Roadha Mihaaru
ބަޣުދާދީގެ ހަށިގަނޑުގެ ބައިތައް ކަނޑު ފައްތައިފި

ބަޣުދާދީގެ ހަށިގަނޑުގެ ބައިތައް ކަނޑު ފައްތައިފި

29 އޮކްޓޯބަރ 2019

ވޮޝިންޓަން (އޮކްޓޯބަރު 29) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީގެ ހަށިގަނޑުގެ ބައިތައް ކަނޑު ފައްތާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 29) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީގެ ހަށިގަނޑުގެ ބައިތައް ކަނޑު ފައްތާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ބަޣުދާދީގެ ހަށިގަނޑު ކަނޑުފެއްތި ތަނާ ބެހޭ އެއްވެސް މައުލޫމާތެއް ޕެންޓަގަންގެ އޮފިޝަލުން ދީފައެއް ނުވެ އެވެ. ނަމަވެސް ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ވިދާޅުވެފައި ވަނީ ބަޣުދާދީގެ ހަށިގަނޑާ މެދު ކަންތައް ކުރާނީ އެމެރިކާ އިން ހަމަލާދީ 2011 ވަނަ އަހަރު މަރާލި އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ހަށިގަނޑާ މެދު ކަންތައް ކުރި ގޮތަށް ކަމަށެވެ. ބިން ލާދިންގެ ހަށިގަނޑު ވެސް ވަނީ ކަނޑު ފައްތައިފަ އެވެ.

އެމެރިކާގެ ޚާއްސަ ސިފައިން ސީރިއާގެ އިދްލީބުގައި ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާތަކުން ސަލާމަތްވާން ބަޣުދާދީ ވަނީ ކޮޅު ބެދިފައިވާ ޓަނަލެއްގެ ތެރެއަށެވެ. ޓަނަލް ތެރެއަށް އެމެރިކާގެ މިލިޓަރީ ކުއްތާތައް ދޫކޮށްލުން ބަޣުދާދީ އަށް ސަލާމަތް ނުވެވުމުން އެންމެ ފަހުން އޭނާ ވަނީ ގައިގައި ހަރުކޮށްފައިވާ ގޮވާ ތަކެތި ގޮއްވާލައިގެން އަމިއްލަ އަށް މަރުވެފަ އެވެ. ބަޣުދާދީއާ އެކު އޭނާގެ ތިން ދަރިން ވެސް ވަނީ މަރުވެފަ އެވެ.

އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުގެ ކޮމާންޑަރު ޖެނެރަލް މާކް މިލޭ ވިދާޅުވީ ބަޣުދާދީ މަރާލި ގޮތުގެ ވީޑިއޯ އާއި ފޮޓޯ ހާމަކުރުމުގެ ޕްލޭނެއް ނެތް ކަމަށެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ ބަޣުދާދީ މަރާލަން ދިން ހަމަލާގެ ބައެއް ވީޑިއޯތައް އާއްމު ކުރެވިދާނެ ކަމަށެވެ.

ހަމަލާގެ މަންޒަރުތައް ޓްރަމްޕާއި އެމެރިކާގެ ސަލާމަތީ އިސް އޮފިޝަލުން ގެންދިޔައީ ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމުން ވަގުތުން ބައްލަވަމުންނެވެ.