Roadha Mihaaru
ޖަޕާން ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ޖަޕާނަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

28 އޮކްޓޯބަރ 2019

ޖަޕާނުގެ އާ އެމްޕެރާ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިހްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ޖަޕާނުގެ އާ އެމްޕެރާ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިހްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ޖަޕާން ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވައިފަ އެވެ. މިގޮތުން އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ އެކު ބޭއްވެވި ބައްދަލުކުރެއްވުން ފާހަގަކޮށްލެވެ އެވެ. ދެ ގައުމުގެ ރަސްމީ ވާހަކަތައް ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމާ ބެހޭގޮތުންނާއި ދެ ގައުމުގެ މި ގުޅުން ކުރިމަގުގައި އެކި ދާއިރާތަކުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެ އެވެ.

ރައީސްގެ ދަތުރުފުޅުގައި، ރާއްޖޭގައި ޖަޕާނުގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ކުރިޔަށްގެންދާތާ އެތައް އަހަރެއްވެފައިވާ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ރައީސް ސިނީޗީ ކިޓައޯކާއާ ބައްދަލު ކުރައްވާފައިވެ އެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ޖައިކާ އިން ރާއްޖޭގައި ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވައިފަ އެވެ.

ރައީސް ޖަޕާނަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި، ދިވެހި އާއިލާތަކާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އެ ގައުމުތަކުގައި ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.