Roadha Mihaaru
އައްޔުބެގެ މަރު: އިސްތިއުނާފް އަޑުއެހުންތައް ނިމުމަކަށް

އައްޔުބެގެ މަރު: ކުށްވެރިވި "ކުއްޖާ" ގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި

11 ޖެނުއަރީ 2021

ދ. ކުޑަހުވަދޫގައި އަނިޔާވެރި ގޮތަކަށް އަލީ ހަސަން (އައްޔުބެ) ގެ މަރާލި މައްސަލާގައި ކުށްވެރިވި މީހަކަށް އިއްވާފައި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދ. ކުޑަހުވަދޫގައި އަނިޔާވެރި ގޮތަކަށް އަލީ ހަސަން (އައްޔުބެ) ގެ މަރާލި މައްސަލާގައި ކުށްވެރިވި މީހަކަށް އިއްވާފައި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

ޖެނުއަރީ، 2012 ގައި އައްޔުބެއަށް ތޫނު އެއްޗެހިިން ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ތިން ކުއްޖެއްގެ މައްޗަށް ކުރި ދައުވާގައި، ދެ ކުއްޖަކަށް ކުށް ސާބިތުވި އެވެ. ޖުވެނައިލް ކޯޓުން ޑިސެމްބަރު، 2012 ގައި ހުކުމްކުރީ އައްޔުބެގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖެއް ހުރުމުން އެ ކުއްޖާ ބާލިޣުވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމަންދެން، އެ ދެ މީހުން ޖަލުގައި ބޭތިއްބުމަށެވެ. އޭގެ ތެރެއިން އެކަކު ހުކުމް 2017 ގައި ހައި ކޯޓުން ބާތިލްކުރި އެވެ.

ދެވަނަ މީހާގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ އޭގެ އަށް އަހަރު ފަހުން މިދިޔަ އަހަރު އެވެ. އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު ހާމަ ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ ހަބަރުގައި އޭނާގެ މައުލޫމާތު ހިމަނާފައެއް ނުވާނެ އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލާފައިވާތީ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އެނގިފައިވާ ގޮތުގައި، އައްޔުބެގެ މަރުގެ މައްސަލާގައި ހައި ކޯޓުން ކުރިން ބާތިލްކުރި ހުކުމާއި މި މައްސަލާގައި ކަން ހިނގި ގޮތް އެއްގޮތް ކަމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުނެފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދައުލަތަށް އަމާޒުވި އެވެ. އެހެން ނަމަވެސް، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެން ކަމަށްވާތީ އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވެ އެވެ.

އައްޔުބެގެ ވާރިސުންގެ ތެރޭގައި ހުރި ބާލިޣުނުވާ ކުއްޖާ މަރަށް މަރު ހިފުމާ މެދު ގޮތެއް ނުނިމި އޮއްވައި އެ ކުއްޖާގެ އުމުރުން 16 އަހަރުގައި، 2018 ވަނަ އަހަރު އޭނާ ވަނީ ގެނބިގެން މަރުވެފަ އެވެ. އައްޔުބެގެ ދެން ތިބި ވާރިސުން އޭރު ބުނެފައި އޮތީ އެ މީހުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ވާރިސަކު މިހާރު މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށްވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއިި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް ހިމެނޭ ގޮތަށް ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އައްޔުބެގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި އިތުރު ބަޔަކަށް ދައުލަތުން ދައުވާ ކުރިޔަސް، 2014 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.