Roadha Mihaaru
ރައީސް، ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސް، ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

21 އޮކްޓޯބަރ 2019

ޖަޕާނުގެ އާ އެމްޕެރާ ތަހުތަށް އިސްވެވަޑައިގެންނެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ މިއަދު ބައްދަލުކުރައްވައިިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖަޕާނުގެ އާ އެމްޕެރާ ތަހުތަށް އިސްވެވަޑައިގެންނެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ މިއަދު ބައްދަލުކުރައްވައިިފި އެވެ.

ރައީސްގެ ޓްވީޓް

އަބޭއާ ބައްދަލުކުރެއްވުމަށް ފަހު ކުރެެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ޖަޕާނާއި ރާއްޖެއާ ދެމެދު މިހާރުވެސް އޮތް ލާމަސީލު ގުޅުން އިތުރަށް ވަރުގަދަ ކުރުމާ މެދު، ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަަމަށެވެ.

ރައީސާއި އަބޭގެ ބައްދަލުވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެ ބައްދަލުވުމުގެ ސަބަބުން ޖަޕާނާއި ރާއްޖޭގެ ގުޅުމުގެ އާ ސަފުހާއެއް ހުޅުވިއްޖެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ޖަޕާނަށް ދިޔަ ރާއްޖޭގެ ވަފުދުން އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ އެކު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ޖަޕާނަށް ދިޔަ ރާއްޖޭގެ ވަފުދުން އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ އެކު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ބިނާކުރަނިވި ގުޅުމާއިގެން ކުރިއަށް ދެވޭނެ އެންމެ ރަނގަޅު ގޮތްތަކާ މެދު އަބޭއާ އެކު ރައީސް މަޝްވަރާކުރެއްވި ކަމަށެވެ. ހިންގުމުގެ ދާއިރާ އާއި އިންފްރާސްޓްރަކްޗާ ބިނާކުރުމާއި ފިސްކަލް ޕޮލިސީ އަދި ޖަޕާނުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުކުރުމާ ބެހޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޝާހިދުގެ ޓްވީޓް

ޖަޕާނަކީ ރާއްޖޭގެ އިންފްރާސްޓްރަކްޗާ ބިނާކުރުމަށް އެހީތެރިވެދޭ ގައުމެއް ކަމަށާއި އެގޮތުން އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއިން އެގައުމުގެ އެހީތެރިކަން ރާއްޖެ އަށް ލިބޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ތައުލީމީ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ތިމާވެށި ހިމާޔަތްކުރުމަށް ވެސް ޖަޕާނުން ރާއްޖެއަށް އެހީވެ އެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިކޮށް، ތަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުވުމުގައި ވެސް ޖަޕާނުގެ އެހީތެރިކަން މުހިއްމު ދައުރެއް އަދާކުރި އެވެ.