Roadha Mihaaru
ނަރުހީޓޯ މަގާމާ ހަވާލުވުމުގެ ހަފުލާގައި ރައީސް

ޖަޕާނުގެ އާ އެމްޕަރާ މަގާމާ ހަވާލުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

22 އޮކްޓޯބަރ 2019

ޖަޕާނުގެ އާ އެމްޕެރާ ނަރުހީޓޯ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިަތުމުގެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މިއަދު ބައިވެރިވަޑައިގަނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޖަޕާނުގެ އާ އެމްޕެރާ ނަރުހީޓޯ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިަތުމުގެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މިއަދު ބައިވެރިވަޑައިގަނެފި އެވެ.

ޖަޕާނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ގައުމުގެ އެމްޕެރާ އަކަހީޓޯ މަގާމުން އަމިއްލައަށް ދުރުވެވަޑައިގަތުމަށް ފަހު، ކްރައުން ޕްރިންސް ނަރުހީޓޯ މަގާމަށް އިސްވެވަޑައިގެންނެވި އެވެ. މިހާރު އެ ގައުމުގެ އެމްޕަރާ އަކީ ނަރުހީޓޯ އެވެ.

ޖަޕާނުގެ ތަހުތު ބަދަލުވުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ހާއްސަ އިފްތިލާހެކެވެ. މި ރަސްމިއްޔާތު އެންމެ ފަހުން އެ ގައުމުން ބޭއްވީ މީގެ 30 އަހަރު ކުރިން 1989 އަހަރުގެ ޖެނުއަރީ 7 ގަ އެވެ. އެ ފަހަރު ބޭއްވި އިފްތިލާހުގައި ވެސް ރާއްޖޭގެ އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ބައިވެރިވަޑައިގަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ގިނަ ގައުމުތަކުގެ އިސްވެރިން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތެވެ. އިނގިރޭސި ވިލާތުގެ ކްރައުން ޕްރިންސް ޗާލްސް އާއި ޔުކްރެއިންގެ ރައީސް ވުލްޑޮމިއަ ޒެލެންސްކީ އަދި ދެކުނު ކޮރެއާގެ ބޮޑު ވަޒީރު ލީ ނަކްޔޮން އިތުރުން ދުނިޔޭގެ 170 ގައުމެއްގެ އިއްޒަތްތެރިން މި ރަސްމިއްޔާތުގަިއ ބައިވެރިވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސްގެ ދެކަނބަލުން ޖަޕާނަށް ވަޑައިގަތީ، އެ ގައުމުގެ ސަރުކާރުގެ ހާއްސަ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނު، އެ ގައުމުގެ ބޮޑު ވަޒީރު ޝިންޒޯ އާބެއާ އިއްޔެ ބައްދަލުކުރެއްވި އެވެ.