Roadha Mihaaru
ފިރިމީހާ އަބަދު ކިޔަވާތީ އަނބިމީހާ ބޭނުމީ ވަރިވާން

ފިރިމީހާ ވަގުތު ނުދީ އަބަދު ކިޔަވާތީ އަނބިމީހާ ބޭނުމީ ވަރިވާން

02 ސެޕްޓެމްބަރ 2019

ވަގުތު ނުދީ، ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އުފާތަކުން މަހުރޫމުކޮށް، ފިރިމީހާ އަބަދު ކިޔަވާތީ އެކަމާ ހިތްހަމަނުޖެހިގެން އިންޑިއާގެ އަންހެނަކު ވަރިވާން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަގުތު ނުދީ، ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އުފާތަކުން މަހުރޫމުކޮށް، ފިރިމީހާ އަބަދު ކިޔަވާތީ އެކަމާ ހިތްހަމަނުޖެހިގެން އިންޑިއާގެ އަންހެނަކު ވަރިވާން ނިންމައިފި އެވެ.

ޕީޗްއެޑީ އޮތް ފިރިހެން މީހާ ވެސް މިހާރު ބޭނުން ވަނީ އަންހެނުންނާ ވަކިވާށެވެ. އޭނާ އަކީ އާއިލާގައި ހުރި ހަމައެކަނި ދަރި ވެސް މެ އެވެ.

ފިރިއެއްގެ ވާބިޖު އަދާނުކުރާ ކަމަށް ބުނެ، މަދިޔަ ޕްރަދޭޝްގެ ބޯޕާލްގައި ދިރިއުޅޭ އަންހެން މީހާ ޑިސްޓްރިކްޓް ލީގަލް ސާވިސް އޮތޯރިޓީ (ޑީއެލްއެސްއޭ) އަށް ހުށަހެޅުމުން އެތަނުން ވަނީ އެ ދެ މީހުން ސުލްހަވުމަށާއި ކައިވެނި ދަމަހައްޓަން މަސައްކަތްކުރަން ކައުންސެލިން ވެސް ދީފަ އެވެ.

ނަމަވެސް އަންހެން މީހާ ބުނާ ގޮތުގައި ކައިވެންޏަށް އަދި މާ ގިނަ ދުވަހެއް ވެސް ވެފައި ނުވާ އިރު އެ ކައިވެނިން އޭނާ އަށް ލިބޭ އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ނެތެވެ. އަދި ފިރިމީހާގެ އަޅާލުން ނުލިބޭތީ، ކައިވެންޏެއްކޮށްގެން އުޅޭކަމުގެ އެއްވެސް އިހުސާސެއް ނެތް ކަމަށާއި އޭނާ އަބަދު ހުންނަނީ އެކަނިވެރިވެ ބާކީވެފައި ކަމަށް ވެސް އަންހެން ބުންޏެވެ.

"އޭނާގެ ކަމަކީ އަބަދު ކިިޔެވުން. ކޮންމެވެސް އިމްތިހާނަކަށް ތައްޔާރުވުން. އެ ނޫން ކަމެއް އޭނާ ކުރާ ކަމަކަށް ނުވޭ،" އަންހެން މީހާ ބުންޏެވެ.

މި މައްސަލާގައި އޭނާ މިހާރު ވަނީ ފިރިހެން މީހާގެ ގެއިން ނުކުމެގެން މައިންބަފައިންގެ ގެއަށް ބަދަލުވެފަ އެވެ. މިކަމާ ގުޅިގެން ފިރިހެން މީހާ ވެސް ބުނީ އަނބިމީހާ ގެއަށް ގެންނަން ކުރި މަސައްކަތް އޭނާ އާއި އާއިލާގެ މީހުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާތީ އެ ކައިވެނިމަތީގައި ދެމިހުންނަން ބޭނުން ނުވާ ކަމަށެވެ.

"ކައިވެނި ކުރި އިރު އަހަރެން އެކަމަކަށް ތައްޔާރެއް ވެސް ނޫން. މައިންބަފައިން ބަލިކޮށް އުޅޭތީ އެ މީހުންގެ ކަންކަމުގައި އެހީވާނެ މީހަކު ހުރުން މުހިއްމުވެގެން ކައިވެނި ކުރަން މަޖުބޫރުވީ،" އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ޑީއެލްއެސްއޭގެ ކައުންސެލަރު ނޫރުއްނިސާ ޚާން ވިދާޅުވީ ދެމަފިރިންނަށް ކައުންސެލިން ދިނުމުގެ އިތުރު ޝެޝަންތަކެއް އަދިވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ވަރިއަކީ އެ ނޫން ގޮތެއް ނެތިގެން އިހުތިޔާރުކުރަން ޖެހޭނެ ގޮތެއް ކަމަށެވެ.