Roadha Mihaaru
ބަޣުދާދީ ހުރި ތަނާ ބެހޭ މައުލޫމާތު ދިނީ އިރާގުން

ބަޣުދާދީ ހުރި ތަނާ ބެހޭ މައުލޫމާތު ދިނީ އިރާގުން

28 އޮކްޓޯބަރ 2019

ބަޣުދާދު (އޮކްޓޯބަރު 28) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ ސީރިއާގައި ހުރި ތަނާ ބެހޭ މައުލޫމާތު އެމެރިކާ އަށް ފޯރުކޮށްދިނީ އިރާގުގެ އިންޓަލިޖެންސް ސާވިސަސް އިން ކަމަށް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮކްޓޯބަރު 28) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ ސީރިއާގައި ހުރި ތަނާ ބެހޭ މައުލޫމާތު އެމެރިކާ އަށް ފޯރުކޮށްދިނީ އިރާގުގެ އިންޓަލިޖެންސް ސާވިސަސް އިން ކަމަށް ބުނެފި އެވެ.

އިރާގު ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ބަޣުދާދީ ހޯދުމަށްޓަކައި އިންޓެލް ޔުނިޓުން ވަނީ ޚާއްސަ ޓީމެއް އެކުލަވާލާފައި ކަމަށެވެ. އަދި ބަޣުދާދީ ހުރި ތަނެއް ހޯދީ އެ ޓީމުން އަހަރެއްހާ ދުވަހު ކުރި މަސައްކަތުން ކަމަށް ވެސް ބުނެފައިވެ އެވެ.

"ބަޣުދާދީ ފިލައިގެން އުޅުނު ތަނާ ބެހޭ މައުލޫމާތު އެމެރިކާ އަށް ފޯރުކޮށްދިނީ އިރާގުގެ އިންޓަލިޖެންސް ސާވިސަސް އިން. ބަޣުދާދީ މަރާލަން އޮޕަރޭޝަން ހިންގަން އެމެރިކާ އަށް އެހާ ފަސޭހަވީ އެހެންވެގެން،" އިރާގު ސިފައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޣުދާދީ މަރާލަން އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ސީރިއާގެ އިދްލީބުގައި ހިންގި އޮޕަރޭޝަނާ ބެހޭ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާދިއްތަ ދުވަހުގެ ރޭ ދެއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ އެ އޮޕަރޭޝަނަށް އެތައް ގައުމެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އަދި ޚާއްސަކޮށް އިރާގުން ކަންތައް ކުރީ ވަރަށް ރަނގަޅަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އިރާގުގެ އިންޓަލިޖެންސް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ސީރިއާގައި ބަޣުދާދީގެ ހަރަކާތްތަކަށް ފާރަލަމުންދާތާ އަހަރެއްހާ ދުވަސްވެދާނެ ކަމަށެވެ. އަދި ބަޣުދާދީ ހުރި ސީދާ ތަނެއް ފާހަގަކުރެވުނީ ބަޣުދާދީއާ އެކު ހުރި އޭނާގެ އަނތްބަކު ކުރި ފޯން ކޯލަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އިރާގުގެ އެހެން އޮފިޝަލަކު ވިދާޅުވީ ބަޣުދާދީއާ ބެހޭ މައުލޫމާތު ލިބުނީ ހައްޔަރުކުރި ދެ އަންހެނެއްގެ ފަރާތުން ކަމަށެވެ. އޭގެ ތެރޭން އެކެއް ކަމަށް ބުނެފައި ވަނީ ބަޣުދާދީގެ އަނތްބެކެވެ. އަނެއް މީހަކީ ބަޣުދާދީގެ ޕޯސްޓްމަނުގެ އަނތްބެކެވެ.