28 އޯގަސްޓް 2017
ދ. ކުޑަހުވަދޫގައި ހަސަން އަލީ (އައްޔުބެ) މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުވި އެކަކު ހައި ކޯޓުން މިއަދު ސަލާމަތްވެއްޖެ އެވެ.
ދ. ކުޑަހުވަދޫގައި ހަސަން އަލީ (އައްޔުބެ) މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުވި އެކަކު ހައި ކޯޓުން މިއަދު ސަލާމަތްވެއްޖެ އެވެ.
ޖެނުއަރީ، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ، އަނިޔާވެރި ގޮތަކަށް އައްޔުބެ މަރާލުމަށް ފަހު ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި ދެ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން 2013 ގައި ވަނީ ހުކުމްކޮށްފަ އެވެ. މިހާރު 18 އަހަރު ފުރިފައި ތިބި އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވިޔަސް އައްޔުބޭގެ ވާރިސުންގެ ތެރޭގައި ހުރި ކުޑަކުއްޖަކު ބާލިޣުވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމެންދެން، ކުށް ސާބިތުވި ދެ މީހުން ޖަލުގައި ބައިތިއްބަން ޖުވެނައިލް ކޯޓުން އޭރު އޮތީ އަމުރުކޮށްފަ އެވެ.
ކުށް ސާބިތުވި ދެ މީހުންގެ ތެރެއިން އެކަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ އޭނާގެ މައްޗަށް ކުރި ހުކުމްގެ ބައި ބާތިލްކޮށްފަ އެވެ. ހައި ކޯޓުން އޭނާ މިނިވަންކުރީ އޭނާގެ ތަހުގީގަށް ދިން ބަޔާނުގައި އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް ސީދާ ބުނެފައި ނެތުމާއި އޭނާގެ އެކަމުގައި ބަައިވެރިވިކަމުގެ މައްޗަށް އިތުރު އެއްވެސް ހެއްކެއް ލިބިފައި ނެތުމެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ މީހާގެ މައްޗަށް ކުށް ސާބިތު ކުރުމުގައި ބަލާފައިވަނީ އޭނާ ތަހުގީގަށާއި ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފްގެ މައްޗަށް އެކަނި ކަމަށްވާއިރު އޭނާ ތަހުގީގަށް ދިން ބަޔާނުގައި، އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް އިއުތިރާފްވެފައި ނެތް ކަމަށެވެ. އޭނާގެ ތަހުގީގު ބަޔާނުން އެނގެން އޮތީ އައްޔުބެ މަރާލި މީހުން، އައްޔުބެ މަރާލަން ބޭނުންވާ ވާހަކަ އޭނާ ގާތު ބުނި ބުނުމެއްގެ ވާހަކަ އާއި އައްޔުބެ މަރާލަން ބޭނުންކުރި ހަތިޔާރު ފޮރުވިއިރު އެކަމުގެ މައުލޫމާތު އޭނާއަށް އެނގޭ ކަމަށް ބުނާ ވާހަކަ އެކަނި ކަމަށް ހުކުމުގައިވެ އެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށްވާއިރު އޭނާ ތަހުގީގަށް ދިން ބަޔާނަށް ބަލާއިރު އެފަދަ ކަމެއްގައި އޭނާ ބައިވެރިވިކަމުގެ މައްޗަށް އިއުތިރާފެއް ލިބިފައި ނެތް ކަމަށް ހުކުމުގައިވެ އެވެ. އެގޮތުން، އައްޔުބެ މަރާލުމަށް ރޭވުމުގަ އާއި އޭނާއަށް ފާރަލުމުގައި ވެސް އޭނާ އެއްވެސް މިންވަރަކަށް ބައިވެރިވި ކަމަށް އެ ބަޔާނުގައި އޭނާ ބުނެފައި ނެތް ކަމަށް ހުކުމުގައިވެ އެވެ.
ދަށު ކޯޓުގެ ޝަރީއަތުގައި، ތަހުގީގު ބަޔާނަށް އޭނާ ފުރަތަމަ އިއުތިރާފް ވިޔަސް އޭނާ އޭރު އިއުތިރާފްވީ ވަކީލެއްގެ އެހީތެރިކަމެއް ނެތި ކަމަށާއި އެކަމަކު ފަހުން ވަކީލަކާ އެކު ބޭއްވި އަޑުއެހުމުގައި، އެކަންކަމަށް އޭނާ އިންކާރު ކުރި ކަމަށް ހުކުމުގައިވެ އެވެ. އަދި ޝަރީއަތުގައި އަމިއްލަ އަށް އެ ބަޔާން ދިންއިރު އޭނާއަކީ ގާނޫނީ ގޮތުން ކުޑަކުއްޖެއް ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
"މައްސަލައިގެ ބާވަތުން މިއީ (ދައުވާ ލިބުނު މީހާ) ގެ މައްޗަށް މަރުގެ ހުކުމެއް އަތުވެދާނެ ފަދަ މައްސަލައެއް ކަމުން (ދައުވާލިބުނު މީހާ) ގެ ފަރާތުން ދީފައިވާ ބަޔާނަށް ބާރު ލިއްބައިދޭ އިތުރު އެއްވެސް ހެއްކެއް ގަރީނާއެއް ނެތި، މިއީ އެ އިއުތިރާފްގައި އެއްވެސް މިންވަރެއްގެ ޝައްކެއް ނެތް ސައްހަ އިއުތިރާފެއް ކަމުގައި ބެލެވެން ނެތް ކަމެވެ." ތިން ފަނޑިޔާރުން އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ގިނަ ބަޔަކު ބައިވެރިވެގެން މީހަކު މެރުމަށް ކުރިއާލައި، ރޭވުމަށް އެކަމަށް ފަސޭހަކޮށް ދިނުމަށް މަގުފަހިކުރާ މީހުންގެ ވެސް މައްޗަށް މަރަށް މަރު ހިފޭނެ ކަމަށް އިސްލާމީ ޝަރީއަތުގައިި އޮވެ އެވެ. އެކަމަކު އެކަމަށް އޮންނަ ތަމާލުއުގެ އުސޫލު މި މައްސަލައިގެ މައްޗަށް އެ ނުހިނގާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ އައްޔުބެ މަރުވެފައިވަނީ ދައުވާ ލިބުނު މީހާ ކުރި އަމަލެއްގެ ސަބަބުން ކަން އެނގެން ނެތުމާއި އައްޔުބެ މަރާލުމަށް މަޝްވަރާ ކުރުމުގައި ވެސް އޭނާ ބައިވެރިވިކަން އެނގެން ނެތުމެވެ. އެހެންވެ ތަމާލުއުގެ އުސޫލު އެ މައްސަލާގެ މައްޗަށް ނުހިނގާނެ ކަމަށް ހުކުމުގައިވެ އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އައްޔުބެގެ މަރުގައި ބައިވެރިވި ކުއްޖަކު އިސްތިއުނާފަށް
ނޫރުގެ ގާތިލަށް ކުށް ސާބިތުވިޔަސް މަރުގެއަދަބު ނުދެވޭނެ
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް
މަރުގެ ދައުވާލިބޭ ކުއްޖާގެ ގޭ ބަންދު ދަމަހައްޓައިފި
އައްޔުބެގެ މަރު: އިސްތިއުނާފް އަޑުއެހުންތައް ނިމުމަކަށް
މަރުގެ ހުކުމެއް ނިންމަން އޮތް ކުއްޖަކު ގެނބިގެން މަރު
އައްޔުބެގެ މަރު: އަށް އަހަރު ފަހުން އިސްތިއުނާފަށް
ނޫރުގެ މަރު: އިތުރު މީހަކު 10 އަހަރަށް ޖަލަށް
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
15 އަހަރުނުވާ ކުދިންގެ ފޯނު ފުލުހުންނަކަށް ނުބެލޭނެ