Roadha Mihaaru
ބަޣުދާދީގެ އަންހެނުން ހައްޔަރުކޮށްފިން: ތުރުކީ

ބަޣުދާދީގެ އަންހެނުން ހައްޔަރުކޮށްފިން: ތުރުކީ

07 ނޮވެމްބަރ 2019

އަންކަރާ (ނޮވެމްބަރު 7) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކުރީގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީގެ ހުވަފަތް އަނތްބަކު ސީރިއާ އިން ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކަރާ (ނޮވެމްބަރު 7) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކުރީގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީގެ ހުވަފަތް އަނތްބަކު ސީރިއާ އިން ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ބަޣުދާދީގެ ދައްތައަކު ވެސް ސީރިއާ އިން ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީން ވަނީ މިދިޔަ އަންގާރަ ދުވަހު ބުނެފަ އެވެ.

ތުރުކީގެ ވެރިރަށް އަންކަރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ބަޣުދާދީގެ އަންހެނުން ހައްޔަރުކުރިކަން ފުރަތަމަ ފަހަރަށް އެމަނިކުފާން މި އިއުލާން ކުރަނީ ކަމަށެވެ. އަދި ބަޣުދާދީގެ ޅިޔަނަކު ވެސް ތުރުކީން ހައްޔަރުކުރި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

"އެމެރިކާ އިން ބުނެފައި ވަނީ ބަޣުދާދީ ވަނީ ބިންގަރާސް ތެރޭގައި އަމިއްލަ އަށް މަރުވެފައި ކަމަށް. އެކަމާ ގުޅޭ ގޮތުން މީޑިއާ ކެމްޕޭނެއް އެ މީހުން ޖެއްސި. އެކަމަކު ބަޣުދާދީގެ އަނބިމީހާ ހައްޔަރުކުރިކަން ފުރަތަމަ ފަހަރަށް އަޅުގަނޑު މި އިއުލާން ކުރަނީ. އެކަމަކު އެމެރިކާ އިން އުޅުނު ގޮތަށް ކަންދެއްކުމުގެ ގޮތަކަށް ނޫން. ބަޣުދާދީގެ ދައްތަ އާއި އޭނާގެ ޅިޔަނަކު ވެސް ވަނީ ހައްޔަރުކޮށްފައި،" އުރުދުޣާން ވިދާޅުވި އެވެ.

ބަޣުދާދީގެ ދައްތަ 65 އަހަރުގެ ރަސްމިޔާ އައްވާދު ސީރިއާ އިން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ފަރާތުން އައިއެސްއާ ބެހޭ ޖާސޫސީ ވަރަށް ގިނަ މައުލޫމާތު ލިބޭނެ ކަމަށް ތުރުކީގެ އޮފިޝަލުން ބުނެފައިވެ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ތުރުކީގެ ކޮންޓްރޯލް ދަށުގައި އޮތް ހަލަބް ސިޓީންނެވެ.

ބަޣުދާދީ މަރުވިކަން ޓްރަމްޕް އިއުލާން ކުރެއްވީ އޮކްޓޯބަރު 27 ވަނަ ދުވަހު އެވެ. ޓްރަމްޕް ވިދާޅުވީ ސީރިއާގެ އިދްލީބުގައި ބަޣުދާދީ ދިރިއުޅުނު ގޭގެ ތެރޭން ހަދާފައިވާ ކޮޅުބެދިފައިވާ ބިންގަރާސް މަގުން ސަލާމަތް ނުވެވޭނެކަން ޔަގީންވުމުން ބަޣުދާދީ މަރުވީ އަމިއްލަ އަށް ކަމަށެވެ.