Roadha Mihaaru
އައްޔުބެގެ މަރު: އަށް އަހަރު ފަހުން އިސްތިއުނާފަށް

އައްޔުބެގެ މަރުގެ މައްސަލާގައި ކުށްވެރިވި މީހަކު އަށް އަހަރު ފަހުން އިސްތިއުނާފަށް

04 ޖެނުއަރީ 2021

ދ. ކުޑަހުވަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ހަސަން އަލީ (އައްޔުބެ) ގެ މަރުގެ މައްސަލާގައި ކުށްވެރިވެފައިވާ މީހަކު އަށް އަހަރު ފަހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދ. ކުޑަހުވަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ހަސަން އަލީ (އައްޔުބެ) ގެ މަރުގެ މައްސަލާގައި ކުށްވެރިވެފައިވާ މީހަކު އަށް އަހަރު ފަހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ޖެނުއަރީ، 2012 ގައި ކުޑަހުވަދޫގެ ފަޅު ގެއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް އައްޔުބެ މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި އޭރު 18 އަހަރު ނުފުރޭ ދެ ކުއްޖަކު ކުށަށް އިއުތިރާފްވުމުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ޑިސެމްބަރު، 2012 ގައި ހުކުމްކުރި އެވެ. އައްޔުބެގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުއްޖަކު ހުރުމުން ކޯޓުން އޭރު ހުކުމްކުރީ އެ ކުއްޖާ ބާލިޣުވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމަންދެން އެ ދެ މީހުން ޖަލުގައި ބޭތިއްބުމަށެވެ. (އެ ދެ މީހުންނަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، އެ މީހުންގެ ނަން ހަބަރުގައި ހިމަނާފައި ނުވަނީ ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު ހާމަ ކުރުން މަނާވާތީ އެވެ.)

އޭގެ ތެރެއިން އެކަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން 2017 ގައި ހައި ކޯޓުން ވަނީ އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ. އެކަމަކު ދެވަނަ މީހާ އެ މައްސަލަ އޭރު އިސްތިއުނާފެއް ނުކުރެ އެވެ.

ދެވަނަ މީހާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފްކުރީ މިދިޔަ އަހަރު އެވެ. އަދި އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން މިއަދު ވަނީ ފަށައިފަ އެވެ. އެ މައްސަލަ ހައި ކޯޓުން ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

މަގްބޫލު އުޒުރެއް އޮވެއްޖެ ނަމަ، އިސްތިއުނާފް މުއްދަތު ހަމަވެފައި ހުރި މައްސަލަތައް ވެސް ބެލުމުގެ ބާރު ކޯޓުތަކާ ބެހޭ ގާނޫނާއި ހައި ކޯޓުގެ ގަވާއިދުގެ ދަށުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އޮވެ އެވެ. އެ މައްސަލަ ވެސް ބަލައިގަތީ އެ އުސޫލުގެ ދަށުން ކަމަށް ބެލެވެ އެވެ.

އައްޔުބެގެ މަރާ ގުޅިގެން ފުރަތަމަ ކުށް ސާބިތުވި މީހާގެ ހުކުމް ހައި ކޯޓުން ކުރިން ބާތިލްކުރީ އޭނާގެ މައްޗަށް ކުށް ސާބިތުވެފައި އޮތީ އޭނާގެ އިއުތިރާފްގެ މައްޗަށް އެކަނި ބިނާކޮށް ކަމަށް ވާއިރު، އޭނާގެ އިއުތިރާފްގައި އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވެފައި ނެތުމުންނެވެ. އަދި އެކަމުގައި އޭނާ ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ހައި ކޯޓުގެ އެ ހުކުމުގައި ބުނެފައިވެ އެވެ.