Roadha Mihaaru

ބަޣުދާދީ މަރާލަން ހަމަލާދޭ ވީޑިއޯ އާއްމުކޮށްފި

31 އޮކްޓޯބަރ 2019

ވޮޝިންޓަން (އޮކްޓޯބަރު 31) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ މަރާލަން އެމެރިކާ ސިފައިން ސީރިއާގެ އުތުރުގެ އިދްލީބަށް ދިން ހަމަލާގެ ވީޑިއޯގެ ފުރަތަމަ ބައި ޕެންޓަގަނުން އާއްމުކޮށްފި އެވެ.

ވޮޝިންޓަން (އޮކްޓޯބަރު 31) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ މަރާލަން އެމެރިކާ ސިފައިން ސީރިއާގެ އުތުރުގެ އިދްލީބަށް ދިން ހަމަލާގެ ވީޑިއޯގެ ފުރަތަމަ ބައި ޕެންޓަގަނުން އާއްމުކޮށްފި އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ބަޣުދާދީ ހުރި ކަމްޕައުންޑާ ދިމާލަށް އެމެރިކާ ސިފައިން ހެލިކޮޕްޓަރުތަކުގައި ދަތުރުކުރި އިރު ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ދިން ހަމަލާތަކަށް ރައްދު ދިނެވެ. އޭގެ ފަހުން އެ މީހުން ހެލިކޮޕްޓަރުން ފައިބައިގެން ގޮސް އެ ގެއަށް ހަމަލާ ދެ އެވެ.

ބަޣުދާދީ ހުރި ކަމްޕައުންޑާ ދިމާލާ އެމެރިކާގެ ކޮމާންޑޯ އިން ދަނީ. --ފޮޓޯ:އޭއެފްޕީ

ބަޣުދާދީ ހުރި ކަމްޕައުންޑާ ދިމާލާ އެމެރިކާގެ ކޮމާންޑޯ އިން ދަނީ. --ފޮޓޯ:އޭއެފްޕީ

ގެއަށް ހަމަލާ އަމާޒުވިކަން އެނގުމާ އެކު ބަޣުދާދީ ވަނީ ބިންގަރާސް މަގަކުން ފިލަން ގޮހެވެ. ނަމަވެސް އެއީ ކޮޅު ބެދިފައިވާ މަގަކަށްވުމުން ބަޣުދާދީ އަށް ސަލާމަތް ނުވެވުމުން އޭނާ ވަނީ ގައިގައި ހަރުކޮށްފައި ހުރި ގޮވާތަކެތި ގޮއްވާލައިގެން އަމިއްލަ އަށް މަރުވެފަ އެވެ.

ހަމަލާ އަށް ފަހު އެމެރިކާ ސިފައިން ވަނީ ބަޣުދާދީ އުޅުނު ކަމްޕައުންޑް އެއްކޮށް ގޮއްވާލައި ބިމާ ހަމަކޮށްލައިފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ޖެނެރަލް ކެނެތު މެކްކެންޒީ ވިދާޅުވީ ބިންގަރާސް ތެރޭގައި ބަޣުދާދީއާ އެކު އޭނާގެ ތިން ކުދިން މަރުވި ކަމަށް ކުރިން ހާމަކުރި ނަމަވެސް މަރުވެފައި ވަނީ ދެ ކުދިން ކަމަށެވެ. އަދި އެއީ 12 އަހަރުން ދަށުގެ ދެ ކުދިން ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

ބަޣުދާދީ ހުރި ކަމްޕައުންޑް އެމެރިކާގެ ކޮމާންޑޯ އިން ގޮއްވާލަނީ. --ފޮޓޯ:އޭއެފްޕީ

ބަޣުދާދީ ހުރި ކަމްޕައުންޑް އެމެރިކާގެ ކޮމާންޑޯ އިން ގޮއްވާލަނީ. --ފޮޓޯ:އޭއެފްޕީ

ބަޣުދާދީ މަރުވި ގޮތް ސިފަކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ މަރުވީ ގިސްލައި، ރޮމުން ކަމަށެވެ. ނަމަވެސް ޓްރަމްޕުގެ އެ ވާހަކަތައް ޖެނެރަލް މެކްކެންޒީ ޔަގީންކޮށެއް ނުދެއްވަ އެވެ.

"ޓަނަލް ތެއަށް ބަޣުދާދީ ދެ ކުދިންނާ އެކު ވަނީ ފިރުކެމުން. އޭގެ ފަހުން އޭނާ އަމިއްލަ އަށް ގޮއްވާލީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެކްކެންޒީ ވިދާޅުވި އެވެ. "ބަޣުދާދީގެ އެންމެ ފަހު ސިކުންތު ކޮޅާ ގުޅޭ ގޮތުން އިތުރު އެއްޗެއް ޔަގީންކޮށްދެވޭކަށް ނެތް."

ބަޣުދާދީ އުޅުނު ގޭގެ ތެރޭން ވަނީ ހަތަރު އަންހެނަކާއި ފިރިހެނަކު މަރާލާފައިވާ ކަމަށް މެކްކެންޒީ ވިދާޅުވި އެވެ. އެ އެންމެން ވެސް ތިބީ ގޮވާ ތަކެތީގެ ބެލްޓް އަޅައިގެން ކަމަށް ވިދާޅުވި އެވެ. އެ ގޭގެ ތެރޭން ހައްޔަރުކުރި ދެ މީހުންނާ ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. އެމެރިކާގެ ހެލިކޮޕްޓަރުތަކަށް ހަމަލާ ދިނުމުން، ދިން ރައްދު ހަމަލާތަކުގައި ވެސް ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޣުދާދީ ހުރި ކަމްޕައުންޑް ހަމަލާގެ ކުރިންނާއި ފަހުން. --ފޮޓޯ:އޭއެފްޕީ

ބަޣުދާދީ ހުރި ކަމްޕައުންޑް ހަމަލާގެ ކުރިންނާއި ފަހުން. --ފޮޓޯ:އޭއެފްޕީ

މެކްކެންޒީ ވިދާޅުވީ މަރުވެފައި ވަނީ ބަޣުދާދީކަން ޔަގީންކުރީ އޭނާގެ ޑީއެންއޭ އިން ކަމަށެވެ. އަދި ބަޣުދާދީގެ ޑީއެންއޭ ސާމްޕަލް ވަނީ އިރާގުގެ ޖަލެއްގައި އޭނާ 2004 ވަނަ އަހަރު ހުރި އިރު ނަގާފައި ކަމަށާއި ޑީއެންއޭ ސާމްޕަލްގެ އެ ފައިލް އެމެރިކާ އަށް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބަޣުދާދީ މަރާލިތާ 24 ގަޑިއިރު ތެރޭ އޭނާގެ ހަށިގަނޑުގެ ބައިތައް ކަނޑުއަޑީ ވަޅުލާފައިވާ ކަމަށް މެކްކެންޒީ ވިދާޅުވި އެވެ.