Roadha Mihaaru
ތަށިން އިސްތައްޓެއް ފެނުނަސް މިހާ އަނިޔާވެރިވާކަށްނުވާނެ

ކާތަށީގައި އިސްތައްޓެއް އޮތުމުން އަނބިމީހާގެ ބޯ ބާލުވައި އިހާނެތިކޮށް ހިތައިފި

11 އޮކްޓޯބަރ 2019

ބަންގްލަދޭޝްގައި އަންހުންނަށް އަނިޔާކުރާ މައްސަަލަތައް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް، ފިރިމީހާ އަށް ދިން ނާސްތާގައި އިސްތައްޓެއް އޮވެގެން ކަމަށް ބުނެ އަނބިމީހާގެ ބޯ ބޭލުވި މައްސަލައެއް ހޫނުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަންގްލަދޭޝްގައި އަންހުންނަށް އަނިޔާކުރާ މައްސަަލަތައް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް، ފިރިމީހާ އަށް ދިން ނާސްތާގައި އިސްތައްޓެއް އޮވެގެން ކަމަށް ބުނެ އަނބިމީހާގެ ބޯ ބޭލުވި މައްސަލައެއް ހޫނުވެއްޖެ އެވެ.

މީޑިއާތަކުން ބުނިގޮތުގައި ބަންގްލަދޭޝްގެ ޖޯޕުރްހަޓް އަވަށުގައި 35 އަހަރުގެ ބަބްލޫ މޮންޑާލް އޭނާގެ 23 އަހަރުގެ އަންހެނުންގެ ބޯ އަންގާރަ ދުވަހު ބޭލުވީ ބަތާއި ކިރުން ތައްޔާރުކުރި ނާސްތާ ތަށީގެ ތެރޭގައި އިސްތައްޓެއް އޮތުމުން ކަމަށް ބުނެފަ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބަބްލޫ ހައްޔަރުކުރީ މި ހާދިސާގެ މައުލޫމާތު އާންމުންނަށް ވެސް ލިބިގެން އޭނާ ހައްޔަރުކުރަން ގޮވާލަމުން ދަނިކޮށެވެ.

ޖޯޕުރްހަޓް އަވަށުގައި ޕޮލިސް ޗީފް ޝަހްރިއާރް ޚާން މީޑިއާތަކަށް ވިދާޅުވީ ބަބްލޫ އަންހެނުންނަށް އިހާނެތިކޮށް ހަދައި އަނިޔާކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަަމަށެވެ.

"އޭނާ ވަނީ ކާތަށިން އިސްތައްޓެއް ފެނިގެން އައި ރުޅީގައި އަންހެނުން ބޯބޭލި ކަމަށް އިއުތިރާފު ވެސް ވެފައި،" ޚާން ވިދާޅުވި އެވެެ. "މިި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަބްލޫ އަށް ވަރަށް އަވަހަށް ދައުވާކުރާނަން،"

ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އަށް މަދުވެގެން 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ބަންގްލަދޭޝްގެ އަންޖެނުންތަކެއް މުޒާހަރާއެއްގައި.

ބަންގްލަދޭޝްގެ އަންޖެނުންތަކެއް މުޒާހަރާއެއްގައި.

ބަންގަލްދޭޝްގައި އަންހެނުންނަށް ގެވެށި އަނިޔާ އާއި ޖިންސީ ގޯނާކުރާ މައްސަލަ ވަރަށް ބޮޑަށް އިތުރުވަމުންދާތީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެ ގައުމުގެ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

އެގޮތުން އައިން އޯ ސަލިޝް ކެންދުރާ ކިޔާ ޖަމާއަތަކުން ބުނިގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރެކޯޑްތަކަށް ބަލާ އިރު ކޮންމެ ދުވަހަކު މަދުވެގެން ތިން އަންހެނަކު ބަންގަލްދޭޝްގައި ރޭޕްކުރެ އެވެ. އަދި މިދިޔަ ޖެނުއަރީން ޖޫން އަށް ޖުމްލަ 630 އަންހެނަކު ރޭޕްކޮށްފައިވާ އިރު، އެ އަމަލު ހިންގުމަށް ފަހު 37 އަންހެނަކު މަރާލާފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް 7 އަންހެނަކު އަމިއްލަ އަށް މަރުވެފައިވާ ކަމަށް ޖަމިއްޔާ އިން ބުންޏެވެ.