Roadha Mihaaru
ބަޣުދާދީގެ ބަދަލުގައި ހުރި މީހާ ވެސް ވަނީ މަރާލާފައި

ބަޣުދާދީގެ ބަދަލުގައި އައިއެސްއާ ހަވާލުވާން ހުރި މީހާ ވެސް ވަނީ މަރާލާފައި: ޓްރަމްޕް

30 އޮކްޓޯބަރ 2019

ވޮޝިންޓަން (އޮކްޓޯބަރު 30) - އަބޫބަކްރު އަލް ބަޣުދާދީ އަށް ފަހު އިސްލާމިކް ސްޓޭޓް (އައިއެސް) އާ ހަވާލުވާން ހުރި މީހާ ވެސް ވަނީ އެމެރިކާގެ ސްޕެޝަލް ފޯސަސްގެ ހަމަލާތަކުގައި މަރާލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 30) - އަބޫބަކްރު އަލް ބަޣުދާދީ އަށް ފަހު އިސްލާމިކް ސްޓޭޓް (އައިއެސް) އާ ހަވާލުވާން ހުރި މީހާ ވެސް ވަނީ އެމެރިކާގެ ސްޕެޝަލް ފޯސަސްގެ ހަމަލާތަކުގައި މަރާލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެއީ ކާކު ކަމެއް އަދި އޭނާ މަރާލި ގޮތުގެ އެއްވެސް ތަފްސީލެއް ޓްރަމްޕް ނުދެއްވަ އެވެ. ނަމަވެސް ކުރުދީންގެ އިސް އޮފިޝަލަކު ވިދާޅުވީ ބަޣުދާދީގެ ތަރުޖަމާން އަދި އޭނާގެ އެންމެ ގާތް މީހާ ކަމަށްވާ އަބޫ ހަސަން އަލް މުހާޖިރު ވަނީ ސީރިއާގެ އައިން އަލް ބެއިދާހަށް ދިން ހަމަލާތަކެއްގައި މަރާލާފައި ކަމަށެވެ. އެކަމަކު އެއީ ޓްރަމްޕް އިޝާރާތް ކުރެއްވި ފަރާތް ކަމެއް އަދި ނޭނގެ އެވެ.

ކުރުދީން ހިމެނޭ އެސްޑީއެފްގެ ކޮމާންޑަރު މަޒްލޫމް އަބްދީ ވިދާޅުވީ އަލް މުހާޖިރު މަރާލީ އެސްޑީއެފްގެ އިންޓަލިޖެންސާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ ހަމަލާދީފައި ވަނީ ބަޣުދާދީ މަރުވިތާ އެއް ދުވަސް ފަހުންނެވެ. އެމެރިކާ ސިފައިންގެ އަތް ދަށުވެ ސަލާމަތް ނުވެވޭނެކަން ޔަގީންވުމުން ބަޣުދާދީ ހޮނިހިރު ދުވަހު މަރުވީ އަމިއްލަ އަށެވެ. ކުރުދީން ބުނެފައި ވަނީ ބަޣުދާދީ ހުރި ތަނަކާ ބެހޭ މައުލޫމާތު އެމެރިކާގެ އިންޓަލިޖެންސަށް ފޯރުކޮށް ދިނީ އެ ޖަމާއަތުގެ ޖާސޫސެއް ކަމަށެވެ.

ބަޣުދާދީ މަރުވިތާ އެއް ދުވަސް ފަހު އެ ޖަމާއަތަށް އާ ލީޑަރަކު ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ. ނިއުސްވީކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިއެސްގެ އާ ލީޑަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ސިފައިންގެ އިސް އޮފިސަރެއް ކަމަށްވާ އަބްދުﷲ އަލް ގަރުދާޝް ނުވަތަ ހާޖީ އަބްދުﷲ އަލް އަފާރީ އެވެ.