްޖާ ތަސައްރަފު ފުދި އަމިއްލަ އިހްތިޔާރު ލިބެންދެން ކަމަށް ވާތީ އެ ހުކުމް ބިނާވެފައި އޮތީ އެ ކުއްޖާގެ ނިންމުމުގެ މައްޗަށެވެ.

ކުށް ސާބިތުވި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ހުކުމް އިސްތިއުނާފުކުރުމުން ހައި ކޯޓުގައި މިހާރު ވަނީ އަޑުއެހުންތައް ފަށައިފަ އެވެ. މިއަދު ވެސް މައްސަލައިގެ އަޑުއެހުމެއް ބާއްވައި މިއަދު ވަނީ އަޑުއެހުންތައް ނިންމާލައިފަ އެވެ.

މިއީ އިސްތިއުނާފްގެ މުއްދަތު ހަމަވިތާ އަހަރުތަކެއް ފަހުން ހުށަހެޅި މައްސަލައެކެވެ. މުއްދަތު ހަމަވާ ފަހުން ވެސް، ހާއްސަ ހާލަތްތަކުގައި މައްސަލަތައް ބަލައިގަތުމުގެ ބާރު ހައި ކޯޓަށް އޮވެ އެވެ.

ކުޑަހުވަދޫން ވާހަކަ ދެއްކި މީހަކު ބުނީ އައްޔުބޭގެ ވާރިސުންގެ ތެރެއިން އެންމެ ހަގަށް ހުރި އަދި ނުކުޅެދުންތެރިކަން ވެސް ހުރި ކުއްޖާ މޫދުގައި މަރުވެފައި އޮއްވައި ފެނުނީ މާޗް 29، 2018ގައި ކަމަށެވެ. ކުއްޖާ މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް، ރަށުގެ ދެކުނު ފަރާތު މޫދުންނެވެ.

ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގެ ޝަރީއަތް ހިންގަނީ އާންމުކޮށް ހުޅުވާލައިގެންނެއް ނޫނެވެ. އެހެންކަމުން އެއީ އައްޔުބޭގެ ވާރިސެއްކަން މީޑިއާ އަށް ކުރިން އޮތީ ނޭނގި އެވެ.

އައްޔުބެ މަރައިލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ވެސް ބަޔަކަށް ދައުވާކުރި އެވެ. އެކަމަކު އެ މީހުންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް 2014 ގައި ވަނީ ހުކުމްކޮށްފަ އެވެ.