Roadha Mihaaru
ރައީސްގެ ދެކަނބަލުން ޖަޕާނަށް ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން ޖަޕާނަށް ފުރާވަޑައިގެންފި

19 އޮކްޓޯބަރ 2019

ރާއްޖެ އަށް އެންމެ ގިނައިން ހިލޭ އެހީދޭ އެއް ގައުމު ކަމަށްވާ ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރޭ ޖަޕާނަށް ފުރާވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ އަށް އެންމެ ގިނައިން ހިލޭ އެހީދޭ އެއް ގައުމު ކަމަށްވާ ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރޭ ޖަޕާނަށް ފުރާވަޑައިގެންފި އެވެ.

ޖަޕާން ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ޖަޕާނުގެ އާ އެންޕެރާ ތަހުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި ވެސް ޖަޕާނުން ރާއްޖެ އަށް އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހި ކުރެއްވުމަށް ރައީސް މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެ އެވެ. އެގޮތުން ޖަޕާން ސަރުކާރުގެ އިސްފަރާތްތަކާއި އަމިއްލަ ބައެއް ޖަމުއިއްޔާތަކާ އަދި ކުންފުނިތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެ އާއި ޖަޕާނަކީ ބައިނަލްއަގުވާމީ އެކިއެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރަމުން އަންނަ ރަހުމަތްތެރި ދެ ގައުމެވެ. ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ނޮވެންބަރު 14، 1967 ގަ އެވެ.

ރާއްޖޭގެ ތަރައްގީގެ ގިނަ ކުރިއެރުންތަކުގައި ޖަޕާނުގެ ހިއްސާ ވަރަށް ބޮޑެވެ. ރާއްޖޭގެ އުމްރާނީ، އިޖުތިމާއީ އަދި އިންސާނީ ވަސީލަތްތައް ބިނާ ކުރުމަށް ޖަޕާނުން ގިނަ އެހީތަކެއްވެފައިވެ އެވެ. ގިނަ ސުކޫލުތަކަކާއި ބަނދަރުތަކެއް އެ ގައުމުގެ ހިލޭ އެހީގެ ދަށުން ވަނީ ހަދައިފަ އެވެ. އަދި މަސްވެރިކަމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގައިވެސް ޖަޕާނުގެ ހިއްސާ ބޮޑެވެ.